ސަރުކާރުގެ ހަރަދުގައި ކ.މާފުށީގައި އެޅި ފެންވަރު ރަނގަޅު ޓާފް ފުޓުބޯޅަ ދަނޑުގެ މަސައްކަތް ނިންމާލައިފިއެވެ.

މި ދަނޑުގެ ބިން އެއްވަރުކުރުމުގެ މަސައްކަތް ކޮށްފައިވަނީ އާރުކޭއެލް އެވެ. މި މަސައްކަތަށް ވަނީ 1,933,319 (އެއް މިލިޔަން ނުވަ ލައްކަ ތިރީސް ތިން ހާސް ތިންސަތޭކަ ނަވާރަ) ރުފިޔާ ހަރަދުވެފައެވެ. ދަނޑުގެ ޓާފް އެޅުމުގެ މަސައްކަތްކޮށްފައި ވަނީ ވީއޭއެމްކޯ އެވެ. މި މަސައްކަތް އެ ކުންފުނިން ނިންމައިދިނީ 2،598،685 (ދެ މިލިޔަން ފަސް ލައްކަ ނުވަދިހަ އަށްހާސް ހަސަތޭކަ އަށްޑިހަ ފަހެއް) ރުފިޔާއަށެވެ.

މި ދަނޑުގެ މަސައްކަތް ނިންމާލިކަން ހާމަކޮށް ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޓުބޯޅަ ދަނޑުތައް ތަރައްގީކުރުމަށްކުރާ މަސައްކަތްތަކުގެ ތެރެއިން މާފުށި ދަނޑުގެ މަސައްކަތް ނިންމާލެވިފައިވާ ކަމަށެވެ. މި ދަނޑުގައި ދިވެހި ޕްރިމިއާ ލީގުގެ މެޗުތައް ކުޅުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލާ މަޝްވަރާކުރެއްވި ކަމަށްވެސް މަހްލޫފް ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެންވަރު ރަނގަޅު ފުޓުބޯޅަ ދަނޑުތަކެއް ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅުގެ ތެރޭގައި ރާއްޖޭގެ 100 ރަށެއްގައި ފެންވަރު ރަނގަޅު ޓާފް ދަނޑު އެޅުން ވަނީ ހިމެނިފައެވެ.

ސަރުކާރުގެ އެހީގައި މިހާތަނަށް ދަނޑު އެޅި ރަށްތަކުގެ އަދަދު ވަނީ 12 އަށް އަރާފައެވެ. މި އަދަދު ކުރިޔަށްއޮތް ތަނުގައި ވަރަށް ބޮޑުތަން އިތުރުވެގެންދާނެ އެވެ. މި ދަނޑުތަކާއި އެކު އެފްއޭއެމުން މަސައްކަތްކުރަނީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ޒޯންތަަކަކަށް ބަހާލައިން ދިވެހި ޕްރިމިއަރ ލީގަށް ކޮލިފައިވާން ބުރުތަކެއް ކުޅެން ނިންމާފައެވެ. މި ނިންމާ ދަނޑުތަކުގެ ސަބަބުން މި މުބާރާތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ އެވެ.