މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ހިޔާނާތުގެ ތަހުގީގުގައި ލަންކާގައި ހުންނަވާ ދިވެހި ހައިކޮމިޝަނަރު އުމަރު އަބްދުއްރައްޒާގް ސިއްރު ކަންތައްތަކެއް ކޮށްފައިވާ ކަމަށް ވިދާޅުވެ ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް ކުރެއްވި ތުހުމަތުތަކަށް ރައްދު ނުދެއްވާ "ހަނު" ހުންނަވައިފިއެވެ.

މަހްލޫފް ތުހުމަތު ކުރައްވާފައިވާ ގޮތުގައި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގަށް ލަންކާ ރައްޔިތެއްގެ ބަޔާން ނަގާފައި ވަނީ އެގައުމުގެ ގާނޫނާއި ގަވާއިދާ ހިލާފަށެވެ. އަދި އެއީ ރާއްޖޭގެ ގާނޫނުތަކާވެސް ހިލާފަށް ހިންގާފައިވާ ޖަރީމާއެއްގެ ގޮތުގައި އޭނާ ތުހުމަތުކުރެއްވިއެވެ.

މިނިސްޓްރީ އަށްވެސް ނޭނގޭ ގޮތަށް ލަންކާގައި ހުންނަވާ ދިވެހި ހައި ކޮމިޝަނަރު ހިންގި މި ޖަރީމާ ފަޅާއަރާފައިވާ ކަމަށް މަހުލޫފް ވިދާޅުވެއެވެ. އަދި އެމައްސަލަ ފޮރިން މިނިސްޓްރީ އިން ތަހުގީގު ކުރަމުން ދާ ކަމަށްވެސް އޭނާ ފާހަގަކުރައްވައެވެ.

ޖިނާއީ ތަހުގީގެއް ޒޫމް މެދުވެރިކޮށް ހިންގިއިރު ހައިކޮމިޝަނަރު އެތާ އިންނެވިތަން ވީޑިއޯއިންވެސް ފެނިފައިވާ ކަމަށް މަހުލޫފް ވިދާޅުވެއެވެ.

އެ ތުހުމަތުތަކާ ގުޅޭގޮތުން ހައިކޮމިޝަނަރުގެ ބަހެއް ހޯދުމަށް "ވަގުތު" އިން ކުރި މަސައްކަތް ކާމިިޔާބުވެފައި ނުވެއެވެ. ފޯނަށް ޖަވާބެއް ނުދެއްވާފައި ނުވާއިރު މެސެޖް ކުރުމުންވެސް ޖަވާބެއް ދެއްވާފައެއް ނުވެއެވެ.

ހައިކޮމިޝަނަރަށް މަހުލޫފް މި ތުހުމަތުތައް ކުރެއްވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތުހުމަތު އޭނާއަށް އަމާޒުވެފައި ވަނިކޮށެވެ. އެ މައްސަލަ ކުރިއަށްގެން ދިއުމުގައި ސިޔާސީ ބާރުގަދަ ބައެއްގެ ނުފޫޒުވާ ކަމަށް މަހުލޫފް ވިދާޅުވެފައެވެ. އަދި އޭނާއާ މެދު އަމަލު ކުރަމުން އަންނަ ތަފާތުކުރުންތައް ހާމަކުރައްވަމުން އެ މައްސަލާގައި އޭނާގެ މައްޗަށް ދައުވާ ކުރުމުގައި އަވަހަށް ގޮތެއް ނިންމަން އެދިވަޑައިގެންފައިވެއެވެ.

އެމްއެމްޕީއާރްސީގެ މައްސަލައިގައި މިނިސްޓަރު މަހްލޫފްގެ މައްޗަށް ދެ ދައުވާއެއް ކޮށްދިނުމަށް އެދި އޭސީސީއިން ޕީޖީ އޮފީހަށް ފޮނުވީ ޖޫން މަހުގެ ނުވަ ވަނަ ދުވައެވެ. އޭގައި ސާފު ކުރަން ހުރި އިތުރު ކަންކަން ސާފުކޮށްދޭން ޕީޖީން އެމަހުގެ 18 ވަނަ ދުވަހު އޭސީސީގައި އެދިފައިވެއެވެ.

މި މައްސަލާގައި ފުރިހަމަ ކުރަން ޖެހޭ އިދާރީ މަސައްކަތްތައް ކުރުމަށް ފަހު، ހުރިހާ ލިޔެކިއުންތައް ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ ޖޫން 27 ގައެވެ. އޭގެ ދެ ދުވަހެއް ވަރު ފަހުން "ވަގުތު" އާއި ވާހަކަދައްކަވަމުން ޕީޖީގެ ޕަބްލިކް ޕްރޮސެކިއުޓާ އަދި އެ އޮފީހުގެ މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު ވިދާޅުވީ އެއް ހަފްތާ ތެރޭ މަހުލޫފުގެ މައްޗަށް ދައުވާ ކުރުމުގައި ގޮތެއް ނިންމަވާނެ ކަމަށެވެ.

ޑިއުޓީ ޕްރޮސެކިއުޝަން ނަމުގައި އޮންނަ މި މަރުހަލާ ކުރިއަށް ގެންދިއުމުގެ ގޮތުން ޕީޖީ އޮފީހުން އޭސީސީގައި އެ ކަމަށް އެދުނުތާ މިއަދަށް 63 ދުވަސް ހަމަވެފައިވާއިރު، އަދިވެސް މަހްލޫފްގެ މައްޗަށް ދައުވާ އުފުލުމުގައި ވަކި ގޮތެއް ނުނިންމެއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބިފައިވާ ކަމަށް ބުނާ ބުނުން ދޮގު ކުރައްވަމުން މަހްލޫފް ކުރިން ވެސް ވިދާޅުވެފައި ވަނީ އޭނާ އާއި އެމްއެމްޕީއާރްސީ ހިޔާނާތުގެ ފައިސާ ދައުރުކުރި އެސްއޯއެފް އާއި ދެމެދު ހިންގާފައި ވަނީ ސައްހަ މުއާމަލާތެއް ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    އެމްއެމްޕީއާރސީ ޚިޔާނާތާއި 200އަށްވުރެ ގިނަމީހުން ރައީސު އިބޫސާލިހުވެސް ހިމެނޭގޮތަށް ޝާމިލުވެފައޮވާއިރު ހަމައެލަނި މަޚުލޫފު ނުވަތަ ވަކިބަޔަކަށް ފޯކަސްކޮށްގެން ޝަރީއަތް ހިންގަންއެނީ ކީއްވެގެންބާއޭ ހިތަށްއަރާ؟؟؟ކޮރަޕްޝަން ނައްތާލައި ޒީރޯޓްލެރެންސްކޮށް އިންސާފުން ހުރިހާލަމެއް ކުރުމަށް އިބޫސާލިހު ރައްުިތުންނަށް ވަޢުދުވެ ރައްޔިތުންގެ ވޯޓް ހޯދީ، އެއިނއސާފު ދެކޭން ރައްޔިތުން މިތިބީ ކެތްމަދުވެފައި އެކަމަކު މުޅިންވެސް ފެންނަނީ ވައުދާއި އިދިކޮޅަށް ވެރިލަންކުރާ މަންޒަރު،

  2. ކޮމެންޓު

    ރަށްޔިތުންގެ ފައިސާ ދިރުވާލާފަ އެކަން ކުރިކަން ސާބިތުވާ ހެކި ހޯދި ގޮތް ގޯސްވީ. ސާބަސް އެހެންވީމަ

  3. ހ

    24 ގަޑިއިރު ހަމައިގައި ނުހުންނަ މީހަކު ހަނދާނެއް ނުހުންނާނެ ސްރީލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަން އޮފީސް މިހާ ފެންވަރަށް ވެއްޓުނު ޒަމާނެއް ނެތް އެނތާގައި މާލޭގައި އުޅޭ ލަޓޯ ފަޓޯ މީހުންނަށް ވަޒީފާ ދީފައި ހީވަނީ ކުޑަ ކަޑައެއްހެން މިހާރު ވެސް ސިލޯން ސަރުކާރުން ބަލައި ނުގަންނަ ކިތަންމެ އޮފިސަލުންނެތް އެބަތިބި ފިލްމް ކުޅޭ މީހުންނަާއި ދަމާ ކަނޑާ މީހުން އެތާ އުޅެނީ

  4. ޢަލީ

    ކޮބައިތޯ ލުޠުފީ ފޮރުވައިގެން ގެންގުޅު މައްސަލަ، އަނެއްކާ ކަމާނުބެހޭ މީހަކަށް ދައުލަތުގެ ލާރިން ކާންދީ އެއަރކޯން ކޮޓަރީގައި ނިންދަވާ ހެދި މައްސަލަ، އެމައްސަލާގެ ވާހަކަވެސް ދައްކަން ރަނގަޅުވާނެ. އެކަމަކު ޕްރިންސިޕަލަކު އޭނާ ހުންނަ ގޭގައި އޭނާގެ މަންމަ ނިންދެވީމަވެސް މައްސަލައަކަށްވޭ.

  5. ދަރަނި ދަންތުރަ

    ރީނދޫ ގުރޫޕަށް ހަލާލެއް ހަރާމެއް ނޯންނާނެ ، ޒީރޯޓޮލެރެންސް ރައްޔިޔުންގެ ލޯ ލަރިޔަކުނުޖެހޭނަމޯ ހަޒާނާ ފެންފޮދަކާނުލާ ދިރުވާލީމަ ނުވާނެތާ އޭގަޖެހުނުކަމަކަށް