އީގަލްސްގެ ސްކޮޑުގައި ވަރުގަދަ ކުޅުންތެރިން ތިބި ނަމަވެސް އެއްވެސް ޕްރެޝަރެއް ނެތް ކަމަށާއި އެއީ ލިބޭ ފަސޭހައެއް ކަމަށް ކުކުލަބް އީގަލްސްގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނެފިއެވެ.

އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖަށް ކޮލިފައިވާން ކުޅޭ ޕްލޭއޮފްގައި މާދަމާ ރޭ ގަލޮޅު ދަނޑުގައި އިންޑިއާގެ ބެންގަލޫރު އެފްސީއާއި ދެކޮޅަށް ކުޅޭ މެޗާއި ކުރިމަތިލާއިރު މި މެޗުން މޮޅުވާ ޓީމަކަށް އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާގެ ގްރޫޕަށް ކޮލިފައިވާނެ އެވެ.

މި ގްރޫޕުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ދިވެހިރާއްޖޭގައެވެ. ގްރޫޕުގައި މިހާރު ތިބި ޓީމުތަކަކީ ރާއްޖޭގެ މާޒިޔާ އާއި އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އަދި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރަ ކިންގްސް އެވެ.

ބެންގަލޫރު އާއި ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ކޯޗު ޝާޒްލީ ބުނީ ވަރުގަދަ ގިނަ ކުޅުންތެރިންތަކެއް ސްކޮޑުގައި ތިބުމަކީ ނަތީޖާ ނެރެން ކުރިމަތިވާނެ ޕްރެޝަރެއް ނޫން ކަމަށާއި އެއީ ކޯޗަށް ލިބޭނެ ފަސޭހައެއް ކަމަށެވެ. އެއީ ކުޅުންތެރިން ނެގުމުގައި ގިނަ އޮޕްޝަންތަކެއް ހުރުމުން ކަމަށާއި ޖުމްލަކޮށް ސްކޮޑާއި މެދު ހިތްހަމަޖެހޭ ކަމަށެވެ.

ޝާޒްލީ ބުނީ މި މެޗާއި ކުރިމަތިލާނީ ގައުމީ ރޫހެއްގައި ކަމަށާއި ސަޕޯޓަރުންނަށް ދަނޑަށް ވަދެ ސަޕޯޓު ނުދެވުނަސް މުޅި ޓީމަށް ބޭނުންވަނީ ސަޕޯޓަރުންގެ ހިތްވަރު ކަމަށެވެ. އަދި މި މެޗާއި އީގަލްސް ކުރިމަތިލަނީ ގައުމީ ކަމެއްގެ ގޮތުގައި ދެކިގެން ކަމަށްވެސް ޝާޒްލީ ބުންޏެވެ.

މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އީގަލްސްގެ ކޯޗު ޝާޒްލީ އަދި އީގަލްސްގެ ކުރޯ -- ވަގުތު އިމޭޖަސް : އިބްރާހިމް ޝާބިލް

ކުލަބް އީގަލްސް އިން ވަނީ އޭއެފްސީ ކަޕަށް އެ ޓީމުގެ ބިދޭސީ ކުޅުންތެރިންގެ ބަދަލުގައި ގައުމީ ޓީމުގެ ތަޖުރިބާކާރު ކުޅުންތެރިންގެ ސޮއި ހޯދާފައެވެ. މީގެތެރޭގައި ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އާއި ގައުމީ ކެޕްޓަން އަކްރަމް އަބްދުލް ޢަނީ އަދި ކީޕަރު ފައިސަލް އާއި އަލީ ފާސިރު (ސެންޓޭ) އަދި މުހައްމަދު އާރިފް (ބަކާ) ފަދަ ކުޅުންތެރިން ފާހަގަކޮށްލެވެއެވެ.

މިއީ ކުލަބް އީގަލްސްގެ ތާރީހުގައި އެ ޓީމުން އޭއެފްސީ ކަޕުގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. މުބާރާތުގެ ޕްލޭއޮފް ބުރަށް ކުލަބް އީގަލްސް ދަތުރުކޮށްފައިވަނީ ޕްރީލިމިނަރީ ބުރުގައި ބޫޓާންގެ ޗެމްޕިއަން ތިމްޕޫ ސިޓީ ބަލިކޮށްގެންނެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި ކުލަބް އީގަލްސް އާއި އިންޑިއާގެ ބެންގަލޫރު އެފްސީ ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެގަޑިން މާދަމާ ރޭ 21:00 ގައެވެ.