ދާންދޫގައި މިހާރު ކުރިޔަށްދާ މެސްކް ރަމަޟާން ކަޕް 1439 ފުޓްސަލް މުބާރާތުގެ ފައިނަލަށް ޑިވައިން ބޯއިސް އަދި ކްލަބް ރިވެންޖާސް ދަތުރު ކޮށްފިއެވެ.

ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ލޮރެންޒޯ އާއި ބައްދަލު ކޮށް 12-3 ގެ ނަތީޖާ އަކުން މެޗު ކާމިޔާބު ކޮށް ޑިވައިން ބޯއިސް ފައިނަލަށް ދަތުރުކުރިއިރު އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ޑިވައިން ބޯއިސްގެ ޖާޒީ ނަމްބަރު 6 ހުސެއިން ޝަރީފް (އޮންލީ) އެވެ.

މީގެ އިތުރުން ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ޕާކް ހިޔަތް މޯލްޑިވްސް ހަނޑަހާ އާއި ބައްދަލު ކޮށް 7-2 ގެ ނަތީޖާ އަކުން ކްލަބް ރިވެންޖާސް މެޗު ކާމިޔާބު ކޮށް ފައިނަލާއި ހަމަ އަށް އެޓީމު ދަތުރު ކުރިއެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ކްލަބު ރިވެންޖާސްގެ ޖާޒީ ނަމްބަރު 9 އަލީ ހާފިޒްއެވެ.

މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ މާދަމާ ރޭ ދާންދޫ ރައްކަނަ ދަނޑުގައެވެ. މުބާރާތުގެ ފައިނަލް މެޗު މެސްކް ގެ ފޭސްބުކް ޕޭޖުން ލައިވް ކުރާނެއެވެ.

މި މުބާރާތަކީ ދާންދޫގައި ކޮންމެ ރޯދަ އަކާއި ދިމާކޮށް އެރަށު މިއުސިކް އެޑިއުކޭޝަން އެންޑް ސްޕޯޓްސް ކްލަބުގެ ފަރާތުން އިންތިޒާމު ކޮށްގެން ކުރިޔަށް ގެންދާ ރަމަޟާން ފުޓްސަލް މުބާރާތެކެވެ. މުބާރާތުން މޮޅުވާ ޓީމަށް 15،000 ރުފިޔާ ދޭން ހަމަޖެހިފައިވެއެވެ. އަދި ރަނަރަޕް ޓީމަށް ދޭން ހަމަޖެހިފައި ވަނީ 7500 ރުފިޔާއެވެ.