މުބާރާތުގައި ކުޅުނު ފުރަތަމަ ދެ މެޗުން މާ ރަނގަޅު ކުޅުމެއް ނުދެއްކުނު ނަމަވެސް، ދެ މެޗުން މޮޅުވެ ފްރާންްސް ވަނީ ގުރޫޕް ސީ އިން ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފަ އެވެ. ގުރޫޕްގެ ފަހު މެޗުގައި މިރޭ ޑެންމާކްއާ ދެކޮޅަށް ނުކުންނައިރު، އެ މެޗުން ޕޮއިންޓެއް ލިބުނަސް ފްރާންސަށް ގުުރޫޕްގެ އެއްވަނަ މަޤާމު ކަށަވަރުވާނެ އެވެ.
ފްރާންސަށް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވެފައި އޮތުމުން، މިރޭގެ މެޗަށް އެ ޓީމުގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ކޮންމެ ވެސް ވަރެއްގެ ބަދަލުތަކެއް ގެންނާނެ ކަމަށް ބެެލެވެ އެވެ. މުބާރާުތުގައި ރީނދޫ ކާޑު ހޯދާފައިވާ ދެ މިޑްފީލްޑަރުން ކަމަށްވާ ޕޯލް ޕޮގްބާ އާއި ބްލައިސް މަޓުއީޑީ އަށް މިރޭގެ މެޗުގައި ރެސްޓް ދީފާނެ އެވެ.
ޑެންމާކް ވަނީ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ޕެރޫ އަތުން މޮޅުވެ، ދެވަަނަ މެޗުގައި އޮސްޓްރޭލިއާއާ އެއްވަރުވެފަ އެވެ. ފްރާންސްއާ ދެކޮޅަށް ފަހު މެޗަށް ނުކުންނައިރު، ޑެންމާކް އޮތީ ހަތަރު ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގަ އެވެ. އެއް ޕޮއިންޓާއެކު ތިން ވަނައިގައި އޮތީ އޮސްޓްރޭލިއާ އެވެ. ޕޮއިންޓެއް ނުލިބި ތާވަލްގެ ފުލުގައި އޮތީ ޕެރޫ އެވެ. ޕެރޫ އަށް ދެވަނަ ބުރުގެ ފުރުސަތެއް ނެތެވެ.
ފްރާންސްއާ ދެކޮޅަށް ކުޅޭ މެޗުން ޕޮއިންޓެއް ލިބުނަސް، ޑެންމާކަށް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވާނެ އެވެ.
މި މެޗަށް ނުކުންނައިރު ޑެންމާކްގެ ފޯވަޑް ޔޫސުފް ޕޯލްސަން އަށް ވަނީ ދެ ކާޑު ހަމަވެފަ އެވެ. އަދި އަނިޔާގެ ސަބަބުން ވިލިއަމް ކްވިސްްޓަށް ވެސް ވަނީ އަނިޔާވެފަ އެވެ.
ޑެންމާކް:
ވޯލްޑް ކަޕްގެ ދެވަނަ ބުރަށް ޑެންމާކް އެންމެ ފަހުން ދަތުރުކުރީ 2002 ވަނަ އަހަރު.
ވޯލްޑް ކަޕްގައި ޔޫރަޕްގެ ޓީމުތަކާ ދެކޮޅަށް ޑެންމާކް އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން އެ ޓީމު ވަނީ ބަލިވެފަ.
ފްރާންސް:
ޑެންމާކްއާ ދެކޮޅަށް އެންމެ ފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން ހަ މެޗުން ފްރާންސް ވަނީ މޮޅުވެފަ.
ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުގެ ހުރިހާ މެޗަކުން ފްރާންސް މިހާތަނަށް މޮޅުވީ 1998 ވަނަ އަހަރު. އެ މުބާރާތުގެ ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ވެސް ފްރާްންސް ނުުކުތީ ޑެންމާކާ ދެކޮޅަށް.
އެނގޭތަ؟
ފްރާންސް އާއި ޑެންމާކް ވަނީ 1998 އަދި 2002 ވަނަ އަހަރު ވޯލްޑް ކަޕްގައި ބައްދަލުކޮށްފަ އެވެ. ފްރާންސް ވަނީ 1998 ވަނަ އަހަރު ޑެންމާކް ބަލިކޮށްފަ އެވެ. ޑެންމާކް އިން ވަނީ 2002 ވަނަ އަހަރު ފްރާންސްގެ މައްޗަށް ކުރި ހޯދައިފަ އެވެ.