ޓޮޓެންހަމް އަށް ކުޅެމުން އަންނަ އިނގިރޭސި ފޯވާޑް ހެރީ ކޭން މެންޗެސްޓަރ ސިޓީއަށް ބަދަލުވާން އެއްބަސްނުވުމުން އެ ޓީމުން ކްރިސްޓިއާނޯ ރޮނާލްޑޯއަށް ފާރަލާން ފަށާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އުމުރުން 28 އަހަރުގެ ކޭން މި ވަގުތު ޓޮޓެންހަމުގެ އެއްބަސްވުމުގައި ހުރީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ސިޓީން ވަނީ ކޭން ހޯދުމަށް 140 މިލިއަން ޑޮލަރު ހުށައަޅާފައެވެ. ނަމަވެސް ޓޮޓެންހަމް އިން އެ އެއްބަސްވުން ބަލައެއްނުގަތެވެ.

ރޮނާލްޑޯ މިވަގުތު ހުރީ ޔުވެންޓަސްއާއި އެކު އެއްބަސްވުމެއްގައެވެ. އޭނާގެ އެއްބަސްވުން ހަމަވާނީ އަންނަ އަހަރުއެވެ. މެންޗެސްޓަރ ސިޓީން ބޭނުންވަނީ ހިލޭ ޓްރާންސްފާއެއްގެ ދަށުން ރޮނާާލްޑޯ ގެންދަން ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ދަނޑިވަޅުގައި ރޮނާލްޑޯ ގެންދަން ބޭނުންވާނަމަ ސިޓީން ބޮޑު ހަރަދެއް ކުރަންޖެހެއެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ރޮނާލްޑޯ ގަތުމަށް މެންޗެސްޓަރ ސިޓިން ވަނީ އަހަރަކު 17 މިލިއަން ޑޮލަރު ލިބޭގޮތަށް ދެ އަހަރުގެ އެއްބަސްވުމެއް ރޮނާލްޑޯއަށް ހުށައަޅާފައެވެ. އެއީ ހިލޭ ޓްރާންސްފާއެއްގެ ދަށުން އިތުރު އެއްވެސް ޝަރުތަކާނުލައެވެ.

މެންޗެސްޓަރ ސިޓީން ވަނީ 140 މިލިއަން ޑޮލަރަށް ޖެކް ގްރީލިޝް ގެނައުމާއެކު އެ ޓީމުން ދެން އެންމެ ބޮޑަށް މަސައްކަތްކުރީ ކޭން ގެންނާށެވެ. ނަމަވެސް އުމުރުން 28 އަހަރުގެ ކޭން ވަނީ އޭނާ ޓޮޓެންހަމްގައި މަޑުކުރަން ނިންމާ އެކަން ހާމަކޮށްފައެވެ. ކޭންގެ ބަޔާނެއްގައި އޭނާ ބުނެފައިވަނީ މި ސީޒަނުގައި ޓޮޓެންހަމްގައި މަޑުކުރަން ނިންމާފައިވާ ކަމަށާއި 100 ޕަސެންޓް ފޯކަސް ހުރީ މި އަހަރު ޓޮޓެންހަމަށް ކާމިޔާބެއް ހޯދައިދޭން ކަމަށެވެ.

އާ ސީޒަނަށް ތައްޔާރުވާން ޓޮޓެންހަމްގެ ޕްރީސީޒަނުގައި ކޭން ބައިވެރިއެއްނުވެ އެވެ. އެ ދަނޑިވަޅަކީ ދެ ސިޓީން އޭނާއާއި މަޝްވަރާކުރި ދުވަސްވަރު ކަމަށްވެއެވެ. އިނގިރޭސި ޕްރިމިއާ ލީގުގައި ޗެމްޕިއަން މެންޗަސްޓާ ސިޓީ އަތުން ޓޮޓެންހަމް މޮޅުވި މެޗުގައި ކޭން ނުކުޅެއެވެ. ނަމަވެސް އޭގެ ފަހުން ވުލްވްސްއާ ދެކޮޅަށް ކުޅުނު މެޗުގައި ކޭން ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރުވާފައެވެ.