ބޮރޫޝިއާ ޑޯޓްމަންޑް ބަލިކޮށް ޖަރުމަނު ސުޕަ ކަޕުގެ ތަށި ވަރުގަދަ ބަޔާން މިއުނިކް އިން އުފުލާލައިފި އެވެ.

ބަޔާން މިއުނިކް އަކީ އެ ގައުމުގެ އެންމެ ފަހުގެ ލީގު ޗެމްޕިއަނުންނެވެ. އަނެއްކޮޅުން ބޮރޫޝިއާ ޑޯޓްމަންޑް އަކީ އެންމެ ފަހުގެ ޖަރުމަނު ކަޕުގެ ޗެމްޕިއަނުންނެވެ. މި ސީޒަނަށް ގިނަ ތައްޔާރީތަކެއްވި ބަޔާން މިއުނިކް އިން ސުޕަ ކަޕް ކާމިޔާބުކޮށްފައިވަނީ 3-1 ގެ ނަތީޖާއަކުންނެވެ.

މި މެޗު ކުޅެފައިވަނީ ޑޯޓްމަންޑްގެ ދަނޑުގައެވެ. ވާދަވެރި ކުޅުމެއް ދެ ޓީމުގެ ފަރާތުން ފެނިގެންދިޔަ މި މެޗުގައި އެންމެ ފުރަތަމަ ލަނޑުޖަހާ ލީޑު ނަގާފައިވަނީ ބަޔާން މިއުނިކް އެވެ. ފުރަތަމަ ހާފު ނިމެން ގާތްވެފައިވަނިކޮށް މި ލަނޑު ކާމިިޔާބުކޮށްފައިވަނީ ރޮބަޓް ލެވަންޑޯސްކީ އެވެ. މެޗުގައި މޮޅު ކުޅުމެއް ދެއްކި ލެވަންޑޯސްކީ މި ލަނޑު ކާމިޔާބުކުރީ ސާޖް ގްނަބްރީ ނަގައިދިން ހުރަހަކުންނެވެ.

ދެވަނަ ހާފުވެސް ދިޔައީ ވަރަށް ވާދަވެރިކޮށެވެ. ގިނަ ހަމަލާތަކެއް މި ހާފުގައި ވަނީ ފެނިފައެވެ. ހާއްސަކޮށް ޑޯޓްމަންޑް އިން ނަތީޖާ ހަމަހަމަކުރަން ކުރި މަސައްކަތް ފާހަގަކޮށްލެވެއެވެ. މި ހާފުގެ ކުރީކޮޅު އެ ޓީމުން އަވަހަށް ލަނޑެއް ޖެހުމަށް ވަރަށް މަސައްކަތްކުރި އެވެ. ނަމަވެސް އެކަން ކާމިޔާބުނުވެ ބަޔާން އިން ދެވަނަ ލަނޑު ކާމިޔާބުކުރި އެވެ.

ދެވަނަ ހާފު ފަށައިގެން މާގިނައިރުތަކެއް ނުވަނީސް މި ލަނޑު އެ ޓީމަށް ކާމިޔިާބުކޮށްދިނީ ތަޖުރިބާކާރު ފޯވާޑް ތޯމަސް މުލާ އެވެ. ޑޯޓްމަންޑް އިން ލަނޑެއް ޖެހުމަށް ކުރި މަސައްކަތުން އެކަން ކާމިޔާބުވީ މެޗުގެ 64 ވަނަ މިނެޓުގައެވެ. މި ލަނޑު ކާމިިޔާބުކޮށްދިނީ އުއްމީދީ ކުޅުންތެރިޔާ އާލިން ހާލަންޑް އެވެ.

ބަޔާން އިން ވަނީ މެޗުގެ 74 ވަނަ މިނެޓުގައި އެ ޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. ޓޮލިސޯ ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން ރޮބަޓް ލެވަންޑޮސްކީ އެވެ.

ލެވަންޑޯސްކީ މި މެޗުގައި ކާމިޔާބުކުރި ދެ ލަނޑާއެކު އޭނާ ޖަރުމަނު ސުޕަ ކަޕުގައި ޖެހި ލަނޑުތަކުގެ އަދަދު ވަނީ ހަތަކަށް އަރާފައެވެ. އެއާއެކު އޭނާ ވެގެންގޮސްފައިވަނީ ޖަރުމަނު ސުޕަ ކަޕުގެ އެންމެ ކާމިޔާބު ކުޅުންތެރިޔާގެ ގޮތުގައެވެ.

 

ކިޔުންތެރިންގެ ހިޔާލު