އިޓަލީގެ އިންޓަމިލާނަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫ ހޯދުމަށް ޗެލްސީން އަނެއްކާވެސް ރެކޯޑު ބިޑެއް ހުށައަޅަން ތައްޔާރުވަމުން އަންނަކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ޗެލްސީން އެންމެ ފުރަތަމަ ހުށައެޅީ 100 މިލިއަން ޕައުންޑެވެ. ނަމަވެސް އިންޓަމިލާނުން ވަނީ އެ ހުށައެޅުން ގަބޫލުނުކޮށްފައެވެ. ޗެލްސީގެ ހުށައެޅުމަކީ އެއްފަހަރާ އެ އަދަދު ދައްކާގޮތަށެވެ.

ރިޕޯޓުތައް ބުނާގޮތުން ޗެލްސީން މިހާރު މަސައްކަތްކުރަނީ 130 މިލިއަން ޕައުންޑް އިންޓަމިލާނަށް ހުށައަޅާށެވެ. ބިޑުގެ އަދަދު އިތުރުކުރި އިރު މި އަދަދު އިންޓަމިލާނުން ގަބޫލުކޮށް ލުކާކޫ ވިއްކާލަން އެއްބަސްވެއްޖެ ނަމަ މިއީ ބޮޑު ރެކޯޑެކެވެ.

ލުކާކޫ އަކީ ޗެލްސީގެ މިިހާރުގެ ކޯޗު ތޯމަސް ޓުޗެލް މި ސީޒަނުގައި އެންމެ ގެންނަން ބޭނުންވާ އެއް ކުޅުންތެރިޔާއެވެ. ޗެލްސީން ރަސްމީކޮށް ލުކާކޫ ގެންނަން މަސައްކަތް ފެށީ ނިމުނު ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ތެރެއިންނެވެ. ނަމަވެސް މިވީހާ ދުވަހަށް އިންޓަމިލާނުން ބުނަމުން ދިޔައީ ލުކާކޫ ނުވިއްކާނެ ކަމަށެވެ.

ބައެއް ރިޕޯޓުތައް ބުނާގޮތުން ލުކާކޫ ވަނީ ޗެލްސީއަށް ބަދަލުވާން ޝަައުގުވެރިކަން ފާޅުކޮށް އެކަން ކުލަބުގެ މެނޭޖުމަންޓަށް އަންގާފައެވެ. އަދި އެ ކުލަބަށް ބަދަލުވުމުގެ ކަންކަން ފަހިކޮށްދިނުމަށް ވެސް ލުކާކޫ ވަނީ އެދިފައެވެ.

މި ބިޑު ހުށައަޅައިފި ނަމަ މިއީ ލުކާކޫ ހޯދަން ޗެލްސީން ހުށައަޅާނެ ތިންވަނަ ބިޑެވެ. އެންމެ ފުރަތަމަ ލުކާކޫ ހޯދަން ޗެލްސީން ހުށައެޅީ 94 މިލިއަން ޑޮލަރެވެ. ނަމަވެސް އެ ބިޑު އިންޓަމިލާނުން ދޫކޮށްލުމުން މާ ގިނަދުވަހެއް ނުވެ އަނެއްކާވެސް ޗެލްސީން ބިޑުކުރި އެވެ. އެއީ 100 މިލިއަން ޑޮލަރަށެވެ. ނަމަވެސް މިފަހަރުވެސް އެ ހުށައެޅުން ވަނީ ބޭރުކޮށްލާފައެވެ.

ލުކާކޫ އެންމެ ފުރަތަމަ ބޮޑު ކުލަބަކަށް ކުޅުނީވެސް ޗެލްސީއަށެވެ. އެއީ 2011 ވަނަ އަހަރުގައެވެ. ޗެލްސީގެ ކޮންޓްރެކްޓުގައި ހުރެ އޭނާ ވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން އެވަޓަން އާއި ވެސްޓް ބްރޮމް އަށް ކުޅެފައެވެ. އޭގެފަހުން ޗެލްސީ ދޫކޮށް 38 މިލިއަން ޑޮލަރަށް އެވަޓަން އަށް ބަދަލުވީ 2014 ވަނަ އަހަރުގައެވެ.

ލުކާކޫ އިންޓަމިލާނަށް ބަދަލުވީ މެންޗެސްޓަރ ޔުނައިޓެޑަށް ކުޅުމަށްފަހު މީގެ ދެ އަހަރުކުރިންނެވެ. އޭނާ ވަނީ އިންޓަމިލާނުގައި މޮޅު ކުޅުމެއް ދައްކާފައެވެ.