އާޖެންޓީނާ އިން ވޯލްޑްކަޕްގައި ނެރެފައިވާ ނަތީޖާތަކުގައި މެސީގެ އެއްވެސް ކުށެއް ނެތް ކަމަށް އާޖެންޓީނާ އަށް ވޯލްޑްކަޕް ތަށި ހޯދައިދިން، ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ޑިއޭގޯ މަރަޑޯނާ ބުނެފިއެވެ.

މަރަޑޯނާ މިހެން ބުނީ މިރޭ އާޖެންޓީނާ އާއި ނައިޖީރިއާ ބައްދަލުކުރާ މެޗްގެ ކުރިން މެސީ އަށް ފޮނުވި މެސެޖެއްގައެވެ.

"އަހަރެން މެސީ ކައިރީގައި ބުނަން ބޭނުން ވަނީ އެއްވެސް ކަމެއްގައި މެސީގެ އެއްވެސް ކުށެއް ނެތް ވާހަކަ. އެއްވެސް ކަމެއްގައި މެސީ ކުށްވެރިއެއް ނުކުރެވޭނެ." މަރާޑޯނާގެ މެސެޖްގައި ބުންޏެވެ.

ކްލަބް ލެވެލްގައި ހޯދާ ކާމިޔާބީ ގައުމީ ޓީމާއި އެކު ތަކުރާރު ނުކުރެވޭތީ މެސީ އަށް ފާޑުކިޔުން އަމާޒުވެފައި ވީނަމަވެސް މެރަޑޯނާ ބުނީ މެސީގެ އެއްވެސް ކުށެއް ނެތް ކަމަށެވެ.

"އަހަރެން ލިއޯ ދެކެ ވަރަށް ލޯބިވޭ. އަހަރެން އަބަދުވެސް ލިއޯ އަށް އިޙްތިރާމް ކުރާ ފަދައިން އަދިވެސް އިޙްތިރާމް ކުރާނަން." މެރަޑޯނާގެ މެސެޖްގައި ބުންޏެވެ.

އާޖެންޓީނާ ވޯލްޑް ކަޕްގައި އިތުރަށް ކުރިއަށް ދިއުމަށް މިރޭ މަރުގެ މެޗަކަށް ނިކުންނައިރު ދެވަނަ ބުރަށް ދިއުމުގެ އަމިއްލަ ބާރެއް އެޓީމަކަށް ނެތެވެ. އާޖެންޓީނާ އަށް ދެވަނަ ބުރަށް ދެވެން އޮތީ ނައިޖީރިއާ އަތުން މޮޅުވެ އަދި ގްރޫޕް ޑީގެ އަނެއް މެޗުން އައިސްލޭންޑް އަތުން ކްރޮއޭޝިއާ މޮޅުވެގެންނެވެ.