ޔުވެންޓަސް މެޗު އެއްވަރުވެގެން ނިމެން ދަނިކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ އެ ޓީމު މޮޅުވި ލަނޑުޖެހި ނަމަވެސް ވީއޭއާރު ބެލުމަށްފަހު އެއީ ލަނޑެއްނޫން ކަމަށް ނިންމައިފިއެވެ.

އިޓާލިއަން ލީގުގައި ޔުވެންޓަސް އެއްވަރުވީ އުދިނޭސީ އާއި ވާދަކޮށް 2-2 ގެ ނަތީޖާއަކުންނެވެ. މިއީ އާ ސީޒަނުގައި ޔުވެންޓަސް ކުޅުނު ފުރަތަމަ މެޗެވެ.

މި މެޗު ޔުވެންޓަސް ފެށީ އުމުރުން 36 އަހަރުގެ ރޮނާާލްޑޯ ބެންޗުގައި ބަހައްޓައިގެންނެވެ. ރިޕޯޓުތައް ބުނާގޮތުން ރޮނާލްޑޯ ބެންޗުގައި ބެހެއްޓީ އޭނާގެ އެދުމުގެ މަތިންނެވެ. އެއީ އެހެން ކުލަބަކަށް ބަދަލުވާން ބޭނުންވާތީ އެކަން ކުލަބަށް ހިއްސާކުރުމުން އެކަމަށް ކުލަބުން ދެކޮޅު ހެދުމުންކަމަށް ރިޕޯޓުތައް ބުނެއެވެ. މިއީ ދިގު މުއްދަތަކަށް ފަހު މަސިމިލިއާނޯ އެލެގްރީ ޔުވެންޓަސް އަށް ކޯޗުކަންކޮށްދިން ފުރަތަމަ މެޗެވެ.

މެޗުން ޔުވެންޓަސް މޮޅުވި ގޯލު ޖެހިކަމަށް ހީކޮށް ރޮނާލްޑޯ ވަނީ ޖާރޒީ ބާލައި ޓީމުގެ ކުޅުންތެރިންނާއި އެކު އުފާފާޅުކޮށްފައެވެ. އޭގެފަހުން ރޮނާލްޑޯއަށް ދެއްކި ރީނދޫ ކާޑާއި އެކު އޭގެ މިނެޓެއްފަހުން ވީއޭއާރު ބެލުމަށްފަހު ރެފްރީ ނިންމީ އެއީ ލަނޑެއް ނޫންކަމަށެވެ. އެއާއެކު ރޮނާލްޑޯގެ ރުޅިގަނޑު ފަޅައިގެންދިޔަ އެވެ.

މެޗުގައި ޔުވެންޓަސް އިން ލަނޑުޖަހާ ލީޑު ނަގާފައިވަނީ މެޗު ފަށައިގެން ތިންވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ޕައޮލޯ ޑިބާލާ އެވެ. މެޗުގެ 23 ވަނަ މިނެޓުގައި ޔުވެންޓަސްގެ ދެވަނަ ލަނޑު ކާމިިޔާބުކޮށްދިނީ ކުއަޑްރާޑޯ އެވެ. ފުރަތަމަ ހާފު ނިމުނީ ޔުވެންޓަސް ދެ ގޯލުގެ ލީޑަކާއެކު އެވެ.

ނަމަވެސް ދެވަނަ ހާފުގައި ކަންކަން ބަދަލުވެގެންދިޔަ އެވެ. ދެވަނަ ހާފުގެ 51 މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އުދިނޭސީއަށް ސުން ކަނޑުވާލަދިނީ ރޮބާޓޯ ޕެރޭރާ އެވެ. މި ލަނޑުޖެހިތާ ނުވަ މިނެޓުފަހުން މޮރާޓާގެ ބަދަލުގަައި ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެން އެރިއެވެ. ނަމަވެސް މާ ބޮޑު ތަފާތެއް ނުފެނެއެވެ. އޭގެފަހުން މެޗުގެ 83 ވަނަ މިނެޓުގައި އުދިނޭސީގެ ޖެރާޑް ޑިއޮލޮފު ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ.

ޔުވެންޓަސް މެޗުން މޮޅުވިކަމަށް ބެލެވުނީ ދެވަނަ ހާފުގެ އެންމެ ފަހުކޮޅު ކިއެސާ ނަގައިދިން ހުރަހަކުން ރޮނާލްޑޯ ލަނޑު ޖެހުމުންނެވެ. ނަމަވެސް އެ ލަނޑު ވީއޭއާރު އިން ބަލައިނުގަތެވެ. މިއީ ލަނޑެއް ނޫންކަން ޔަގީންކުރަން ގާތްގަނޑަކަށް ތިން މިނެޓު ހޭދަވިއެވެ.

ރިޕޯޓުތައް ބުނާގޮތުން ރޮނާލްޑޯ ދަނީ މި ސީޒަން ނިމުމުން ޔުވެންޓަސް ދޫކޮށްލަން ތައްޔާރުވަމުންނެވެ. ނަމަވެސް އަދި މިހާތަނަށް އޭނާ ހޯދަން އެއްވެސް ކުލަބަކުން ޝައުގުވެރިކަން ފާޅުކޮށްފައިނުވާ ކަމަށްވެއެވެ.