އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަން (އައިޓީޓީއެފް) އިން އިންތިޒާމުކޮށްގެން ޕޯޗުގަލް އަދި އޮމާންގައި ބާއްވާ ބައިނަލްއަގުވާމީ ދެ މުބާރާތެއްގައި ރާއްޖޭގެ އުއްމީދީ ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ ބައިވެރިކުރަން ނިންމައިފިއެވެ.

މި ދެ މުބާރާތުގައި ދީމާ ބައިވެރިކުރަން ނިންމާފައިވަނީ ވޯލްޑް ޓޭބަލް ޓެނިސް ޔޫތު ސީރީޒްގެ ދަށުން ކަމަށް ޓީޓީ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން މައުލޫމާތުދެއެވެ.

ޕޯޗުގަލްގެ ލިޒްބަންގައި ބާއްވާ ވޯލްޑް ޓޭބަލް ޓެނިސް ޔޫތު ސްޓާ ކޮންޓެންޑާ މުބާރާތް ކުރިޔަށްދާނީ ސެޕްޓެމްބަރ 18 އިން 22 ގެ ނިޔަލަށެވެ. އެ މުބާރާތަށްފަހު އޮމާނުގެ ވެރިރަށް މަސްކެޓުގައި ބާއްވާ ފަނަރަ އަހަރުންދަށުގެ ވޯލްޑް ޓޭބަލް ޓެނިސް ޔޫތު ކޮންޓެންޑާ މުބާރާތް ކުރިޔަށްދާނީ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހުން 16 ވަނަ ދުވަހުގެ ނިޔަލަށެވެ.

ދީމާއަކީ ރާއްޖޭގެ ތާރީހު ދުށް އެންމެ މޮޅު އަންހެން ޓީޓީ ކުޅުންތެރިންގެ ތެރެއިން އެކަކެވެ. ދުނިޔޭގެ ޓީޓީ ރޭންކިންގެ 15 އަހަރުންދަށުގެ އަންހެން ކުޅުންތެރިންގެ ބައިގައި ދީމާ މިހާރު ހިމެނެނީ 11 ވަނައިގައެވެ. މީގެކުރިން ދީމާ ވަނީ 8 ވަނައިގައި ވެސް ހިމެނިފައެވެ. މިއީ ރާއްޖޭގެ ތާރީހުގައި ރޭންކިންގެ ގަދަ 10 އަށް ފުރަތަމަ ދިވެހި ކުޅުންތެރިޔާ އެވެ.

ދީމާ އެންމެ ފުރަތަމަ ވިދާލީ 2016 ވަނަ އަހަރު މެލޭޝިއާގައި ބޭއްވި މުބާރާތެއްގެ 11 އަހަރުންދަށުގެ އުމުރުފުރާއިންނެވެ. އެފަހަރު އޭނާ ވަނީ ވަރުގަދަ ގިނަ ކުޅުންތެރިންތަކެއް ބަލިކޮށްފައެވެ. އެއަށްފަހު ދީމާ ވަނީ ސްރީ ލަންކާގެ ޖޫނިއާ ނެޝަނަލް ޓޭބަލް ޓެނިސް މުބާރާތުގެ 10 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދާފައެވެ.

މީގެއިތުރުން އުމުރުން އެންމެ 11 އަހަރުގައި އޭނާ ވަނީ 2019 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް (އައިއޯއައިޖީ) އިން ތިން ރަން މެޑަލް ހޯދާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ވ. ފުރިހަމަ ކާމިޔާބީއަކަށް އެދެން.
    ދިވެހި ޤައުމުގެ ފަޚްރުވެރި ދަރިއެއް
    ހުރިހާ ބޭފުޅުންނަށް މިދަރިފުޅަށް ކާމިޔާބު ދެއްވުން އެދި ދުޢާ ކޮށްދެއްވާ

    10
    1
  2. ޓޮއް

    ހަމަ ބަލިވާނި

    2
    7