ރޯމާ އަށް ކުޅެމުން އައި ބެލްޖިއަމްގެ މިޑްފީލްޑަރު ރަޖާ ނައިންގޮލާން އިންޓަ މިލާނަށް ބަދަލުވުމާ ގާތަށް ގޮސްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ރިޕޯޓުތައް ބުނާގޮތުން އުމުރުން 30 އަހަރުގެ ނައިންގޮލާން އިންޓަ އަށް ބަދަލުވާނީ 28 މިލިއަން ޕައުންޑުގެ އަގަކަށެވެ. މި ޓްރާންސްފާ ފުރިހަމަ ކުރުމުގެ ކުރިން ނައިންގޮލާން އިއްޔެ ވަނީ އިންޓަ މިލާންގެ މެޑިކަލް ވެސް ފުރިހަމަކޮށްފައެވެ.

ނައިންގޮލާން އިންޓަ އަށް ބަދަލުވާއިރު އެ ކްލަބުން ވަނީ ރޯމާ އަށް ދެ ކުޅުންތެރިއަކު ދިނުމަށް ނިންމާފައެވެ. އެގޮތުން ރޯމާ އަށް ދިނުމަށް ނިންމާފައިވަނީ އުމުރުން 27 އަހަރުގެ ޑިފެންޑަރު ސަންޓޮން އާއި އުމުރުން 18 އަހަރުގެ މިޑްފީލްޑަރު ނިކޯލޯ ޒަނިޔޯލޯއެވެ.

މިދިޔަ އަހަރުގެ ހޫނު މޫސުމުގައި ރޯމާގެ ކޮންޓްރެކްޓް ނައިންގޮލާން އާކުރިއިރު އޭނާ ވަނީ މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ސެމީފައިނަލަށް ރޯމާ ގެންގޮސްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ.

2014 ވަނަ އަހަރު ރޯމާއާ ގުޅުނު ނައިންގޮލާން އަކީ ފާއިތުވި ސީޒަންތަކުގައި އެ ކްލަބުގެ މެދުތެރޭގައި މުހިއްމު ދައުރެއް އަދާކުރަމުން އައި ކުޅުންތެރިއެކެވެ.

ނައިންގޮލާން ވިއްކާލަން ރޯމާ އިން ނިންމިއިރު އެ ކްލަބުން ވަނީ ޕީއެސްޖީ އަށް ކުޅެމުން އައި ހާވިއޭ ޕަސްޓޯރޭ ގެނައުމަށް ނިންމާފައެވެ. ރޯމާ އަށް ބަދަލުވުމަށް ޕަސްޓޯރޭ އިއްޔެ ވަނީ އިޓަލީ އަށް ގޮސްފައެވެ.