ވޯލްޑް ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން ޖަރުމަނަށް މި އަހަރުގެ މުބާރާތް އަދި ދިޔައީ ހީކުރި ގޮތަކަށް ނޫނެވެ. މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި މެކްސިކޯ އަތުން ޖަރުމަން ބަލިވީ ބަލިވެފަ އެވެ. ދެވަނަ ބުރުގެ އުންމީދު ޖަރުމަނުން ހޯދީ ދެވަނަ މެޗުގައި ޖަރުމަން އަތުން ލިބުނު އުނދަގޫ މޮޅަކާއެކު އެވެ.

މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ކުޅެންޖެހޭ ފަހު މެޗުގައި މިރޭ ދެކުނު ކޮރެއާއާ ދެކޮޅަށް ނުކުންނައިރު، ޖަރުމަނަށް މޮޅުވުން މަޖުބޫރެވެ. ދެކުނު ކޮރެއާ އަތުން ޖަރުމަން ދެ ލަނޑު ނުވަތަ އެއަށްވުރެ ބޮޑު ތަފާތަކުން މޮޅުވެއްޖެ ނަަމަ، މި ގުރޫޕްގައި ސްވިޑަން އާއި މެކްސިކޯ ބައްދަލުކުރާ މެޗުން ކޮންމެ ނަތީޖާއެއް ނިކުތަސް ދެވަަނަ ބުރުން ޖަރުމަނަށް ޖާގަ ލިބޭނެ އެެވެ.
އެކަމަކު ސްވިޑަން މޮޅުނުވެއްޖެ ނަމަ، ޕޮއިންޓަކާއެކު ވެސް ދެވަނަ ބުރަށް ޖަރުމަނު ދަތުރުކޮށްފާނެ އެވެ.

ގުރޫޕް އެފްގެ އެއްވަނައިގައި ހަ ޕޮއިންޓާއެކު އޮތީ މެކްސިކޯ އެވެ. ޖަރުމަނާއި ސްވިޑަންް 3 ޕޮއިންޓާއެކު އޮތްއިރު، ތާވަލްގެ ފުލުގައި ޕޮއިންޓެއް ނުލިބި އޮތީ ދެކުނު ކޮރެއާ އެވެ.

މިރޭގެ މެޗަށް ނުކުންނައިރު، ޖަރުމަންގެ ޑިފެންޑަރު ޖެރޯމް ބޯޓެން ވަނީ ސަސްޕެންޑްވެފަ އެވެ. އަދި މިޑްފީލްޑަރު ސެެބެސްޓިއަން ރޫޑީ އަށް ވެސް އަނިޔާގެ ސަބަބުން މި މެޗުގައި ނުކުޅެވޭނެ އެވެ. އެކަމަކު ޑިފެންޑަރ މެޓް ހަމެލްސް ވަނީ މި މެޗަށް ފިޓުވެފަ އެވެ.

މި މެޗަށް ނުކުންނައިރު، ދެކުނު ކޮރެއާ އަށް ވެސް ދެވަނަ ބުރުގެ ހަނި ފުރުސަތެއް އެބައޮތެވެ. އެކަމަކު އެއްވެސް އަމިއްލަ ބާރެއް ނެތުމުން، ދެކުނު ކޮރެއާ ދެވަނަ ބުރަށް ދިއުމަކީ ވުމަށްވުރެ ނުވުން ގާތްކަމެކެވެ.

މި މެޗަށް ނުކުންނައިރު، ދެކުނު ކޮރެއާގެ ކެޕްޓަން ކީ ސުންގް ޔުއެންގަށް ވަނީ އަނިޔާވެފަ އެވެ.

ޖަރުމަން:

ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުން މިހާތަނަށް ޖަރުމަން ކަޓާފައެއް ނުވޭ.

ވޯލްޑް ކަޕްގައި އޭޝިއާގެ ޓީމުތަކާ ދެކޮޅަށް މީގެ ކުރިން ކުޅުނު ފަސް މެޗުން ވެސް ޖަރުމަން ވަނީ މޮޅުވެފަ.

ޔޫރޯ 2016ގައި ފްރާންސް އަތުން ބަލިވި ފަހުން ޖަރުމަން ކުޅުނު ވާދަވެރި 17 މެޗުގެ ތެރެއިން 15 މެޗު ވަނީ ކާމިޔާބުކޮށްފަ.

ދެކުނު ކޮރެއާ:

މި އަހަރުގެ ވޯލްޑް ކަޕްގައި ކުޅުނު ދެ މެޗުގައި ވެސް، ދެކުނު ކޮރެއާއާ ދެކޮޅަށް ވަނީ ޕެނަލްޓީއެއް ދީފަ. މީގެ ކުރިން ވޯލްޑް ކަޕްގައި ދެކުނު ކޮރެއާ ކުޅުނު 29 މެޗުން، އެ ޓީމާ އިދިކޮޅަށް ދީފައިވަނީ އެންމެ ޕެނަލްޓީއެއް.

ވޯލްޑް ކަޕްގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ވެސް ދެކުނު ކޮރެއާ ވަނީ ބަލިވެފަ.

އެނގޭތަ؟

ޖަރުމަނާއި ދެކުނު ކޮރެއާ މިހާތަނަށް ތިން ފަހަރު ބައްދަލުކޮށްފައިވާއިރު، އޭގެ ތެރެއިން ދެ މެޗަކީ ވޯލްޑް ކަޕްގެ ދެ މެޗެވެ.
ވޯލްޑް ކަޕްގައި މި ދެ ޓިމު ބައްދަލުކުރި ދެ ފަހަރު (2002 އަދި 1994) ވެސް މޮޅުވެފައިވަނީ ޖަރުމަނެވެ. ދެކުނު ކޮރެއާ މޮޅުވީ 2004 ވަނަ އަހަރު ކުޅުނު އެކުވެރިކަމުގެ މެޗަކުންނެވެ.