ޖަޕާނުގައި މިހާރު ކުރިޔަށްދާ އޮލިމްޕިކްސްގެ ފިރިހެން ފުޓުބޯޅަ އިވެންޓުގެ ފައިނަލުގައި ސްޕެއިން ބަލިކޮށް ރަން މެޑަލް ބްރެޒިލްގެ ޓީމު ޖެހިޖެހިގެން ދެވަނަ ފަހަރު ހޯދައިފިއެވެ.

މިފަހަރު އެންމެ ވަރުގަދަވާނެ ކަމަށް ބެލެވުނު ސްޕެއިން ބަލިކޮށް ބްރެޒިލް ރަން މެޑަލް ހޯދާފައިވަނީ 2-1 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މެޗުގައި ބްރެޒިލްގެ ފަރާތުން މޮޅު ކުޅުމެއް ފެނުނެވެ. ހާއްސަކޮށް ބްރެޒިލް ކެޕްޓަން އަލްވޭސްގެ ލީޑަޝިޕާއި ތަޖުރިބާ ވަރަށް ބޮޑަށް ފެނިގެންދިޔަ އެވެ.

ބްރެޒިލް އަކީ އޮލިމްޕިކްސްގެ ފުޓުބޯޅަ އިވެންޓުގައި ރަން މެޑަލް އެންމެފަހުން 2016 ވަނަ އަހަރު ބޭއްވި ފަހަރު ހޯދި ޓީމެވެ. އެފަހަރު ރަން މެޑަލް ހޯދީ ޖަރުމަނު ބަލިކޮށްގެންނެވެ. އޭގެކުރިން 2012 ގެވެސ ފައިނަލުގައި ކުޅުނެވެ. އެފަހަރު ބްރެޒިލް ބަލިވީ މެކްސިކޯ އަތުންނެވެ.

މި މެޗުގައި ބްރެޒިލްގެ ކެޕްޓަން އުމުރުން 38 އަހަރުގެ ޑެނީ އަލްވޭސްއަށް މިއީ ބޮޑު ކާމިޔާބީއެކެވެ. ދުނިޔޭގެ ކުލަބް ފުޓުބޯޅައިގައި ގިނަ ކާމިޔާބީތަކެއް ހޯދިއިރު ގައުމީ ޓީމަށްވެސް ގިނަ ކާމިޔާބީތަކެއް ހޯދިއެވެ. މި ތައްޓާއެކު މިއީ އޭނާގެ ކާމިޔާބީގެ ބޮޅަށް ވި އިތުރެކެވެ. މިއީ އޭނާގެ ކެރިއަރުގައި ލިބުނު 44 ވަނަ ކާމިޔާބީއެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖެހީ ބްރެޒިލް އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ބްރެޒިލަށް ލީޑުނަގައިދިން ލަނޑު ޖަހައިދިނީ މަޓެއަސް ކޫނިއާ އެވެ. މެޗުގެ 60 ވަނަ މިނެޓުގައި ސްޕެއިން ޓީމަށް ނަތީޖާ އެއްވަރުކޮށްދިނީ މިކޭލް އޮޔާޒަބާލް އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު އެއްވަރުވުމުން ދެން ކުޅުނީ އިތުރުވަގުތުގެ ދެ ހާފެވެ. ބްރެޒިލް އިން މޮޅުވި ލަނޑު ޖަހާފައިވަނީ އިތުރުވަގުތުގެ ދެވަނަ ހާފުގައި މެލްކަމް އެވެ.

މި މުބާރާތަށް ބްރެޒިލް އަމާޒު ހިފީވެސް ރަން މެޑަލްއަކަށެވެ. މި މެޑަލް ލިބުމާއި އެކު މިއީ އެ ޓީމަށް ލިބުނު ބޮޑު ޝަރަފެކެވެ. އެ ޓީމުގެ ހުރިހާ އަމާޒެއްވެސް ދެން ހުރީ ފީފާ ވޯލްޑްކަޕުގައި ރަނގަޅު ކާމިޔާބީއަކަށެވެ.