ފީފާ ސެންޗަރީ ކުލަބުގައި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ހިމެނުމަށް ގިނަ މެޗުތަކެއް ދިނުމަކީ އަމާޒެއް ކަމަށް ގައުމީ ކޯޗު އަލީ ސުޒެއިން ބުނެފިއެވެ.

ދަގަނޑޭ ސެންޗަރީ ކުލަބުގައި ހިމަނަން މަސައްކަތް ފެށިއިރު މިހާތަނަށް ސެންޗަރީ ކުލަބުގައި ހިމެނޭ ދިވެހި ހަމައެކަނި ކުޅުންތެރިއަކީ މިހާރު ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗު އަދި ކުރީގެ ގައުމީ ކީޕަރު އިމްރާން މުހައްމަދެވެ.

ފީފާ ސެންޗްރީ ކުލަބް އަކީ ފީފާ ގައި ރަޖިސްޓްރީ ކޮށްފައިވާ ފުޓްބޯޅަ އެސޯސިއޭޝަންތަކުގެ ކުޅުންތެރިންގެ ތެރެއިން އެ ގައުމެއްގެ ގައުމީ ޓީމަށް މަދުވެގެން 100 މެޗު ކުޅެދީފައިވާ ކުޅުންތެރިން ހިމަނަގެން ފީފާއިން ތައްޔާރުކުރާ ލިސްޓެކެވެ. މި ލިސްޓުގައި ދަގަނޑޭ ހިމަނަން މަސައްކަތްކުރާއިރު އޭނާ ގައުމީ ޓީމަށް ކުޅުނު މެޗުތަކުގެ އަދަދު އުޅެނީ 80 އިން މަތީގައެވެ.

"ރާއްޖޭގެ ފުޓުބޯޅައަށް ސަޕޯޓުކުރާ ކޮންމެ މީހަކުވެސް އަދި ކީޕަރު އިމްރާާނުވެސް ބޭނުންވާނެ ސެންޗަރީ ކުލަބުގައި ރާއްޖޭގަ އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ހިމެނެން. މިވަގުތަށް ބަލާއިރު އަޝްފާގަށް އެއްވެސް ޕްރެޝަރެއް ނެތް، އަޝޤފާގަށް ބައިވަރި މެޗުތަކެއް ކުރިޔަށްއޮތްތާ ކުޅެގެން އެސެންޗަރީ ކުލަބުގެ ތެރެއަށް ދެވޭނެ، އެ މަރުހަލާގެ އެއްޗެއް ސާފް ޗެމްޕިއަންޝިޕަކީ ވެސް " ގައުމީ ކޯޗު ސުޒެއިން ބުންޏެވެ.

ސުޒެއިން މިހެން ބުނިއިރު ޕީއެސްއެމްގެ ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ބައްސާމް މީގެކުރިން ވިދާޅުވީ ޓީމަށް ކުޅުންތެރިން އެރުވުމުގެ ބާރު ނެތް ކަމަށާއި ނަމަވެސް މިފަހަރުގެ ސާފް ބިޑު ދިވެހިރާއްޖެއިން ކާމިޔާބުކުރިތާ 15 ވަރަކަށް މިނެޓުފަހުން ރާއްޖޭގެ އެއްވަނަ ދަގަނޑޭއާއި ދިމާވި ކަމަށާއި އެ ދެކެވުނު ވާހަކަތަކުގެ ތެރޭގައި މިފަހަރުގެ ސާފް އަށް މިހާރުން ފެށިގެން ރަނގަޅަށް ފިޓުވާން ޖެހޭނެކަމަށް އޭނާ ގާތު ބުނެފައިވާ ކަމަށެވެ.

"އަޅުގަނޑު ކައިރީގައި ވިދާޅުވި އީގަލްސްއަށް ގުޅުނު ދުވަހުން ފެށިގެން ވަރަށް ވަރުގަދަ އަށް ތައްޔާރުވާން ފައްޓާނަމޭ. ފަހަރުގައި މި ވެދާނެއޭ އަހަރެން ކުޅޭ ފަހު ސާފް މުބާރާތަށް ވެސް. އެއީ ކާމިޔާބު މުބާރާތަކަށް ހަދަން ވެސް ވަރަށް ބޮޑަށް ބޭނުންވާ ސަބަބެކޭ،" ޕްރޮގްރާމްގައި ބައްސާމް ވިދާޅުވިއެވެ.

ދަގަނޑޭ އެންމެ ފަހުން ސާފް ޗެމްޕިއަންޝިޕެއް ކުޅެފައިވަނީ 2015 ވަނަ އަހަރު އިންޑިއާގެ ޓްރިވެންޑްރަމް ގައި ބޭއްވި މުބާރާތުގައެވެ. އެންމެ ފަހުން 2018 ގައި ބޭއްވި މުބާރާތުގެ ސްކޮޑުން ދަގަނޑޭއަށް ޖާގަ ނުދިނެވެ. އެފަހަރު ޖާގަ ނުދިނީ ނޫސްވެރިންގެ ބައްދަލުވުމަށް ދަގަނޑޭ ހާޒިރުނުވުމުން ކަމަށް އޭރުގެ ކޯޗު ޕީޓާ ސެގަޓް ބުނެއެވެ. އެފަހަރު ރާއްޖެއިން ވަނީ މުބާރާތް ކާމިޔާބުކޮށްފައެވެ.

ދިގު މުއްދަތަކަށްފަހު ދަގަނޑޭ އަލުން ގައުމީ ޓީމާއި ގުޅުނީ 2019 ގެ އޮކްޓޯބަރުން ފެށިގެންނެވެ. އެނބުރި އައިސް ވޯލްޑްކަޕް ކޮލިފައިންފައި ގުއާމް އަދި ސީރިއާ މެޗުގައި އޭނާ ލަނޑުޖަހާފައިވެއެވެ.