ވޯލްޑް ކަޕް މިހާތަނަށް ގިނަ މެޗްތަކެއް ކުޅެފައިވާއިރު ގިނަ ބައެއްގެ ތެރޭގައި ވޯލްޑްކަޕްގެ ފޯރި ދަނީ ގަދަވަމުންނެވެ. އެއާއިއެކު ވޯލްޑްކަޕްގައި ކުޅޭ ކުޅުންތެރިންނަށް ހަޖޫޖަހާ މީހުންވެސް ގިނަވަމުންދެއެވެ.

މި ވޯލްޑް ކަޕްގައި ބްރެޒިލްގެ ކުރިޔަށް ކުޅޭ ކުޅުން ތެރިއެއް ކަމަށްވާ ޖޭއާރ ނޭމާއަށް ގިނަ ބަޔަކު ފާޑު ކިޔުން އަމާޒުވެފައިވަނީ ފައުލް ކުރި ކަމަށްބުނެ ވެއްޓޭ ކުޅުން ތެރިއެއްގެ ގޮތުގައެވެ. ބައެއް މީހުން ޤަބޫލު ކުރާ ގޮތުގައި ނޭމާ ގިނަ ފަހަރަށް ކުރަނީ އެކްޓެވެ.

ކޯސްޓަރިކާގެ މެޗްގައި ފައުލް ކުރި ކަމަށްބުނެ ނޭމާ ވެއްޓުމުން ރެފްރީ ޕެނަލްޓީ އެއް ދޭން ނިންމާ، ފަހުން ވީ.އޭ.އާރ (ވީޑިއޯ އެސިސްޓެންޓް ރެފްރީ) ބޭނުންކޮށް ފައުލް އެއް ނޫން ކަމަށް ކަޑައެޅުމުން އޭނާއަށް އަމާޒުވި ފާޑު ކިޔުންތައް އިތުރު ވެގެން ދިޔައެވެ.

ފާޑު ކިޔުންތައް އަމާޒުވެފައިވާ މިދަނޑިވަޅުގައި ވިޔަފާރި ވެރިންވެސް ދަނީ މިކަމުގެ ފައިދާ ނަގަމުން ނެވެ. އެމީހުން އިޝްތިޙާރު ކުރުމަށް މިފަހަރު ބޭނުން ކުރަންފެށީ ކުޅުންތެރިންނެވެ. މިގޮތުން ބުރެޒިލްގެ ލުއި ބުއިން ވިއްކާ ފިހާރައަކުން ބުނެފައިވަނީ ނޭމާ ވެއްޓޭ ކޮންމެ ފަހަރަކު ހިލޭ ބުއިން އެތަނުގައި އެވަގުތަކު ތިބޭ ބަޔަކަށް ބަހާނެ ކަމަށެވެ.

މިވާހަކަ އެތައް ބައެއްގެ ސަމާލުކަމަށް އައިސް ބޮޑެތި ނޫސްތަކުގެ ސުރުޚީތަކަށް އަރާފައި ވާއިރު، ގިނަ ބަޔަކު މިހާރު ތިބީ ބްރެޒިލްގެ ކުރިއަށްއޮތް މެޗް މި ރެސްޓޯރެންޓުގައި ތިބެ ބެލުމަށް ކެތްމަދުވެފައެވެ.