ދުނިޔޭގެ ފުޓުބޯޅަ އިދާރާ، ފީފާ އިން އާޖެންޓީނާގެ ޤައުމީ ޓީމު، އެއްލައްކަ ފަސް ހާސް އެމެރިކާ ޑޮލަރުން ޖޫރިމަނާކޮށްފިއެވެ. އެޤައުމު ޖޫރިމަނާކޮށްފައިވަނީ، ކްރޮއޭޝިޔާއާއެކު ކުޅުނު މެޗުގަޔާއި އެމެޗަށް ފަހު ހިނގައިދިޔަ ކަންތައްތަކެއްގެ ސަބަބުންނެވެ.

ބައިނަލްއަޤުވާމީ ކުޅިވަރު ރިޕޯޓުތައް ބުނާގޮތުގައި ފީފާ އިން އާޖެންޓީނާ ޖޫރިމަނާކޮށްފައި ވަނީ އާޖެންޓީނާގެ ސަޕޯޓަރުން، ހިންގާފައިވާ ކުޅިވަރުގެ ރޫޙާ ޚިލާފު ކަންތައްތަކެއްގެ ސަބަބުންނެވެ.

ނިޒްނީ ނޮވްގޮރޮޑް ސްޓޭޑިއަމުގައި އާޖެންޓީނާއާއި ކްރޮއޭޝިޔާ ބައްދަލުކުރި މެޗުގައި، އާޖެންޓީނާގެ ސަޕޯޓަރުންވަނީ ކްރޮއޭޝިއާ ސަޕޯޓަރުންނާ ދިމާއަށް ބައެއް ތަކެތި އުކާފައެވެ. ގެއްލުން ލިބިދާނެފަދަ ބައެއް ތަކެތި އުކާފައިވާއިރު، ބޭއަދަބީ ބަހުން ވާހަކަ ދައްކާ، ކްރޮއޭޝިޔާގެ ސަޕޯޓަރުންނަށް އިންޒާރު ދީފައިވާކަމަށްވެސް މައުލޫމާތު ލިބެއެވެ. މި މަންޒަރުތައް، ކެމެރާއަށް އަރައި ރިކޯޑު ކުރެވިފައިވާކަމަށްވެސް މައުލޫމާތު ލިބެއެވެ.

މީގެއިތުރުން، ބޮޑު ތަފާތަކުން އާޖެންޓީނާ ބަލިވި މެޗަށްފަހު، އެޤައުމުން، ޕްރެސް ކޮންފަރެންސް އަށް ހާޟިރުނުވުމުން ވެސް ވަނީ ޖޫރިމަނާކޮށްފައެވެ. ފީފާގެ ޤަވާއިދު ބުނާގޮތުން، މި ޕްރެސް ކޮންފަރެންސް އަށް ދިއުމަކީ މަޖުބޫރު ކަމެކެވެ.

އާޖެންޓީނާގެ އިތުރުން، މެކްސިކޯ ސަޕޯޓަރުން ކޮށްފައިވާ ބައެއް ޢަމަލުތަކުގެ ސަބަބުން ފީފާ އިން ވަނީ އެޤައުމުވެސް ޖޫރިމަނާކޮށްފައެވެ.