އިޓަލީގެ އިންޓަމިލާނަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ގައުމީ ފޯވާޑް ރޮމެލޫ ލުކާކޫ އޭނާގެ ކުރީގެ ކުލަބް ޗެލްސީއަށް އަނެއްކާވެސް ބަދަލުވާން ފިޔަވަޅަކާއި ގާތަށް ޖެހިލައިފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ލުކާކޫ ވަނީ ޗެލްސީއަށް ބަދަލުވާން ބޭނުންވާކަމަށް ބުނެ އެކަން އެ ކުލަބަށް އަންގާފައެވެ. ލުކާކޫ މިކަން އަންގާފައިވަނީ ޗެލްސީން ތިންވަނަ ފަހަރަށް ބިޑުކުރުމުންނެވެ.

ލުކާކޫ ހޯދުމަށް ޗެލްސީން ތިންވަނަ ފަހަރަށް ހުށައެޅި ބިޑުގައި ވަނީ 130 މިލިއަން ޑޮލަރެވެ. އިންޓަމިލާނުން މި އަދަދު ގަބޫލުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި ވަރަށް އަވަހަށް ދެ ކުލަބުން އެއްބަސްވެ ލުކާކޫ ކުލަބު ބަދަލުކުރުމުގެ ކަންކަން ފަށާނެކަމަށް ވެއެވެ.

ތޯމަސް ޓުޗެލްގެ ކޯޗުކަމުގައި އެންމެ ފަހުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމުގެ ޝަރަފު އޮތް ޗެލްސީއަށް ލުކާކޫ ކޮންމެހެންވެސް ބޭނުންވާކަމަށް ވެއެވެ. އެއީ މިހާރު އެ ޓީމުގައި މަދުވަނީ ނިންމާލާނެ ކުޅުންތެރިއެކެވެ. އެ މަގާމަށް އެންމެ ކުފޫ ހަމަވާ ކުޅުންތެރިއެއްގެ ގޮތުގައި ޓުޗެލްވެސް ދެކެނީ ލުކާކޫ އެވެ.

އެންމެ ފުރަތަމަ ލުކާކޫ ހޯދަން ޗެލްސީން ހުށައެޅީ 94 މިލިއަން ޑޮލަރެވެ. ނަމަވެސް އެ ބިޑު އިންޓަމިލާނުން ދޫކޮށްލުމުން މާ ގިނަދުވަހެއް ނުވެ އަނެއްކާވެސް ޗެލްސީން ބިޑުކުރި އެވެ. އެއީ 100 މިލިއަން ޑޮލަރަށެވެ. ނަމަވެސް އެފަހަރުވެސް ހުށައެޅުން ވަނީ ބޭރުކޮށްލާފައެވެ. އެހެންކަމުން ދެން ހުށައެޅީ ތިންވަނަ ބިޑެކެވެ. އެއީ 130 މިލިއަން ޑޮލަރުގެ ބިޑެކެވެ. ރިޕޯޓުތައް ބުނާގޮތުން އިންޓަމިލާނުން މި ބިޑު ބަލައިގަތީ ލުކާކޫ އެ ކުލަބު ދޫކޮށްލަން ބޭނުންވާކަން ހާމަކުރުމުންނެވެ.

ލުކާކޫ އެންމެ ފުރަތަމަ ބޮޑު ކުލަބަކަށް ކުޅުނީވެސް ޗެލްސީއަށެވެ. އެއީ 2011 ވަނަ އަހަރުގައެވެ. ޗެލްސީގެ ކޮންޓްރެކްޓުގައި ހުރެ އޭނާ ވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން އެވަޓަން އާއި ވެސްޓް ބްރޮމް އަށް ކުޅެފައެވެ. އޭގެފަހުން ޗެލްސީ ދޫކޮށް 38 މިލިއަން ޑޮލަރަށް އެވަޓަން އަށް ބަދަލުވީ 2014 ވަނަ އަހަރުގައެވެ.

ލުކާކޫ އިންޓަމިލާނަށް ބަދަލުވީ މެންޗެސްޓަރ ޔުނައިޓެޑަށް ކުޅުމަށްފަހު މީގެ ދެ އަހަރުކުރިންނެވެ. އޭނާ ވަނީ އިންޓަމިލާނުގައި މޮޅު ކުޅުމެއް ދައްކާފައެވެ.