ވޯލްޑް ކަޕުން ޖަރުމަނު ކެޓުން ހައްގު ކަމަށް އެޓީމުގެ ކޯޗު ޔޮކީމް ލޯވް ބުނެފިއެވެ.

ދެކުނު ކޮރެޔާ އަތުން 0-2 އިން ބަލިވެ ވޯލްޑް ކަޕްގެ އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާ ޖަރުމަނު ގްރޫޕާ ސްޓޭޖާ ހިސާބުން މުބާރާތާއި އަލްވަދާއު ކިޔަންޖެހުނުއިރު، މިއީ 1938 ވަނަ އަހަރަށްފަހު މުބާރާތުގެ ގްރޫޕް ސްޓޭޖުން އެޓީމު ކެޓި ފުރަތަމަ ފަހަރެވެ.

ރޭގެ މެޗުން ބަލިވުމުން ޖަރުމަނު މުބާރާތް ނިންމާލީ ކުޅުނު ތިން މެޗުން ލިބުނު ތިން ޕޮއިންޓާއެކު ގްރޫޕް އެފްގެ ފުލުގައި އޮވެއެވެ. ޖަރުމަނުގެ މައްޗަށް ކުރި ހޯދި ކޮރެޔާ މުބާރާތް ނިންމާލީ ތިން ޕޮއިންޓާއެކު ގްރޫޕް އެފްގެ ތިންވަނައިގައި އޮވެއެވެ. ކޮރެޔާ އަށް ގްރޫޕްގެ ތިންވަނަ ލިބުނީ ގޯލުގެ ތަފާތުންނެވެ.

މި ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކުރީ ސްވިޑެންއެވެ. އެޓީމަށް ވަނީ ކުޅުނު ތިން މެޗު ހަ ޕޮއިންޓު ލިބިފައެވެ. ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދަތުރުކުރީ މެކްސިކޯ ކަމަށްވާއިރު އެޓީމަށް ވެސް ލިބުނީ ހަ ޕޮއިންޓެވެ. ގްރޫޕްގެ އެއްވަނަ ސްވިޑެން އަށް ލިބުނީ ގޯލުގެ ތަފާތުންނެވެ.

ރޭގެ މެޗަށްފަހު ނޫސްވެރިންނާއި ވާހަކަދައްކަމުން ލޯވް ބުނީ މުބާރާތުން ޖަރުމަނު ކެޓުމަކީ ވަރަށް ބޮޑު ހިތާމައެއް ލިބޭ ކަމެއް ކަމަށާއި މުބާރާތުން ޖަރުމަނު ކަޓަން ޖެހުނު ސަބަބު ބުނަން އަދި އުނދަގޫ ކަމަށެވެ. އަދި މުބާރާތުގެ ދެވަނަ ބުރަށް ޖަރުމަނު ދިޔުން ހައްގު ނޫން ކަމަށްވެސް ލޯވް ބުންޏެވެ.

"މި މުބާރާތް ދެވަނަ ފަހަރަށް ކާމިޔާބުކުރުން ވެސް އަހަރުމެންނަށް ހައްގެއް ނޫން. އަދި ދެވަނަ ބުރަށް ދިޔުން ވެސް ހައްގެއް ނޫން. އަހަރުމެން އާއްމުކޮށް ކުޅޭ ކުޅުމާއި އަދި ގޯލު ޖަހަން ފުރުސަތުތައް ތަނަވަސްކުރަން ކުރާ މަސައްކަތް ރޭގެ މެޗުގައި ފެނިގެނެއް ނުދިޔަ. އަހަރުމެން މުބާރާތުން ކެޓުން ހަމަ ހައްގު. މިކަމުގެ ޒިންމާ އަހަރެން ނަގަން" ލޯވް ބުންޏެވެ.

ޖަރުމަނު މުބާރާތުން ކެޓުމާއެކު ލޯވްގެ ކުރިމަގާ މެދު ވެސް ސުވާލުތަކެއް މިހާރު ވަނީ އުފެދިގެން ގޮސްފައެވެ. 2022 ވަނަ އަހަރާއި ހަމައަށް ޖަރުމަނުގެ ކޯޗުކަމުގެ މަގާމުގައި ހުރުމަށް ދާދިފަހުން ލޯވް އެއްބަސްވުން އާކޮށްފައިވާއިރު ރޭގެ މެޗަށްފަހު އޭނާ ވަނީ އެ ސުވާލަށް ޖަވާބުދޭން އަދި މާ އަވަސް ކަމަށް ބުނެފައެވެ.

"ކުރިމަގާ ގުޅޭ ގޮތުން ވާހަކަދައްކަން އަދި މާ އަވަސް. ހިނގައިގެން މިދިޔައީ އަހަރެން އެއްގޮތަކަށް ވެސް އުއްމީދު ކުރި ކަމެއް ނޫން. ކުރިމަގާ މެދު ގޮތެއް ނިންމަން އަހަންނަށް ބޭނުންވޭ ވަގުތު. ޖަރުމަނު ކެޓުމަކީ އަހަންނަށް ލިބުނު ބޮޑު ހިތާމައެއް" 2006 ވަނަ އަހަރު ޖަރުމަނުގެ ކޯޗުކަމާ ހަވާލުވި ލޯވް ބުންޏެވެ.

ޖަރުމަނު މުބާރާތުން ކެޓިއިރު އެންމެފަހުން ވޯލްޑް ކަޕް ކާމިޔާބުކުރި ހަތަރު ޓީމުގެ ތެރެއިން ތިން ޓީމެއް މީގެކުރިން ވެސް ގްރޫޕް ސްޓޭޖާ ހިސާބުން މުބާރާތާއި އަލްވަދާއު ކިޔަން ޖެހިފައިވާކަން ފާހަގަކޮށްލެވެއެވެ. އެއީ ފްރާންސް އާއި އިޓަލީ އަދި ސްޕެއިންއެވެ.