ފީފާ ވޯލްޑް ކަޕުގައި ވާދަކުރާ އުރުގުއޭގެ ޓީމަށް ބަލާކަމުގައިވާނަމަ، ލުއިސް ސުއަރޭޒް އާއި އެޑިސަން ކަވާނީ އަކީ ނޫސްތަކުގެ ފަލަ ސުރުޚީ އިން ޖާގަ ހޯދާ ކުޅުންތެރިންކަމުގައި ވެދާނެއެވެ. ދުނިޔޭގެ ނިސްބަތުން ބަލާކަމުގައިވާނަމަ އެއީ ތަރިންނެވެ. އެއީ މުބާރާތުގެ ދެވަނަ ބުރަށް، އުރުގުއޭގެ ޤައުމީ ޓީމު ގެންދިޔުމުގައި އިސް ދައުރެއް އަދާ ކުރި ކުޅުންތެރިންނެވެ.

އެހެންނަމަވެސް، އެމީހުންގެ ފަހަތުގައި އެހެންނަމަވެސް، އަހަރަމެންނަށް ފެންނަ ފަށުގައި، ޓީމުގެ ކާމިޔާބުގައި ހިއްސާވާ، ވަރަށް މުޙިއްމު މީހެއް އެބަ ހުއްޓެވެ. އެއީ ހިތްވަރުގަދަ މީހެކެވެ. ތަރިއެކެވެ. ހަމައެހެންމެ، އެއީ "ހީރޯ" އެއްވެސްމެއެވެ.

އެމީހަކީ، އުރުގުއޭގެ ކޯޗު، އޮސްކާ ޓަބްރޭޒް އެވެ. އުމުރުން 71 އަހަރުގައި އުރުގުއޭގެ ޓީމަށް އޭނާ ކޯޗުކޮށްދީ، ކާމިޔާބު ހޯދަމުންދާއިރު އެއީ، ދުނިޔޭގެ އެންމެ ވަރުގަދަ މި މުބާރާތުގެ ޓީމެއްގެ ކޯޗުކަން ކުރާ އެންމެ ދުވަސްވީ މީހައެވެ.

1980 ވަނަ އަހަރުން ފެށިގެން، އެކި ޓީމުތަކަށް ކޯޗުކަން ކޮށްދެމުން އަންނަ ޓަބްރޭޒް އަކީ، ހިތްވަރުގަދަ މީހެއްކަމަށް ބުނަން ޖެހެނީ ހަމައެކަނި އޭނާގެ އުމުރަށް ބަލާފައި ނޫނެވެ. ޖެހުނު ބޮޑު ބައްޔެއްގެ ސަބަބުންވެސް، މިކަން ދޫކޮށެއް ނުލައެވެ. އޭގެ ބަދަލުގައި، މިކަމަށް އިތުރު ހިތްވަރެއް ލައި، މިކަމުގައި ކުރިއަށް ދިޔައީއެވެ.

2016 ވަނަ އަހަރު، އޭނާއަށް ގުލިއަން-ބެރޭ ސިންޑްރޮމް ނަމަކަށް ކިޔާ ބައްޔެއް ޖެހިފައެވެ. މިކަމުގެ ސަބަބުން، ނާރުގެ ސެލްތައް ހަލާކުވެ، މީހާގެ ހަށިގަނޑުގެ ދިފާޢީ ނިޒާމު ބަލިކަށިކޮށްލައެވެ. ހަމައެހެންމެ، މި ބަލި ޖެހިފައިވާ މީހުންނަށް ގައިން ވާގި ދޫވުން ނުވަތަ ޕެރަލިސިސް އާވެސް ކުރިމަތިލާން ޖެހިފައިވެއެވެ.

ޓްބްރޭޒް

ޓަބްރޭޒް އަށް މި ބަލި ޖެހިފައިވާކަން އެނގުމުން، ކެރިއަރު ދޫކޮށްލުމަށްވެސް އެތައް ބަޔަކު އޭނާގެ ގާތުގައި އެދުނެވެ. ހަމައެހެންމެ، އުމުރުގައި ދެން ވީލް ޗެއަރ އެއްގައި އިންނަން ޖެހިދާނެކަމަށްވެސް ހީވިއެވެ. އެހެންނަމަވެސް، މި ކަންތައްތަކަށް ގޮން ޖަހާލުމަށްފަހު، އުރުގުއޭ ޓީމު ގޮވައިގެން ކުރިއަށް ފިޔަވަޅު އަޅަން ފެށިއެވެ. އިތުރު ކާމިޔާބުތަކާ ދިމާއަށް މިސްރާބު ޖަހަން ފެށިއެވެ.

އަސާއެއްގެ އެހީގައި ހިނގަން ޖެހުނުކަމުގައިވިޔަސް، އޭނާގެ ހިތްވަރަކަށް ބަދަލެއް ނާދެއެވެ. ކާމިޔާބަށް ވާސިލުކޮށްދޭ، ޓީމުގެ މޮޅެތި ރޭވުންތައް ރާވަންވެސް ހުރަހެއް ނޭޅެއެވެ. ނަތީޖާއެއްގެ ގޮތުން ޓީމުގެ ކުޅުންތެރިންވެސް އޭނާއަށް ކިޔައި އުޅެނީ "ޓީޗަރެވެ". ކޯޗަކަށްވުރެ ލޯބިން، ކަންތައްތައް ބުނެދޭތީކަމަށް ވުން، ފަހަރުގައި އެކަށީގެންވެއެވެ.

މިހާރު ކުރިއަށްދާ ވޯލްޑް ކަޕުގެ ރައުންޑް އޮފް ސިކްސްޓީންގައި އުރުގުއޭ ބައްދަލުކުރަން ޖެހޭނީ ޕޯޗުގަލް އާއެވެ. އެމެޗު އޮންނާނީ މި މަހުގެ 30 ވަނަ ދުވަހުގެ 23:00 ގައެވެ.