ހިތަށް ޑިވައިޒްއެއް ލައްވާފައިވުމުގެ ސަބަބުން އިޓަލީގެ އިންޓަ މިލާނަށް ކުޅެމުން އަންނަ ޑެންމާކުގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަނަށް ނުކުޅެވޭތީ އޭނާއަށް ކުޅެވޭނެ ގޮތެއް ވޭތޯ ބެލުމުގެ މަސައްކަތް ފަށައިފިއެވެ، .

އުމުރުން 29 އަހަރުގެ ކުޅުންތެރިޔާ ވަނީ ނިމިދިޔަ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ތެރެއިން ފިންލޭންޑާއި ދެކޮޅަށް ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުގެ ތެރެއިން ހިތް ހުއްޓިގެން ދަނޑުމައްޗަށް ވެއްޓިފައެވެ. މެޗުގެ 43 ވަނަ މިނެޓުގައި ހިނގި މި ހާދިސާއަށްފަހު އެރިކްސަން ވަނީ ދަނޑުމަތީގައި އިތުރު ފަރުވާ ދީފައެވެ.

އެރިކްސަން ދަނޑުމައްޗަށް ވެއްޓުމާއި ގުޅިގެން ޑެންމާކް ޓީމުގެ ހުރިހާ ކުޅުންތެރިން އޭނާ ވަށާލިއެވެ. އަދި ސަޕޯޓަރުން ފުރިފައިވާ އެ ދަނޑަށް ހަަމަހިމޭންކަން ވެރިވިއެވެ. ދަނޑުމަތީގައި ޑިފިބްލިރޭޓަރ ނުވަތަ ހިތަށް ޝޮކުދޭ އާލާތެއްގެ އެހީގައި އޭނާއަށް ވަނީ ފަރުވަދީފައެވެ. އަވަސް ފަރުވާދިނުމުން އެރިކްސަން އަށް ހޭވެރިކަން ވިއެވެ. އެއަށްފަހު އޭނާ ހޮސްޕިޓަލަށް ގެންދިޔައެވެ.

ޑޮކްޓަރުންގެ ލަފާގެ މަތިން އެރިކްސަން ވަނީ ހިތަށް ޑިވައިޒެއް ލައްވާފައެވެ. މިއީ ހިތުގެ ވިންދު އެއްހަމައެއްގައި ހިފެހެއްޓުމަށް އެހީވެދޭ ޑިވައިޒެކެވެ. އެއާއެކު ދެން އެންމެ ބޮޑު ކަންބޮޑުވުމެއް އައީ އެ ޑިވައިޒާއެކު އޭނާއަށް ފުޓުބޯޅަ ކުޅެން އޮތް ހުރަހެވެ. އިޓަލީ ލީގުން ވަނީ ހިތަށް ޑިވައިޒް ލައްވައިގެން ނުކުޅެވޭނެކަން އަންގާފައެވެ. އަދި އެހެން ލީގުތަކުގައި ވެސް ގަވާއިދު އޮތީ އެގޮތަށެވެ.

ނަމަވެސް އެރިކްސަން އަށް ކުޅެވޭނެ ފުރުސަތެއް ލިބިދާނެކަމުގެ ފެހި ސިގްނަލެއް ލިބުމާއި އެކު އޭނާ ވަނީ އެނބުރި އިންޓަމިލާނަށް ގޮސްފައެވެ. އަދި އެރިކްސަންގެ ޓެސްޓުތަކެއް ހެދުމަށް ނިންމާފައިވެއެވެ. ގާތްގަނޑަކަށް 48 ގަޑިއިރުގެ އެ ޓެސްޓުތަކަށް ފަހު އިޓަލީ ލީގުގައި އޭނާއަށް ކުޅެވިދާނެކަން ޔަގީންވެގެންދާނެ އެވެ. ނުވަތަ ނުކުޅެވޭނެކަން ވެސް އެނގިގެންދާނެ އެވެ.

އިނގިރޭސި ކުލަބް ޓޮޓެންހަމް ދޫކޮށް މިދިޔަ ޖެނުއަރީ މަހު އެރިކްސަން އިންޓަމިލާނަށް ބަދަލުވެފައިވަނީ 16.9 މިލިއަން ޕައުންޑަށެވެ. އެރިކްސަން އަކީ ޑެންމާކް ގައުމީ ޓީމުގައިވެސް މުހިއްމު ކުޅުންތެރިއެކެވެ.