މިރޭ ނައިޖީރިޔާއާއި ދެކޮޅަށް އާޖެންޓީނާ ކުޅެ މޮޅުވި މެޗަށްފަހު އާޖެންޓީނާ އަށް ވޯލްޑްކަޕް ތަށި ހޯދައިދިން، ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ޑިއޭގޯ މަރަޑޯނާ ހޮސްޕިޓަލަށް ގެންގޮސްފި އެވެ. މިރޭގެ މެޗްގައި އާޖެންޓީނާ މޮޅުވެފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ.

ބޭރުގެ ނޫސްތަކުން ރިޕޯޓް ކުރާ ގޮތުގައި އުމުރުން 57 އަހަރުގެ މަރަޑޯނާއަށް ގޮޑީގައި އިށިންނުމަށް އެހީތެރިވި މަންޒަރު ފެނިފައިވާ ކަމަށާއި އޭގެފަހުން ގޮޑިތަކުގެ ތެރެއަށް އޭނާ ވެއްޓުނު މަންޒަރު ފެނުނު ކަމަށެވެ.

މަރަޑޯނާގެ ހާލު ގޯސްވުމާ ގުޅިގެން އޭނާ އަށް ވަގުތުން ފަރުވާދޭން ފެށިއިރު މިހާރު އޭނާގެ ހާލު ރަނގަޅު ކަމަށް ބޭރުގެ ރިޕޯޓްތައް ބުނެއެވެ. އަދި މަރަޑޯނާ މިހާރު ރަޝިޔާގެ ވެރިރަށް މޮސްކޯއަށް ދިޔުމަށް ދަތުރު ފަށާފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. މިރޭގެ މެޗު ކުޅެފައިވަނީ ރަޝިޔާގެ ސެއިންޓް ޕީޓަސްބާގްގައެވެ.

ރޭގެ މެޗު ވަރަށް ފޯރިއާއެކު މަރަޑޯނާ ބަލަމުންދިޔައިރު މި މުބާރާތުގައި އާޖެންޓީނާ އިން ކުޅޭ ކޮންމެ މެޗެއް ވެސް ބަލާލުމަށް އޭނާ ދަނޑަށް ދެއެވެ.

ފުޓްބޯޅައިގެ ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިއާގެ ގޮތުގައި ގިނަބަޔަކު ދެކޭ މަރަޑޯނާ އާޖެންޓީނާގެ ގައުމީ ޓީމާއެކު ވޯލްޑް ކަޕް ކާމިޔާބުކުރީ 1986 ވަނަ އަހަރުއެވެ. އޭނާ ވަނީ އެޓީމާއެކު ހަތަރު ވޯލްޑް ކަޕެއްގައި ކުޅެފައެވެ.