ވޯލްޑް ކަޕްގެ ގްރޫޕް އީގެ އެއްވަނަ ޓީމުގެ ގޮތުގައި ބްރެޒިލް އަދި އެ ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ސްވިޒަލޭންޑް މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.

ގްރޫޕްގެ އެއްވަނަ ބްރެޒިލް އިން މިރޭ ހޯދީ ސާބިޔާއާ ބައްދަލުކުރި މެޗު 0-2 އިން ކާމިޔާބުކޮށްގެންނެވެ. އަދި ސްވިޒަލޭންޑަށް ގްރޫޕްގެ ދެވަނަ ލިބުނީ ކޮސްޓަރީކާއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުކޮށްގެންނެވެ.

ބްރެޒިލް އިން ގްރޫޕްގެ އެއްވަނަ ހޯދީ ކުޅުނު ތިން މެޗުން ލިބުނު ހަތް ޕޮއިންޓާއެކުއެވެ. ގްރޫޕްގެ ދެވަނަ ހޯދި ސްވިޒަލޭންޑަށް ލިބިފައިވަނީ ފަސް ޕޮއިންޓެވެ. ތިންވަނަ ހޯދި ސާބިޔާ އަށް ތިން ޕޮއިންޓު ލިބުނުއިރު ގްރޫޕްގެ ފުލަށްދިޔަ ކޮސްޓަރީކާ އިން މުބާރާތް ނިންމާލީ އެންމެ ޕޮއިންޓަކާއެކުއެވެ.

ޕައުލީނިއޯ ބްރެޒިލްގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދެނީ - ފޮޓޯ: އޭއެފްޕީ

ސާބިޔާއާ ދެކޮޅަށް މިރޭ ކުޅުނު މެޗުގައި ބްރެޒިލް އިން ރަނގަޅު ކުޅުމެއް ދެއްކިއިރު މެޗުގެ 36 ވަނަ މިނެޓްގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. ކުޓީނިއޯ ދިން ޕާހަކުން މި ގޯލު ބްރެޒިލް އަށް ކާމިޔާބުކޮށްދިނީ ޕައުލީނިއޯ ކަމަށްވާއިރު އޭނާ މި ގޯލު ކާމިޔާބުކުރީ ސާބިޔާގެ ގޯލްކީޕަރު ބޯމަތިން ބޯޅަ ފޮނުވާލައިގެންނެވެ.

ގޯލްޖަހާނެ މާ ރަނގަޅު ފުރުސަތެއް ފުރަތަމަ ހާފްގައި ސާބިޔާ އަށް ލިބިފައި ނުވި ނަމަވެސް ދެވަނަ ހާފްގެ ކުރީކޮޅު އެޓީމުން ވަނީ ކައިރިކައިރީގައި ބްރެޒިލްގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ. އެގޮތުން މުޅިން ހުހަށް ހުރެ ސާބިޔާގެ ފޯވާޑް މިޓްރޮވިޗް ބޮލުން ފޮނުވާލި ހަމަލާ ބްރެޒިލްގެ ޑިފެންޑަރު ތިއާގޯ ސިލްވާ ދިފާއުކުރިއިރު އޭނާ ފޮނުވާލި އިތުރު ހަމަލާއެއް ބްރެޒިލްގެ ކީޕަރު އެލިސަން ވެސް ވަނީ ދިފާއުކޮށްފައެވެ.

ނަތީޖާ އެއްވަރުކޮށްލަން ލިބުނު ފުރުސަތުތަކުގެ ބޭނުން ސާބިޔާ އަށް ނުހިފުމުގެ ނަތީޖާއަކަށްވީ މެޗުގެ 68 ވަނަ މިނެޓްގައި ބްރެޒިލް އިން ލީޑު ފުޅާކުރުމެވެ. ނޭމާ ނަގައިދިން ކޯނަރަކުން ސާބިޔާގެ ޕެނަލްޓީއޭރިއާ ތެރޭ ހުހަށް ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ތިއާގޯ ސިލްވާއެވެ.

ގޯލަށްފަހު ސިލްވާ އުފާފާޅުކުރަނީ - ފޮޓޯ: އޭއެފްޕީ

މީގެއިތުރުން މެޗުގެ ފަހު މިނެޓްގައި އިތުރު ގޯލެއް ކާމިޔާބުކުރަން ނޭމާ އަށް ވެސް ރަނގަޅު ފުރުސަތެއް ލިބުނެވެ. ނަމަވެސް ސާބިޔާގެ ޕެނަލްޓީއޭރިއާ ތެރެއަށް ވަނުމަށްފަހު އޭނާ ފޮނުވާލި ހަމަލާ ސާބިއާގެ ކީޕަރު ސްޓޮއިކޮވިޗް ވަނީ ދިފާއުކޮށްފައެވެ.

މިއީ ބްރެޒިލް ވޯލްޑް ކަޕްގެ ދެވަނަ ބުރަށް ޖެހިޖެހިގެން ދަތުރުކުރި 13 ވަނަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

މުބާރާތުގެ ދެވަނަ ބުރުގައި ބްރެޒިލް ބައްދަލުކުރާނީ މެކްސިކޯއާއެވެ. އަދި މި ގްރޫޕުން ދެވަނަ ހޯދި ސްވިޒަލޭންޑް ބައްދަލުކުރާނީ ސްވިޑެންއާއެވެ.