ވޯލްޑް ކަޕްގައި އާޖެންޓީނާ އިން ކުޅޭ ކޮންމެ މެޗަކީ ވެސް މިހާރު ފައިނަލެއް ފަދަ މެޗުތަކެއް ކަމަށް އެޓީމުގެ ކޯޗު ޖޯޖް ސަމްޕައޯލީ ބުނެފިއެވެ.

ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މިރޭ ނައިޖީރިޔާއާ ދެކޮޅަށް އާޖެންޓީނާ ނިކުންނައިރު ދެވަނަ ބުރަށް ދިޔުމަށް އެއްވެސް އުއްމީދެއް އާޖެންޓީނާ އަށް އޮތީ މިރޭގެ މެޗުން މޮޅުވެގެންނެވެ. އާޖެންޓީނާ ހިމެނޭ ގްރޫޕުން ދެވަނަ ބުރުގެ ޖާގައެއް ކްރޮއޭޝިޔާ އިން މިހާރު ވެސް ވަނީ ކަށަވަރުކޮށްފައެވެ.

މޮޅުވުން މަޖުބޫރު މެޗަކަށް އާޖެންޓީނާ މިރޭ ނިކުންނައިރު މި މުބާރާތުގައި އެޓީމަށް އަދި މޮޅެއް ހޯދިފައެއް ނުވެއެވެ. އެގޮތުން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި އައިސްލޭންޑާއި ބައްދަލުކޮށް 1-1 އިން އާޖެންޓީނާ އެއްވަރުވިއިރު ދެވަނަ މެޗުގައި ކްރޮއޭޝިޔާއާ ބައްދަލުކޮށް އެޓީމު ވަނީ 0-3 އިން ބަލިވެފައެވެ.

މިރޭގެ މެޗުގެކުރިން ނޫސްވެރިންނާއި ވާހަކަދައްކަމުން ސަމްޕައޯލީ ބުނީ މުބާރާތުގެ ދެވަނަ ބުރަށް ދިޔުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ދެ ޓީމުން ވެސް މިރޭ ކުރާނެ ކަމަށާއި މިއީ މިރޭގެ މެޗު ޝައުގުވެރިވާ އެއް ސަބަބު ކަމަށެވެ. އަދި މުބާރާތުގައި އާޖެންޓީނާ އަށް ބާކީ އޮތް ކޮންމެ މެޗަކީ ވެސް ފައިނަލެއް ފަދަ މެޗެއް ކަމަށްވެސް ސަމްޕައޯލީ ބުންޏެވެ.

"ދެވަނަ ބުރަށް ދިޔުމަށް ކުރެވެން އޮތް ހުރިހާ ކަމެއް އަހަރުމެން މިރޭ ކުރަންޖެހޭނެ. މުބާރާތުގެ ފައިނަލާއި ހަމަޔަށް އޮތް ކޮންމެ މެޗަކީ ވެސް އާޖެންޓީނާ އަށް މިހާރު ފައިނަލެއް. މިރޭ އަހަރުމެން މި ކުޅެނީ އޭގެތެރެއިން އެއް ފައިނަލް. އާޖެންޓީނާގެ އެންމެ ބަރާބަރު "ވާޝަން" މިރޭ ފެންނާނެ ކަމާމެދު އަހަރެން ޝައްކެއް ނުކުރަން" ސަމްޕައޯލީ ބުންޏެވެ.

މިރޭގެ މެޗު އެއްވަރުކޮށްލައިގެން ވެސް ދެވަނަ ބުރަށް ދިޔުމުގެ ފުރުސަތު ނައިޖީރިޔާ އަށް އޮތްއިރު އެ ޓީމުގެ ކޯޗު ގެރްނޮޓް ރޯ ބުނީ މިރޭގެ މެޗުގައި ނައިޖީރިއާ އިން ކުޅިބަލަން ނުތިބޭނެ ކަމަށާއި އެޓީމުން ވެސް ނިކުންނާނީ ރަނގަޅު ނަތީޖާއެއް ހޯދުމަށް ކަމަށެވެ.

"އަހަރުމެން މިރޭ މި ނިކުންނަނީ ނައިޖީރިއާގެ ކުލަތައް ދިފާއުކުރަން. ފުޓްބޯޅަ އަކީ ނައިޖީރިއާގެ ކިހާ މުހިއްމު އެއްޗެއްކަން އަހަރުމެންނަށް އިނގޭ. ހުރިހާ ކުޅުންތެރިން ވެސް ތިބީ މި މެޗުން މޮޅުވުމުގެ އުއްމީދުގަ" ރޯ ބުންޏެވެ.

އާޖެންޓީނާ އާއި ނައިޖީރިއާ ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 11 ޖަހާއިރުއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މެސީ

    ހާސް ކަނޑާލާ މޮޅު ވާނެ އަދި ދެވަނަ ބުރަށް ނުގޮސް ގައުމަކަށް ނުދާނަން

  2. މުހައްމަދު އަހްމަދު

    އާޖެންޓީނާ ކުޅޭ ފެންވަރަށް ބަލާއިރު މެސީ ހުއްޓަސް ނައިޖީރިއާ މޮޅުވެ އާޖެންޓީނާ ކަޓާނެ ކަމަށް ބެލެވޭ..

  3. ހުމުދު

    ﷲ އިރާދަކުރެެއްވިއްޔާ މިރޭ މެސީގެ މޮޅުކުޅުމާއެކު އާޖެންޓީނާ މޮޅުވާނެ