ދެކުނު ކޮރެޔާ އަތުން 0-2 އިން ބަލިވެ، ވޯލްޑް ކަޕްގެ އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާ ޖާމަނީ މުބާރާތުން ކަޓައިފިއެވެ.

މިއީ 1938 ވަނަ އަހަރަށްފަހު މުބާރާތުގެ ގްރޫޕް ސްޓޭޖުން ޖަރުމަނު ކެޓި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

މިރޭގެ މެޗުން ބަލިވުމުން ޖަރުމަނު މިފަހަރުގެ ވޯލްޑް ކަޕް ނިންމާލީ ކުޅުނު ތިން މެޗުން ލިބުނު ތިން ޕޮއިންޓާއެކު ގްރޫޕް އެފްގެ ފުލުގައި އޮވެއެވެ. ޖަރުމަނުގެ މައްޗަށް ކުރި ހޯދި ކޮރެޔާ މުބާރާތް ނިންމާލީ ތިން ޕޮއިންޓާއެކު ގްރޫޕް އެފްގެ ތިންވަނައިގައި އޮވެއެވެ. ކޮރެޔާ އަށް ގްރޫޕްގެ ކުރި ލިބުނީ ގޯލުގެ ތަފާތުންނެވެ.

މި ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކުރީ ސްވިޑެންއެވެ. އެޓީމަށް ވަނީ ކުޅުނު ތިން މެޗު ހަ ޕޮއިންޓު ލިބިފައެވެ. ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދަތުރުކުރީ މެކްސިކޯ ކަމަށްވާއިރު އެޓީމަށް ވެސް ލިބުނީ ހަ ޕޮއިންޓެވެ. ގްރޫޕްގެ އެއްވަނަ ސްވިޑެން އަށް ލިބުނީ ގޯލުގެ ތަފާތުންނެވެ.

ޖަރުަނާއި ކޮރެޔާ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އޭއެފްޕީ

މި ގްރޫޕްގައި މިރޭ ސްވިޑެން އިން ވަނީ މެކްސިކޯގެ މައްޗަށް 0-3 އިން ކުރި ހޯދާފައެވެ.

ޖަރުމަނުން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވާއިރު މި ހާފުގައި ގޯލެއް ކާމިޔާބުކުރުމަށް ދެ ޓީމުންކުރެ ޓީމަކަށް މާ ރަނގަޅު ފުރުސަތެއް ވެސް ލިބިފައެއް ނުވެއެވެ. ނަމަވެސް އެއާ ހިލާފަށް ދެވަނަ ހާފްގައި ޖަރުމަނުން ދިޔައީ ކޮރެޔާގެ ގޯލަށް ކައިރިކައިރީގައި ނުރައްކާ ކުރަން މަސައްކަތް ކުރަމުންނެވެ.

އެގޮތުން ގޮމޭޒް ބޮލުން ފޮނުވާލި ހަމަލާއެއް ކޮރެޔާގެ ކީޕަރު ދިފާއުކުރިއިރު، ކޮރެޔާގެ ޕެނަލްޓީއޭރިއާ ތެރޭ މުޅިން ހުހަށް ހުރެ ހުމެލްސް ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ. މީގެއިތުރުން ތޯމަސް މުލާ ވެސް ވަނީ ކޮރެޔާގެ ގޯލަށް ހަމަލާއެއް ފޮނުވާލާފައެވެ.

ގޯލަށްފަހު ސޮން އުފާފާޅުކުރަނީ - ފޮޓޯ: އޭއެފްޕީ

ގޯލެއް ކާމިޔާބުކުރުމަށް ޖަރުމަނުން ވަރަށް ބޮޑަށް ކުރިއަށް ޖެހިލައިގެން ކުޅުނުއިރު ކައުންޓަ އެޓޭކުތަކުގައި ކޮރެޔާ އިން ވެސް ދިޔައީ ފުރުސަތުތައް ތަނަވަސްކުރަމުންނެވެ. އެގޮތުން މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަ މިނެޓްގެ ތެރެއިން ހަތަރުވަނަ މިނެޓްގައި ޔަންގް ގްވޮން ކިމް ވަނީ ވަނީ އެޓީމަށް ލީޑު ނަގާދީފައެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ ޖަރުމަނުގެ ޕެނަލްޓީއޭރިއާ ތެރޭ މުޅިން ހުހަށް ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.

އަދި މެޗުގެ ފަހު މިނެޓްގައި ސޮން ވަނީ ކޮރެޔާގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީ ޖަރުމަނު މުބާރާތުން ކަޓުވާލާފައެވެ.

ޖަރުމަނު މުބާރާތުން ކެޓިއިރު އެންމެފަހުން ވޯލްޑް ކަޕް ކާމިޔާބުކުރި ހަތަރު ޓީމުގެ ތެރެއިން ތިން ޓީމެއް މީގެކުރިން ވެސް ގްރޫޕް ސްޓޭޖާ ހިސާބުން މުބާރާތާއި އަލްވަދާއު ކިޔަން ޖެހިފައިވާކަން ފާހަގަކޮށްލެވެއެވެ. އެއީ ފްރާންސް އާއި އިޓަލީ އަދި ސްޕެއިންއެވެ.