މި ސަރައްހަދުގައިވެސް ވޮލީ ބޯޅަ ކުރިއެރުވުމަށް އެންމެ ބޮޑު ހޭދައެއް ކުރަމުންދާ ޤައުމަކީ ދިވެހިރާއްޖެ ކަމަށް ވޮލީބޯޅަ އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

19 ވަނަ އިންޓަރ ރިސޯޓް ވޮލީ ބޯޅަ މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވޮލީ ބޯޅަ އެސޯސިއޭޝަންގެ ރައީސް ވިދާޅުވީ، ވޮލީބޯޅަ ކުރިއެރުވުމަށް އަދުގެ ސަރުކާރުން ނުހަނު ބޮޑު ހޭދައެއް ކުރައްވަމުންދާ ކަމަށެވެ. އެގޮތުން މިސަރަހައްދުގެ އެހެން ޤައުމުތަކާއި އަޅާބަލާއިރު ރާއްޖެއަކީ ސަރުކާރުން އެންމެ ބޮޑު ހޭދައެއް ކޮށްގެން ވޮލީ ތަރައްޤީ ކުރުމަށް އެންމެބޮޑު މަސައްކަތެއް ކުރަމުންދާ ޤައުމު ކަމަށް ލަތީފް ވިދާޅުވިއެވެ.

އިންޓަރ ރިސޯޓް ވޮލީބޯޅަ މުބާރާތަކީ ވޮލީބޯޅަ އެސޯސިއޭޝަނުން ނުހަނު އިސްކަމެއް ދީގެން ބާއްވަމުންދާ މުބާރާތެއް ކަމަށާއި، މުބާރާތް ބޭއްވުމުގައި ރިސޯޓްތަކުން ދެއްވާ އެހީތެރިކަމާއި އެއްބާރުލުމަކީ މިހާ ދުވަހު މި މުބާރާތް ބޭއްވުމުގެ އެންމެބޮޑު ސަބަބު ކަމުގައި ލަތީފް ވިދާޅުވިއެވެ. އަދި އެސޯސިއޭޝަނުން ވެސް މަސައްކަތް ކުރަނީ މި މުބާރާތަކީ ފޯރިގަދަ އަދި ރަނގަޅު އިންތިޒާމްތަކާއިއެކު ބޭއްވޭ މުބާރާތަކަށް ހެދުމަށް ކަމުގައިވެސް ލަތީފް ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ލަތީފް ވިދާޅުވީ މިހުރިހާ މުބާރާތްތަށް ބޭއްވި ވޮލީބޯޅަ ކުރިއެރުވުމަށް ގިނަ ކަންތައްތަކެއް ކުރެވިގެން މިދަނީ ސަރުކާރުން ވަކިން ޙާއްސަކޮށް އަދުގެ ރައީސުލް ޖުމްހޫރިއްޔާގެ ފަރާތްޕުޅުން ލިބިގެންދާ އެހީތެރިކަމާއި އެއްބާރުލުމާއި އެކުގައި ކަމަށެވެ. އެގޮތުން ޤައުމީ ޓީމުގެ ކުޅުންތެރިންނަށް މުސާރަ ކަނޑައެޅުމާއި، ބައިނަލް އަޤުވާމީ ގިނަ މުބާރާތްތަކާއި، ތަމްރީން ދަތުރުތައް ބޭއްވިގެންދަނީ ސަރުކާރުން ވޮލީއަށް ދެއްވާ ޙާއްސަ އަހައްމިއްޔަތުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވިއެވެ.

19 ވަނަ އިންޓަރ ރިސޯޓް ވޮލީ ބޯޅަ މުބާރާތް ހުޅުވުމަށް ބަނޑޮސް އައިލެންޑް ރިސޯޓްގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ދިވެހިރާއްޖޭގެ ޓުވަރިޒަމް މިނިސްޓަރ މޫސާ ޒަމީރެވެ.