ޖަޕާނުގެ ޓޯކިޔޯގައި މިހާރު ކުރިޔަށްދާ އޮލިމްޕިކްސް 2020 ގެ ފިރިހެނުންގެ ފުޓުބޯޅަ އިވެންޓުގެ ފައިނަލުގައި ބައްދަލުކުރާ ދެ ޓީމަކަށް ދުނިޔޭގެ ފުޓުބޯޅައިގެ ގަދަ ދެ ބާރު ކަމަށްވާ ސްޕެއިން އާއި ބްރެޒިލް ވެއްޖެއެވެ.

ފައިނަލުގެ ޖާގައެއްް ސްޕެއިން ހޯދާފައިވަނީ ސެމީފައިނަލުގައި ޖަޕާން 1-0 އިން ބަލިކޮށްގެންނެވެ. ޓޯކިއޯގެ ސައިޓާމާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުން ސްޕެއިން މޮޅުވެ ފައިނަލަށް ދިޔައީ މެޗުގެ އިތުރު ވަގުތުގެ ދެ ހާފުގައި ލަނޑު ޖަހައިގެންނެވެ.

ޖަޕާނުން ވަނީ މި މެޗުގައި ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ. ސްޕެއިންގެ ކުދި ޕާސްތައް ހުއްޓުވަން ޖަޕާނުން ވަނީ މޮޅު ޑިފެންސިވް ކުޅުމެއް ކުޅެފައެވެ. މެޗުގެ ބޮޑުބައި ސްޕެއިން އަށް ޖެހުނީ ގިނަ އުނދަގޫތަކާއި ކުރިމަތިލާށެވެ.

މެޗުން ސްޕެއިން މޮޅުވި ލަނޑު ޖަހާފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަަމަވެގެން ކުޅުނު އިތުރުވަގުތުގެ ދެ ހާފުގެ ތެރެއިން ދެވަނަ ހާފުގެ ތެރޭގައެވެ. މި ލަނޑު މާކޯ އަސެންސިއޯ ކާމިޔާބުކޮށްފައިވަނީ މިކެލް އޮޔަޒަބަލް ދިން ބޯޅައަކުންނެވެ.

މިފަހަރުގެ އޮލިމްޕިކްސް ފިރިހެނުންގެ ފުޓުބޯޅަ ކާމިޔާބުކުރާ އެއް ފެވަރިޓް ޓީމަކީ ސްޕެއިން އެވެ. އެ ޓީމުން އޮލިމްޕިކްސްގައި އެންމެ ފަހުން ރަން މެޑަލް ހޯދާފައިވަނީ އެ ގައުމުގައި 1992 ގައި ބޭއްވި ފަހަރެވެ. މީގެއިތުރުން އޮލިމްޕިކްސްގައި އެ ގައުމުން މިހާތަނަށް ދެ ރިހި މެޑަލް ހޯދާފައިވެއެވެ.

މުބާރާތުގެ ފައިނަލަށް ބްރެޒިލް ދަތުރުކޮށްފައިވަނީ ސެމީފައިނަލުގައި މެކްސިކޯ އާއި ވާދަކޮށް ޕެނަލްޓީ ޖަހައިގެން 4-1 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.

ޖަޕާންގެ ކަޝިމާ ސްޓޭޑިއަމުގައި ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު އެއްވެސް ޓީމަކަށް ލީޑު ނެގިފައި ނެތުމުން ކުޅުނީ އިތުރު ވަގުތުގެ ދެ ހާފެވެ. މި ދެ ހާފުގައިވެސް ނަތީޖާ ނުނެރުމުން ދެން ޖެހީ ޕެނަލްޓީއެވެ. ޕެނަލްޓީގައި ބްރެޒިލް ޖެހި ހަތަރު ޕެނަލްޓީވެސް ކާމިޔާބުކޮށްފައިވެއެވެ. މެކްސިކޯގެ ފުރަތަމަ ދެ ޕެނަލްޓީ ދިޔައީ ނާކާމިޔާބުވެގެންނެވެ.

ގޭމްސްގެ ފިރިހެން ފުޓުބޯޅައިގެ އެންމެ ފަހުގެ ޗެމްޕިއަނަކީ ބްރެޒިލް އެވެ. އަމިއްލަ ގައުމުގައި 2016 ވަނަ އަހަރު ބޭއްވި ގޭމްސްގައި ހޯދި ރަން މެޑަލްގެ އިތުރުން ދެ ރިހި މެޑަލް އަދި އެއް ލޯ މެޑަލް ވަނީ ހޯދާފައެވެ.