ޑެންމާކްގެ ތަރި ކްރިސްޓިއަން އެރިކްސަން ހިތް ހުއްޓިގެން ދަނޑުމައްޗަށް ވެއްޓުމާއި އެކު އޭނާއަށް އެހީތެރިވި ސިއްހީ އެހީތެރިންނާއި އެވަގުތު ލީޑަޝިޕް ދެއްކި ޑެންމާކްގެ ކެޕްޓަން ކަޔާ އަށް ޔުއެފާގެ ޕްރެޒިޑެންޓް އެވޯޑު ދީފިއެވެ.

މި އެވޯޑު ދިންކަން ހާމަކޮށް ޔުއެފާގެ ރަސްމީ ވެބްސައިޓުގައި އެ ޖަމްއިއްޔާގެ ރައީސް އެލެކްސެންޑަރ ސެފެރިން ވަނީ އެއީ ޔޫރޯ 2020 ގެ ހީރޯއިން ނުވަތަ ބަތަލުންގެ ގޮތުގައި ސިފަކޮށްފައެވެ. އަދި މި އެވޯޑު އެ ފަރާތްތަކަށް ދިނުމަކީ ލިބޭ ބޮޑު ޝަރަފެއްގެ ގޮތުގައިވެސް ސެފެރިން ވަނީ ސިފަކޮށްފައެވެ.

"މިފަހަރު ޕްރެޒިޑެންޓް އެވޯޑު މި ހާއްސަކުރަނީ އަމިއްލަ ނަފްސުގެ އަގުހުރިކަން ހާމަކޮށްދިން ބަޔަކަށް، އެމީހުންގެ ހުރިހާ ކަމެއް އެކަމަށް ހުސްވެ ތިބެ މީހެއްގެ ފުރާނަ ސަލާމަތްކުރި ބަޔަކަށް، އެރިކްސަން އަށް އަވަސް ޝިފާއަކަށް އެދެން" ޔުއެފާގެ ބަޔާނުގައި ވެއެވެ.

Christian Eriksen Denmark

މި އެވޯޑު ދިނުމާއިއެކު އެރިކްސަން ވަނީ އޭނާއަށް ފަރުވާދިން މެޑިކަލް ޓީމާއި ޑެންމާކް ޓީމުގެ ކެޕްޓަނަށް މަރުހަބާކިޔާފައެވެ. އަދި އޭނާގެ ފުރާނަ ސަލާމަތްކޮށްދިނުމަށް އެންމެން ކޮށްދިން މަސައްކަތް ހެޔޮހިތުން ގަބޫލުކުރާ ކަމަށްވެސް ބުނެފައިވެއެވެ.

ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ފިންލޭންޑާއި ޑެންމާކް ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފުގައި އެރިކްސަން ދަނޑުމައްޗަށް ވެއްޓުނީ މެޗުގެ 43 ވަނަ މިނެޓުގައެވެ. އެއާއެކު ޔުއެފާއިން ކުއްލިގޮތަކަށް ދެ ޓީމާއެކު ބައްދަލުވުމެއް ބޭއްވިއެވެ. އެ ބައްދަލުވުމަށްފަހު ޔުއެފާއިން ނިންމީ ހުއްޓާލި ހިސާބުން މެޗު ފެށުމަށެވެ.

އެރިކްސަން ބެލި ޑޮކްޓަރުން ބުނީ އޭނާގެ ހިތް ހުއްޓުނީކަމަށެވެ. އެރިކްސަން މަރުން ސަލާމަތްވީ ދަނޑުމަތީގައި ދިން އަވަސް ފަރުވާތަކުގެ ސަބަބުން ކަމަށް ޑޮކްޓަރުންގެ ޓީމުން ބުނެއެވެ.

އެރިކްސަން ކުއްލިގޮތަކަށް ވެއްޓުމާއެކު ޑެންމާކް ކުޅުންތެރިން ވަނީ އޭނާ ވަށާލާފައެވެ. އަދި އެ ހުރިހާ ކުޅުންތެރިންވެސް ތިބީ ފެންކަޅިވެފައެވެ. ޑެންމާކްގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އެރިކްސަން އަށް ކުރިމަތިވި ކަންތަކާއި ގުޅިގެން ދަނޑަށް ވަދެ ތިބި ގިނަ އަދަދެއްގެ ސަޕޯޓަރުންވެސް ތިބީ ބަސް ހުއްޓިފައެވެ. މުޅި ސްޓޭޑިއަމަށް ހިމޭންކަން ވެރިވެގެންދިޔައެވެ.

އެރިކްސަން ގެ ހިތް ހުއްޓިގެން ކުރިމަތިވި "ކާޑިއެކް އެރެސްޓް" އާ ގުޅިގެން އޭނާ އެނބުރި ކުޅުމުގެ ތެރެއަށް އައުމަކީ ވަރަށް ދުރު ކަމެކެވެ. އެއީ އާންމުގޮތެއްގައި ހިތުގެ އެކަހަލަ މައްސަލައެއް ދިމާވެއްޖެ ނަމަ ގަވާއިދު އޮންނަ ގޮތުން އަނެއްކާ ކުޅެން ފެށުމުގެ ހުއްދަ ނުދޭނެތީއެވެ. ނަމަވެސް އެރިކްސަންގެ ހިތުގެ އިތުރު މައްސަލައެއް ނެތްކަމަށް ޔަގީންވާ ނަމަ އޭނާއަށް އެނބުރި ކުޅުމުގެ ތެރެއަށް އައުމުގެ ފުރުސަތެއް އެބައޮތެވެ.