ނައިޖީރިޔާ ބަލިކުރެވޭނެ ކަމުގެ އިތުބާރު އަބަދުވެސް އޮތް ކަމަށް އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފިއެވެ.

ރޭ ނައިޖީރިޔާ 2-1 އިން ބަލިކޮށް ވޯލްޑް ކަޕްގެ ދެވަނަ ބުރަށް އާޖެންޓީނާ ރޭ ދަތުރުކޮށްފައިވާއިރު އެ މެޗުގައި އާޖެންޓީނާ އިން ކާމިޔާބުކުރި ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ މެސީއެވެ.އަދި ދެވަނަ ގޯލު މެޗުގެ ފަހުވަގުތުކޮޅުތެރޭ ކާމިޔާބުކޮށްދިނީ އެޓީމުގެ ޑިފެންޑަރު މާކޮސް ރޮހޯއެވެ. ނައިޖީރިއާގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ އެޓީމަށް ލިބުނު ޕެނަލްޓީއަކުން ވިކްޓަ މޯސެސްއެވެ.

ރޭގެ މޮޅާއެކު އާޖެންޓީނާ ދެވަނަ ބުރަށް ދަތުރުކުރީ ގްރޫޕް ޑީގެ ދެވަނަ ޓީމުގެ ގޮތުގައި ކަމަށްވާއިރު މެސީ ބުނީ ނައިޖީރިޔާ ބަލިކުރެވޭނެ ކަމުގެ އިތުބާރު އާޖެންޓީނާގެ ކުޅުންތެރިންނަށް އަބަދުވެސް އޮތް ކަމަށާއި މިފަދަ ގޮތަކަށް މޮޅެވެވުމުން ލިބޭ އުފާ މާބޮޑު ކަމަށެވެ.

"ެއެތައް ގުރުބާނީތަކެއް ވުމަށްފަހު އަހަރުމެންނަށް ސަޕޯޓުކުރަން ދަނޑަށް އައި މީހުންނަށާއި އަދި އާޖެންޓީނާގައި ތިބެ އަހަރުމެންނަށް ސަޕޯޓުކުރާ ހުރިހާ އެންމެންނަށް ޝުކުރު އަދާކުރަން. ގައުމީ ޓީމުގެ ޖާރޒީ އެހެން ހުރިހާ އެއްޗަކަށް ވުރެ ވެސް މަތިވާނެ" މެސީ ބުންޏެވެ.

ދެވަނަ ބުރުގައި އާޖެންޓީނާ ބައްދަލުކުރާނީ ގްރޫޕް ސީގެ އެއްވަނަ ހޯދި ފްރާންސްއާއެވެ.

އެ މެޗާ ގުޅޭގޮތުން ވާހަކަދައްކަމުން މެސީ ބުނީ ފްރާންސް އަކީ މޮޅު އަދި ހުނަރުވެރި ގިނަ ކުޅުންތެރިން ތިބި ޓީމެއް ކަމަށާއި އެޓީމުން މި މުބާރާތުގައި ކުޅުނު ހުރިހާ މެޗެއް ވެސް ބަލާފައިވާ ކަމަށެވެ.

"ރަނގަޅު ޑިފެންސަކާއި، ރަނގަޅު މިޑްފީލްޑަރުން އަދި ފޯވާޑުންތަކެއް ފްރާންސްގައި އެބަިތިބ. އަދި ތަފާތު ދެއްކޭ ފަދަ ހަލުވި ކުޅުންތެރިން ވެސް ފްރާންސްގައި އެބަތިބި. އަހަންނާއެކު ބާސާއަށް ކުޅޭ، އަހަރެން ރަނގަޅަށް ދަންނަ ކުޅުންތެރިން ވެސް އެޓީމުގައި އެބަތިބި" މެސީ ބުންޏެވެ.

ފްރާންސް އާއި އާޖެންޓީނާ ބައްދަލުކުރާ ދެވަނަ ބުރުގެ މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޙަފްޞާ / މާލެ

    ހަމަ ކިރިޔާ ސަލާމަތްވީ !!!!!

  2. އެއު

    ރެފްރީ އެއްކޮޅަށް ކުޅެންޏާ އެއީ އެހާބޮޑުކަމެއްނޫނެވެ. މިކަން މެޝްތެރެއިން ވަރަށް ރަނގަޅަށް ހާމަވިއެވެ.

  3. އެމް.ވީ.ޓެކް

    ހަމަ ކިރިޔާ ސަލާމަތް ވީ. އަދިވެސް ބުނޭ 200 ޕަސެންޓޭ.

  4. ސާޒް

    ގައުމީ ޓީމުގެ ޖާރސީއަށްވުރެ ﷲގެ ކުޅަދުންވަންތަކަން މާ ބޮޑު.