ކެންޔާގެ ވެރިރަށް ނެއިރޯބީގައި މިހާރު ކުރިޔަށްދާ 20 އަހަރުންދަށުގެ ވޯލްޑް އެތްލެޓިކްސް ޗެމްޕިއަންޝިޕުގައި ވާދަކޮށް ރާއްޖޭގެ އައިޝަތު ހިމްނާ އަންހެނުންގެ ގައުމީ ރެކޯޑެއް އާކޮށްފިއެވެ.

މި މުބާރާތުގައި ހިމްނާ ވާދަކޮށްފައިވަނީ އަންހެނުންގެ 400 މީޓަރު ދުވުމުގައެވެ. ހީޓުގެ ދެވަނަ ބުރުގައި ވަރުގަދަ ދުވުންތެރިންނާއި ވާދަކޮށް ހިމްނާ ދުވުން ނިންމާފައިވަނީ 58.90 ސިކުންތުންނެވެ.

ރާއްޖޭގެ އަންހެނުންގެ 400 މީޓަރު ދުވުމުގެ ގައުމީ ރިކޯޑު އުއްމީދީ ދުވުންތެރިޔާ އައިޝަތު ހިމްނާ ހަސަނަށް އާކޮށްފިއެވެ. މި ރެކޯޑު ކުރިންވެސް އޮތީ ހިމްނާ އަތުގައެވެ. އެއީ 2019 ވަނަ އަހަރު އޮތް އޭޝިއަން ޔޫތު ޗެމްޕިއަންޝިޕުގެ 400 މީޓަރު އިވެންޓުގައި ވާދަކޮށް 59.18 ސިކުންތުން ދުވުން ނިންމައިގެންނެވެ. މި ރެކޯޑު އާކުރީ 0.28 ސިކުންތުގެ ތަފާތަކުންނެވެ.

މިއީ އަންހެނުންގެ ދުވުމުގެ ގައުމީ ރެކޯޑު ހިމްނާ އާކުރި ތިންވަނަ ފަހަރެވެ. އެންމެ ފުރަތަމަ އޭނާ މި ރެކޯޑު އާކޮށްފައިވަނީ 2018 ވަނަ އަހަރުގައެވެ. ރާއްޖޭގެ އެންމެ އަރަމުން އަންނަ އެއް ދުވުންތެރިއަކީ ހިމްނާއެވެ. ދުވުމުގެ ޑިސިޕްލިން އާއެކު އޭނާ ދަނީ ފަހަރަކަށް ފަހު ފަހަރެއް ކުރިއަރަމުންނެވެ. އަދި ޓައިމިން ވެސް ރަނގަޅުކުރަމުންނެވެ.

ހިމްނާ ވަނީ މިހާތަނަށް ބައިނަލްއަޤްވާމީ ގިނަ މުބާރާތްތަކެއްގައި ވެސް ވާދަކޮށްފަައެވެ. މިހާތަނަށް ނުވަ މުބާރަތެއްގައި އޭނާ ވާދަކުރިއިރު 2018 ގައި ފިންލޭންޑުގައި ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕެއްގައި ވެސް އޭނާ ވާދަކޮށްފައިވެއެވެ. އަދި ޢޭގެ ޖެހިގެން އައި އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕުގައި ވެސް އޭނާ ވާދަކުރިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކޮވިޑް

    މާޝާﷲ ފޮޓޯއިން އެ ފެންނަނީ އާދަ އުފާވެރި ކަމެކޭ ކާމިޔާބައްފަހު ﷲ ޝުކުރު ކުރާތަން. އިންޝާ ﷲ ކުރިޔަށް އިތްތާންގައި އަދި ތިޔައްވުރެ ބޮޑު ކާމިޔާބަކަށް އެދި ދުވާކުރަން.

    10
    1
  2. އަހްމަދު

    އެފެންނަނީ ރީތިމަނަޒަރެއް! އިސްލާމީ ރިވެތި ގޮތުގައި ކުޅިވަރު ކުޅެވޭނެކަން އިމްނާ ދައްކާފީ! ކުޅިވަރަކީ މުޅިމީހާ އޮރިޔާން ވެގެން ކުޅެވޭ އެއްޗެއްނުންކަން ދެއްކީތީ ޝުކުރު ދަންނަވަން.

    10
  3. އަލީ

    އުފާވެރި މަންޒަރެއް ދުވަން ފެށުމުގެ ކުރިން ކާމިޔާބަށް އެދި ﷲގެ ހަޒުރަތުގައި ދަންނަވަނީ