ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ އެ ގައުމުގެ އުއްމީދީ ތަރި ކީލިއަން އެމްބާޕޭ ގަތުމަށް ސްޕެއިންގެ ރެއާލް މެޑްރިޑުން 188 މިލިއަން ޑޮލަރުގެ (160 މިލިއަން ޔޫރޯ) ގެ ބިޑެއް ރަސްމީކޮށް ހުށައަޅާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ރެއާލް މެޑްރިޑުން މި ބިޑު ހުށައަޅާައިވާއިރު ދާދިފަހުން އޭނާ ކުލަބް ދޫކޮށްލަން ބޭނުންވާކަމަށް ބުނެ ގިނަ ވާހަކަތަކެއް މީސްމީޑިއާގައި ވަނީ ފެތުރިފައެވެ. ޕީއެސްޖީއާއެކު އެމްބާޕޭ ހަދާފައިވާ އެއްބަސްވުން ހަމަވާން އަދި ބާކީ އަށް މަސް އެބައޮތެވެ. ރެއާލުން ވަނީ އެމްބާޕޭ މޮނާކޯއަށް ކުޅުނު ދުވަސްވަރުން ފެށިގެން އެތަކެއް ފަހަރުމަތިން އެމްބާޕޭ އަށް ބިޑުކޮށްފައެވެ. ނަމަވެސް އެކަން ކާމިޔާބެއް ނުވިއެވެ.

މި ބިޑާއި ގުޅޭގޮތުން ޕީއެސްޖީން އަދި ރަސްމީކޮށް އެއްޗެއް ނުބުނެއެވެ. އެ ކުލަބުގެ ރައީސް ނާސިރް އަލް ހެލައިފީ ދާދިފަހުން ވިދާޅުވީ އެމްބާޕޭ އަކީ ޕީއެސްޖީގެ ކުޅުންތެރިއެއް ކަމަށާއި އެހެން ކުލަބަކަށް އޭނާ ބަދަލުނުވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި ކުޅުންތެރިޔާގެ މުސްތަގްބަލާއި ގުޅޭގޮތުން އޭނާގެ އާއިލާއާއި މަޝްވަރާކުރަމުން އަންނަ ކަމަށްވެސް އޭރު ވިދާޅުވިއެވެ.

އެމްބާޕޭގެ މުސްތަގްބަލާއި ގުޅޭގޮތުން ޕީއެސްޖީއާއި ރެއާލް މެޑްރިޑް މަޝްވަރާކުރަން އެއްބަސްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މީގެކުރިން ރެއާލުން ހުށައެޅި ކޮންމެ ބިޑެއްވެސް ޕީއެސްޖީން ބޭރުކޮށްލީ އެއްވެސް މަޝްވަރާއެއް ނެތިއެވެ. އެހެންކަމުން މި ފަހަރު އެމްބާޕޭ އެ ކުލަބު ދޫކޮށްލުމުގެ ފުރުސަތު އެ ކުލަބުން ދޭނެ ކަމަށް ބެލެވެއެވެ.

އެމްބާޕޭގެ ވިސްނުންވެސް ހުރީ ރެއާލް މެޑްރިޑަށް ބަދަލުވާށެވެ. އޭނާ ކުލަބް ބަދަލުވާން ޝައުގުވެރިވީ އެ ކުލަބަށް ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ ލިއޮނަލް މެސީ އާއި ޔޫރޯގެ އެއްވަނަ ކީޕަރު ޖިއަންލުއިޖީ ޑޮނަރުއްމާ އާއި ރެއާލްގެ ކުރީގެ ކެޕްޓަން ސާޖިއޯ ރާމޮސް ގުޅުނު ފަހުންނެވެ. އެމްބާޕޭ އަދި މިހާތަނަށް މެސީއާއެކު މެޗެއް ނުކުޅެވެއެވެ. ރިޕޯޓުތައް ބުނާގޮތުން އަންނަ އާދީއްތަ ދުވަހު ޕީއެސްޖީ ކުޅޭ މެޗުން މެސީއަށް ފުރުސަތު ލިބޭނެއެވެ.

އުމުރުން 22 އަހަރުގެ އެމްބާޕޭ ވަނީ ފްރެންޗް ލީގުގައި ބްރެސްޓް އާއި ދެކޮޅަށް މިދިޔަ ހުކުރުދުވަހު 4-2 އިން ކާމިޔާބުކުރި މެޗުގައި ވެސް ލަނޑެއް ޖަހާފައެވެ. އަންނަ އާދީއްތަ ދުވަހު ރެއިމްސް ކުޅޭ މެޗުން މެސީއަށް ފުރުސަތުދޭނެ ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.