މިފަހަރު ރަޝިއާގައި ކުރިއަށްދާ ފީފާ ވޯލްޑް ކަޕް ވެގެން ގޮސްފައި މިވަނީ ހައިރާން ކުރަނިވި އެތައް ކަމެއް ފެނިގެންދާ ވޯލްޑް ކަޕަކަށެވެ. ރޭ ވެސް އެފަދަ ހައިރާން ކުރަނިވި ކަމެއް ވަނީ ފެނިގެން ގޮސްފައެވެ. އެއީ ދެކުނު ކޮރެއާ އަތުން އެންމެފަހުގެ ޗެމްޕިއަން ޖަރުމަނުވިލާތް ކަޓައިގެން ދިޔުމެވެ.

ރޭގެ މެޗުގައި ޖަރުމަނު ކަޓައިގެން ދިޔައީ ކޮރެއާ އަތުން 2-0 ގެ ނަތީޖާއަކުން ބަލިވެ ގްރޫޕުގެ އެންމެ ފުލުގައި އޮވެއެވެ. ގްރޫޕް ސްޓޭޖުގައި ތިން ޕޮއިންޓު ލިބުނު ނަމަވެސް ޖަރުމަނު ކޮރެއާގެ ފަހަތަށް ވެއްޓުނީ ގޯލުގެ ތަފާތުންނެވެ. ގްރޫޕުގެ އެއްވަން ހޯދީ ރޭ 3-0 ގެ ނަތީޖާއަކުން މެކްސިކޯ ބަލި ކުރި ސްވިޑެންއެވެ. އަދި ދެވަނަ ހޯދީ މުބާރާތުގައި ޖަރުމަނު ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމު ބަލި ކުރި މެކްސިކޯއެވެ.

މުބާރާތުން ޖަރުމަނު ކަޓައި ހީވެސް ނުކުރާ ގޮތަކަށް ގްރޫޕު އެފް ނިމިގެން ދިޔަ އިރު މެޗަށް ފަހު އުފާ ފާޅު ކުރުންތައް ދިޔައީ ކުރިއަށެވެ. އެގޮތުން މެޗަށް ފަހު މެކްސިކޯ ސަޕޯޓަރުންނާއި ސްވިޑެން ސަޕޯޓަރުން ވަނީ ކޮރެއާ ސަޕޯޓަރުންނާއެކު އުފާ ފާޅު ކޮށްފައެވެ. މީގެ އިތުރުން ރަޝިއާގައި ހުންނަ ސަޕޯޓަރުންނަށް ހާއްސަ ޕާކެއްގައި ސްވިޑެން އާއި މެކްސިކޯ ސަޕޯޓަރުން އެއްވެ ވަނީ "ގުޑް ބާއި ޖާރމަނީ" ބާރަށް ގޮވައި އުފާފާޅު ކޮށްފައެވެ.

ރޭގެ މެޗަށް ފަހު މެކްސިކޯގެ މެކްސިކޯ ސިޓީގައި ހުންނަ ދެކުނު ކޮރެއާ އެމްބަސީ ކައިރިއަށް ވެސް ގިިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ އެއްވެ އުފާ ފާޅު ކޮށްފައެވެ. އެ މީހުން ވަނީ ކޮރެއާ ދިދައާއި މެކްސިކޯ ދިދި ގުޅުވާާލައި އެއް ދިދައެއް ހަދައި އެ ދިދަ އެއްވުމުގައި ބޭނުންކޮށްފައެވެ. އަދި ކޮރެއާ ސަޕޯޓަރުންނަކީ "އަޚުން" ކަމަށް ބުނެ އުފާފާޅު ކުރުންތައް ފޯރިއާއެކު ކުރިއަށް ގެންދިޔައެވެ.

ރޭގެ މެޗުތަކަށް ފަހު މެކްސިކޯ އާއި ސްވިޑެން ދެވަނަ ބުރަށް ދަތުރު ކުރި އިރު ދެވަނަ ބުރުގައި މެކްސިކޯ ނުކުންނަން ޖެހޭނީ ބްރެޒިލް އާއިި ދެކޮޅަށެވެ. ސްވިޑެން ނުކުންނަން ޖެހޭނީ ސްވިޒަލެންޑާއި ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ޖަރުމަނަކީ އެއްވެސް އިރެއް ގާ މޮޅުޓީމެއްނޫން. ފިޒިކަލީ ވަރުގަދަވީމަ އިދިކޮޅު ކުޅުންތެރިން އިންޖަރީކޮއްގެން މޮޅުވާނީ.