ވޯލްޑަކްޕަގައި ފްރާންސް މިހާތަނަށް ކުޅުނު ހުރިހާ މެޗެއް ވަރަށް ގާތުން ބަލައިފައިވާ ކަމަށާއި ފްރާންސްގެ ޓީމު ވަރަށް ރަނގަޅަށް އެނގޭ ކަމަށް އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފިއެވެ.

ވޯލްޑްކަޕްގެ ގަދަ 16 ގައި މިމަހުގެ 30 ވަނަ ދުވަހު އާޖެންޓީނާއާއި ފްރާންސް ބައްދަލުކުރާ މެޗާއި ބެހޭގޮތުން ވާހަކަ ދައްކަމުން މެސީ ބުނީ ފްރާންސްގައި އޮތީ ވަރަށް ރަނގަޅު ޓީމެއް ކަމަށެވެ. ފްރާންސްގެ ޑިފެންސްގައްޔާއި މިޑްފީލްޑްގެ އިތުރުން ފޯވާޑް ލައިންގައިވެސް ތިބީ ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިން ކަމަށް މެސީ ބުނެފައިވެއެވެ.

އަދި ކޮންމެ ގަޑިއެއްގައިވެސް ނަތީޖާ ބަދަލުކޮށްލެވޭނެ ފަދަ ގާބިލްކަން ލިބިފައިވާ ހަލުވި ކުޅުންތެރިން ފްރާންސްގައި އެބަތިބިކަމަށާއި އޭގެ ތެރޭގައި އޭނާއާއި އެކު ބާސެލޯނާގައި ކުޅެމުން އަންނަ ބައެއް ކުޅުންތެރިންވެސް ހިމެނޭ ކަމަށް މެސީ ބުންޏެވެ.

"ފްރާންސަކީ ވަރުގަދަ ޓީމެއް. އަދި އެއީ މޮޅެތި ކުޅުންތެރިން އެކުލެވޭ ޓީމެއް، އެގޮތުން މޮޅެތި ޑިފެންޑަރުންނާއި މިޑްފީލްޑަރުންގެ އިތުރުން ފޯވާޑުން ފްރާންސްގައި އެބަތިބި. އަދި އެއީ ކޮންމެ ވަގުތެއްގައިވެސް ނަތީޖާ ބަދަލުކޮށްލެވޭ ފަދަ ހަލުވި ކުޅުންތެރިން ގިނަ ގައުމެއް" މެސީ ބުނެފައިވެއެވެ.

ވޯލްޑްކަޕްގެ ގަދަ 16 ނައި ފްރާންސާއި ދެކޮޅަށް އާޖެންޓީނާ ނުކުންނަ އިރު މި ދެގައުމު އެންމެ ފަހުން ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބު ކުރީ އާޖެންޓީނާއެވެ.