ބޮޑެތި ގޮންޖެހުންތަކާއި އެކު ބޭއްވި އެފްއޭއެމް ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ބުރު ސްޕޯޓްސް ކުލަބުން ފަސޭހަކަމާއެކު ހޯދައިފިއެވެ.

މާފަންނު އެއް ނަންބަރު ޓާފް ދަނޑުގައި ކުޅުނު ފައިނަލް މެޗު ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ބުރު ސްޕޯޓްސް ކުލަބް ހޯދީ ބިސް ބުރު ސްޕޯޓްސް ކުލަބް ފަސޭހަކަމާއެކު 11-0 އިން ބަލިކޮށްގެންނެވެ.

މި މެޗުގައި ބުރު ސްޕޯޓްސްގެ ލަނޑުތައް ޖަހާދީފައިވާ ކުޅުންތެރިންނަކީ ފަސް ލަނޑު ޖެހި އެ ޓީމުގެ ޔޫކްރެއިން ކުޅުންތެރިޔާ ޕެޓްރޯވް އާއި މުހައްމަދު ތަޝްމީން، އަބްދުﷲ ޝާފިއު މިއިން ކޮންމެ ކުޅުންތެރިއަކު ޖެހި ދެ ލަނޑުގެ އިތުރުން އެއް ލަނޑު ޖެހި ކުރިން ކުލަބް ގްރީންސްޓްރީޓްސް ގައި މޮޅު ކުޅުމެއް ދެއްކި ސުބޮލް އިލިއާ އެވެ. ބުރު ސްޕޯޓްސްއިން ކާމިޔާބުކުރި އަނެއް ލަނޑަކީ ބިސް ބުރުގެ މުޙައްމަދު އާމިރު އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

ކުލަބު އީގަލްސްގެ އެސިސްޓަންޓް ކޯޗު އަޙްމަދު ނިމާދު (ނިމާ) ކޯޗުކަމުގެ ދަށުން ކުޅުނު ބުރު ސްޕޯޓްސް ކުލަބުގެ ތަޝްމީން ވަނީ މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ. އެންމެ މޮޅު ކީޕަރަކަށް ބިސް ބުރުގެ ކީޕަރު ވިސާމް އަބްދުﷲ ހޮވުނުއިރު ފެއާޕްލޭ ޓީމަކަށް ހޮވުނީ ބުރު ސްޕޯޓްސް ކުލަބެވެ.

ތިންވަނަ ޑިވިޝަނުގައި ހިމެނުނު އެންމެ ގަދަ ހަތަރު ޓީމަަށް ވަނީ ދެވަނަ ޑިވިޝަނުން ފުރުސަތު ލިބިފައެވެ. ބިސް ބުރާއި ބުރު ސްޕޯޓްސްގެ އިތުރު ދެވަނަ ޑިވިޝަނުން ދެން ޖާގަ ލިބުނު ޓީމުތަކަކީ ލިޓްލް ޓައުން ސްޕޯޓްސް (އެލްޓީ) އާއި ކުލަބު އޮންލީ ވަން އޮޕޮޗުނިޓީ (އޯވަންއޯ) އެވެ.

މިފަހަރުގެ ތިންވަނަ ޑިވިޝަން ކުރިޔަށްދިޔައީ ބޮޑެތި ގޮންޖެހުންތަކަކާއި އެކުއެވެ. ދިގުލައިގެން ދިޔަ މި މުބާރާތް ތިން ފަހަރު ވަނީ ފަސްކޮށްފަައެވެ. މިއަހަރުގެ އޭޕްރީލްގައި މުބާރާތުގެ ކުޅުން ފަށައިގެން ތިން ފަހަރު މެދުކަނޑާލިއިރު މީގެސަބަބުން ޓީމުތަކަށް އޭގެ ނޭދެވޭ އަސަރު ކޮށްފައިވެއެވެ.