ފީފާ ވޯލްޑް ކަޕުގެ ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި އާޖެންޓީނާ އަށް އެންމެ މުހިންމުވީ ވަގުތު އެޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ވަނީ ޓީމު ކުޅުންތެރިންނާއި ވާހަކަ ދައްކައި ހިތްވަރުދީފައެވެ.

ފުރަތަމަ ދެ މެޗުގައި ސަޕޯޓަރުން އުއްމީދު ކުރި ވަރުގެ ކުޅުމެއް ނުދެއްކުމުގެ އިތުރުން މެސީ އަތުން ވަނީ އައިސްލޭންޑާއި ދެކޮޅަށް ޕެނަލްޓީ އެއް މިސް ވެފައެވެ. މީގެ ސަބަބުން ގިނަ ބަޔަކު ވަނީ މެސީ އަށް ފާޑު ކިޔާފައެވެ. ނަމަވެސް ނައިޖީރިއާ އާއި ދެކޮޅަށް ކުޅުނު މެޗުގައި މެސީ ވަނީ ފާޑު ކިޔާމީހުންނަށް ގޮންޖަހާލައި މޮޅު ކުޅުމެއް ކުޅެ، ލަނޑެއް ޖަހައި އާޖެންޓީނާ އަށް ކުރި ހޯދައިދީފައެވެ.

ހަމަ އެހެންމެ މީހުން ކިޔާގޮތުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ޕޯޗުގަލް އަށް ދައްކަމުންދާ ފަދަ ލީޑަރެއްގެ ސިފަ މެސީ އަށް އެއްވެސް ވަރަކަށް ދެއްކިފައި ނުވެއެވެ. ނަމަވެސް ނައިޖީރިއާ އާއި ދެކޮޅަށް ކުޅުނު މެޗުގެ ހާފް ބްރޭކުގައި މެސީ ވަނީ ޓީމު ކުޅުންތެރިން ކައިރި ކޮށް، ވާހަކަ ދައްކައި ހިތްވަރު ދީފައެވެ.

އެވަގުތު 0-1 ގެ ނަތީޖާ އަކުން މެސީގެ ލަނޑާއި އެކު އާޖެންޓީނާ މޮޅުވެފައި އޮތް ނަމަވެސް ނައިޖީރިއާ އަށް ލިބުނު ޕެނަލްޓީ އަކުން ވިކްޓާ މޮސެސް ވަނީ ނަތީޖާ ހަމަ ހަމަ ކޮށްފައެވެ. ނަމަވެސް މެޗު ނިމެން 4 މިނެޓަށް ވެފައި ވަނިކޮށް އާޖެންޓީނާގެ ޑިފެންޑަރު ރޯހޯ ޖެހި ލަނޑުން މޮޅުވެ އާޖެންޓީނާ ވަނީ މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފައެވެ.

ރޯހޯ ވަނީ މެސީ ޓީމަށް ދިން ހިތްވަރާއި، މުޅި ޓީމު އެއްކޮށް ކުރިޔަށް ޖައްސައި ގޯލު ޖަހަން ފުރުސަތު ތަނަވަސް ކޮށް ދިނުމުން އޭނާ އަށް އަށް ހާއްސަ ޝުކުރެއް އަދާ ކޮށްފައެވެ.

"މެސީ ހުރިހާ ކުޅުންތެރިން ގާތު ބުނީ، ހަމަޖެހިލައިގެން އެއްވެސް ވަރަކަށް ހާސް ނުވެ ކުޅެން. ހުރިހާ ކުޅުންތެރިންވެސް ތިބީ ހިތް އަވަސްވެފައި. ނަމަވެސް މެސީގެ ވާހަކައިން ކުޅުންތެރިންނަށް ލިބުނީ އިތުރު ހިތްވަރެއް" ރޯހޯ ބުންޏެވެ.

" މެސީ އަކީ އާޖެންޓީނާގެ ކެޕްޓަން. އެއީ އެންމެ މޮޅު ކެޕްޓަން. މެސީގެ ސަބަބުން ޓީމަށް ލިބުނު އިތުރު ހިތްވަރަކާއި ގުޅިގެން މެޗުން މޮޅުވީ. ގޯލެއް ބައިކޮޅަށް ވަނަސް ވަރިހަމަ ކަމަށް ބުނެ، ހުރިހާ ކުޅުންތެރިންވެސް ކުރިޔަށް ޖައްސަން މެސީ ބުނި" މެސީ އާއި ގުޅޭ ގޮތުން ވާހަކަ ދައްކަމުން ރޯހޯ ބުންޏެވެ.

މީގެ އިތުރުން ރިޕޯޓު ތަކުން ބުނާގޮތުގައި ސަމްޕައޯލީ ވަނީ އަގުއޭރޯ ކުޅެން އެރުވުމުގެ ކުރިން މެސީގެ ހިޔާލު ވެސް ހޯދާފައެވެ.

އާޖެންޓީނާ ދެވަނަ ބުރުގައި ކުޅޭނީ ފްރާންސް އާއި ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޮއްކޮ

    ސާބަހޭ މެސީ... ހަމަ އަސްލުގައި ވެސް މެސީގެ ހިތްވަރުން އާޖެންޓީނާ މޮޅުވީ....މެސީ އަކީ މޮޅު ކުޅުންތެރިއެއް،މޮޅު ލީޑަރެއް އަދި އެހާމެ ކުޅަދާނަ ބައްޕައެއް ......???

  2. ޢަޒީ

    ޞަބަދަލު ކުރަން ވެސް މެސީ ގާތުން.. ކީއްކުރާ ކޯޗެއް.. ޓީމް ދުނިޔޭގެ ފެންވަރުގެ މޮޅެތި ކުޅުން ތެރިންނާ އެކީވެސް މާ ބޮޑު ކަމެއް ނުވެގެން އުޅެނީ މެސީގެ ނުފޫޒް ބޮޑުކަމުން... ރޭގެ ގޯލަކީވެސް 19 އަހަރުގެ ގޯލް ކީޕަރެއް ކޮޅައް ޖެހި ވަރައް އާދައިގެ ގޯލެއް... ތަޖުރިބާހިރި ކީޕަރަކު ނަގާނެ ބޯޅައެއް... އޭންގަލް ހަނިވެފަ އދި ކަނާތުފައިން ޖެހި ބާރެއް ނެއް ބޯޅައެއް.... ނައިޖީރިޔާއައް ދޭންޖެހޭ ޕެނެލްޓީއެއް ނުދޭ.. ރެފްރީ އާޖެންޓީނާ އަށް ކުޅުނު ކަންވެސް ފާހަގަ ކުރެވޭ