މިނިވަން ދުވަހާއި ދިމާކޮށް ނ.މަނަދޫ ޗެސްޓަރ ސްޕޯޓްސް އިން އިންތިޒާމުކޮށްގެން ބާއްވާ ތިންވަނަ "ޗެސްޓަރ ވިމެންސް ފުޓްސަލް ޓޯނަމަންޓް" ގެ ވަރުގަދަ ފައިނަލް މެޗު މިރޭ ކުޅޭނެއެވެ.

ފައިނަލުގައި އެއްކޮޅުން ބައްދަލުކުރާ ޓީމަކީ ސިކާޑާ ގާލްސް އެވެ. އެ ޓީމު ފައިނަލަށް ދިޔައީ ސެމީފައިނަލުގައި ޓީމް ފެނަކަ 1-0 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ.

ސިކާޑާ އާއެކު ފައިނަލުގައި ދެން ބައްދަލުކުރާ ޓީމަކީ ލީގު އުސޫލުން ކުޅުނު ބުރުގައި އެންމެ ގިނަ ޕޮއިންޓް އެއްކުރި ބްލޮސޮމް އެފްސީ އެވެ. އެ ޓީމު ފައިނަލަށް ދިޔައީ ސެމީފައިނަލުގައި ވައި ނޮޓް 2-1 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ.

މި މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ މިރޭ 21:00 މަނަދޫ ފުޓްސަލް ދަނޑުގައެވެ. ރާއްޖޭގެ މަގްބޫލު އެއް މޮބައިލް ފިހާރަ ކަމަށްވާ ބެސްޓް ބައި މޯބައިލްގެ މެއިން ސްޕޮންސަރކަމުގެ ދަށުން މި މުބާރާތް ކުރިޔަށްދަނީ ޖުމްލަ 7 ޓީމާއެކު ލީގު އުސޫލުންނެވެ. ސެމީފައިނަލަށް ހޮވިފައިވަނީ މި ހަތް ޓީމުގެ މެދުގައި ކުޅުނު މެޗުތަކުން އެންމެ ރަނގަޅު ނަތީޖާ ނެރުނު ހަތަރު ޓީމެވެ.

މި މުބާރާތް އެންމެ ފަހުން ބާއްވާފައިވަނީ 2019 ގައެވެ. އެފަހަރު މުބާރާތުގައި ވެސް ވާދަކޮށްފައިވަނީ 7 ޓީމެވެ. އެންމެ ފަހުން ބޭއްވި މުބާރާތުގެ ޗެމްޕިއަން ޓީމަކީ ބަބުރު އެވެ. އެ ޓީމު ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ބްލޮސޮމް 5-0 އިން ބަލިކޮށްގެންނެވެ.

ކިޔުންތެރިންގެ ހިޔާލު