ވޯލްޑް ކަޕްގައި މިރޭ ފްރާންސް އާއި އެއްވަރުކޮށް މުބާރާތުގެ ދެވަނަ ބުރަށް ޑެންމާކް ދަތުރުކޮށްފިއެވެ. ގްރޫޕް ސީގައި ހިމެނޭ މި ދެ ޓީމު ބައްދަލުކުރި މެޗު އެއްވަރުވީ 0-0 އިންނެވެ.

ގްރޫޕް ސީގެ ހުރިހާ މެޗެއް ކުޅެ ނިމިފައިވާއިރު މި ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދަތުރުކުރީ ފްރާންސްއެވެ. އެޓީމަށް ވަނީ ކުޅުނު ތިން މެޗުން ހަތް ޕޮއިންޓު ލިބިފައެވެ. ދެވަނަ ހޯދި ޑެންމާކަށް ފަސް ޕޮއިންޓު ލިބިފައިވާއިރު ގްރޫޕްގެ ތިންވަނަ ހޯދި ޕެރޫ އަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. މި ގްރޫޕްގެ ފުލަށް ދިޔަ އޮސްޓްރޭލިޔާ އަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

އެހެން މެޗުތަކާއި ހިލާފަށް ފްރާންސް އިން މި މެޗަށް ނިކުތީ ގިނަ ބަދަލުތަކަކާއެކުއެވެ. އެގޮތުން އާއްމުކޮށް ފްރާންސްގެ ފުރަތަމަ އެގާރައިން ޖާގަ ހޯދާ ކުޅުންތެރިން ކަމަށްވާ ޕޯލް ޕޮގްބާ އާއި ކިލިއަން އެމްބާޕޭ އާއި ސެމިއުލް އުމްޓިޓީ އަދި ގޯލްކީޕަރު ހޫގޯ ލޮރިސް މި މެޗުގައި ކުޅެފައެއް ނުވެއެވެ.

ފްރާންސް އާއި ޑެންމާކް ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އޭއެފްޕީ

މި މެޗަށް ނިކުތްއިރު ވެސް ދެވަނަ ބުރުގެ ޖާގައެއް ފްރާންސް އަށް ކަށަވަރުވެފައި އޮތްއިރު ދެ ޓީމުގެ ފަރާތުން ވެސް މި މެޗުގައި ފެނިގެން ގޮސްފައިވަނީ ދާދި ހަމަހަމަ ކުޅުމެކެވެ.

ގޯލްޖަހާނެ މާ ގިނަ ފުރުސަތުތަކެއް ދެ ޓީމުންކުރެ ޓީމަކަށް މި މެޗުގައި ތަނަވަސްކުރެވިފައި ގޯލާއި އަމާޒުކޮށް ފްރާންސް އަށް ފުރަތަމަ ހަމަލާ ފޮނުވާލެވުނީ ވެސް މެޗުގެ 39 ވަނަ މިނެޓްގައެވެ. ނަމަވެސް ގްރިޒްމަން ފޮނުވާލި އެ ހަމަލާ ޑެންމާކުގެ ކީޕަރު ޝްމައިކަލް ވަނީ ދިފާއުކޮށްފައެވެ.

އަދި ޑެންމާކަށް ފްރާންސްގެ ގޯލާއި އަމާޒުކޮށް ފުރަތަމަ ހަމަލާ ފޮނުވާލެވުނީ މެޗުގެ 54 ވަނަ މިނެޓްގައެވެ. އެރިކްސަން ހިލޭޖެހުމަކުން ފޮނުވާލި އެ ހަމަލާ ފްރާންސްގެ ކީޕަރު ސްޓީވް މަންޑަންޑާ ވަނީ ދިފާއުކޮށްފައެވެ. ދެވަނަ ހާފްގައި ދެ ޓީމުގެ ފަރާތުން ވެސް އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު ސަޕޯޓަރުންގެ ނުރުހުން ވެސް ކޮންމެވެސް ވަރަކަށް އަމާޒުވެގެންދިޔަކަން ފާހަގަކޮށްލެވެއެވެ.

ފްރާންސް އާއި ޑެންމާކް ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އޭއެފްޕީ

ގްރޫޕްގެ އެއްވަނަ ހޯދައިގެން ފްރާންސް ދެވަނަ ބުރަށް ދަތުރުކުރިއިރު، ދެވަނަ ބުރުގައި އެޓީމު ބައްދަލުކުރާނީ ގްރޫޕް ޑީގެ ދެވަނަ އަށް ދާ ޓީމާއެވެ. އަދި ޑެންމާކް ބައްދަލުކުރާނީ ގްރޫޕް ޑީގެ އެއްވަނައަށްދާ ޓީމާއެވެ.

ލަނޑެއް ނުޖެހި މި މެޗު އެއްވަރުވިއިރު މިއީ މިފަހަރުގެ ވޯލްޑް ކަޕްގައި ލަނޑެއް ނުޖެހި އެއްވަރުވި ފުރަތަމަ މެޗު ވެސް މެއެވެ.

މި ގްރޫޕްގައި މިރޭ ޕެރޫ އާއި އޮސްޓްރޭލިޔާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް ޕެރޫ އިން ވަނީ މޮޅަކާއެކު މުބާރާތް ނިންމާލާފައެވެ. މި މެޗުގައި ޕެރޫގެ ދެ ގޯލު ކާމިޔާބުކޮށްދިނީ އަންދްރޭ ކަރީލޯ އާއި ކެޕްޓަން ގުރޭރޯއެވެ.

ޕެރޫގެ މި މޮޅަކީ 1978 ވަނަ އަހަރަށްފަހު ވޯލްޑް ކަޕްގައި އެޓީމުން ހޯދި ފުރަތަމަ މޮޅެވެ.