ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިންތިޒާމުކޮށްގެން ބާއްވާ ތިންވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ބުރު ސްޕޯޓްސް ކުލަބް ފަސޭހަކަމާއެކު ހޯދައިފިއެވެ.

މާފަންނު ޓާފް ދަނޑުގައި ކުޅުނު ސެމީފައިނަލުގެ ފުރަތަމަ މެޗުން މޮޅުވެ ފައިނަލުގެ ފުރަތަމަ ޖާގަ ބުރު ސްޕޯޓްސް ކުލަބް ހޯދާފައިވަނީ ކުލަބް އޮންލީ ވަން އޮޕޮޗިއުނިޓީ (ކުލަބް އޯވަންއޯ) 7-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިކޮށްގެންނެވެ.

ބުރު ސްޕޯޓްސް ކުލަބް ޓީމުގައި ރާއްޖޭގެ ފުޓުބޯޅަ އަދި ފުޓްސަލްގައި ފާހަގަކޮށްލެވޭ ގިިނަ ކުޅުންތެރިންތަކެއް ކުޅެއެވެ. މި ކުޅުންތެރިންނާއެކު ކުލަބް އީގަލްސްގެ އެސިސްޓަންޓް ކޯޗު އަހުމަދު ނިމާދު (ނިމާ) ވަނީ ރަނގަޅު ނަތީޖާތަކެއް މި މުބާރާތުގައި ހޯދާފައެވެ.

މި މެޗުގައި އެ ޓީމުގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިފައެވެ. ބުރު ސްޕޯޓްސް ކުލަބުން މި މެޗުގައި ލަނޑުތައް ކާމިޔާބުކޮށްދިން ކުޅުންތެރިންނަކީ ފުޓްސަލްގެ ވަރުގަދަ ކުޅުންތެރިން ކަމަށްވާ އަބްދުﷲ ޝާފިއު (ޝާއްޕެ) އާއި މުހައްމަދު ތަޝްމީން (ތައްތި) ގެ އިތުރުން އިބްރާހިމް މުބީން އަހުމަދު ރަޝީދު (މުއްކި) އާއި މުހައްމަދު އަތީފްގެ އިތުރުން މީގެކުރިން ފުރަތަމަ ޑިވިޝަނުގައި ކުލަބް ގްރީންސްޓްރީޓްސް އަށް ކުޅުނު ސުބޮލް އިލިއާ އާއި ރޯމަން ކުޑްޗެންކީ އެވެ. މީގެތެރެއިން ތައްތި ދެ ލަނޑު ޖެހިއެވެ.

ކުލަބް އޯވަންއޯ ޓީމަށް މި މެޗުގައި އެ ޓީމުގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ އޮމޮޑޫ ގޮޑްފްރޭ ވެސްޓް އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ފުރަތަމަ ހާފުގެ އެންމެ ފަހުވަގުތުއެވެ.

މިއީ ތިންވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގެ ފައިނަލަށް ބުރު ސްޕޯޓްސް ކުލަބް ދަތުރުކުރި ފުރަތަމަ ފަހަރެވެ. މީގެކުރިން ބުރު ކުޅުނު ދެ މުބާރާތުގައި ވެސް އެ ޓީމު ނިންމާލީ ސެމީފައިނަލާއި ހިސާބުންނެވެ.

ސެމީފައިނަލުގައި ބުރު ސްޕޯޓްސް ކުލަބް ބައްދަލުކުރާނީ ސެމީފައިނަލުގެ ދެވަނަ މެޗުގައި މިރޭ ލިޓްލް ޓައުން ސްޕޯޓްސް ކުލަބް (އެލްޓީ ސްޕޯޓްސް ކުލަބް) އަދި ބިސްބުރު ސްޕޯޓްސް ކުލަބް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.