ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް އޭގައި ދުނިޔޭގެ ފުޓުބޯޅައިގެ ގަދަ ދެ ބާރު ކަމަށްވާ ފްރާންސްގެ ޕީއެސްޖީއާއި އިނގިރޭސި ކުލަބް މެންޗެސްޓަރ ސިޓީ ހިމެނިއްޖެ އެވެ.

މި ދެ ޓީމު އެއް ގްރޫޕެއްގައި ހިމެނޭކަން ހާމަވީ މިރޭ ކުރިޔަށްދިޔަ ޔުއެފާ ޗެމްޕިއަންސް ލީގުގެ ގުރުނެގުމުގެ ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތު ކުރިޔަށްދިޔައީ ތުރުކީގެ އިސްތަމްބޫލްގައެވެ.

ޕީއެސްޖީއާއި މެންޗެސްޓަރ ސިޓީ ވަނީ މި ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ޖީ ގައިވެސް ހިމެނިފައެވެ. މި ދެ ޓީމު ވަނީ އެ ބުރު ސެމީފައިނަލުގައި ކުޅެފައެވެ. އެފަހަރު މޮޅުވީ ސިޓީއެވެ. މިބުރުވެސް މި ދެ ޓީމު ހިމެނުމުން މިދެޓީމު ބައްދަލުކުރާ މެޗަކީ މި ބުރު އެންމެ ވާދަވެރިވާނެ މެޗުކަމަށް ބެލެވެއެވެ. އެއީ ދެ ޓީމުގައިވެސް ތަފާތު ކަންކަން ހުރުމުންނެވެ.

ޕީއެސްޖީން މިފަހަރު ޗެމްޕިއަންސް ލީގާއި ކުރިމަތިލާނީ ވަރުގަދަ ސްކޮޑަކާއެކު އެވެ. ލިއޮނަލް މެސީ އާއި ސާޖިއޯ ރާމޮސް ފަދަ ކުޅުންތެރިން ޕީއެސްޖީގައި ހިމެނޭއިރު އަނެއްކޮޅުން މެންޗެސްޓަރ ސިޓީއަށް ކްރިސްޓިއާނޯ ރޮނާލްޑޯ ބަދަލުވާން އުޅޭކަމުގެ އަޑުތައް ވަނީ ވަރަށް ގަދަވެފައެވެ. އަދި މެސީ ނިކުންނަނީ އޭނާގެ ކުރީގެ ކޯޗު ޕެޕް ގާޑިއޯލާ އާއި ދެކޮޅަށެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖް

ގްރޫޕް އޭ | މެންޗެސްޓާ ސިޓީ, ޕީއެސްޖީ, ލިޕްޒިގް, ކުލަބު ބްރޫޖް

ގްރޫޕް ބީ | އެތުލެޓިކޯ މެޑްރިޑް, ލިވަޕޫލް, ޕޯޓޯ، އޭސީ މިލާން

ގްރޫޕް ސީ | ސްޕޯޓިން ލިޒްބަން, ބޮރޫޝިއާ ޑޯޓްމުންޑް, އަޔަކްސް, ބެސިކްޓަސް

ގްރޫޕް ޑީ | އިންޓަ މިލާން, ރެއާލް މެޑްރިޑް, ޝަޚްތާރު ޑޮނިއެސްކް, ޝެރިފް

ގްރޫޕް އީ | ބަޔާން މިއުނިކް, ބާސެލޯނާ, ބެންފީކާ, ޑީނަމޯ ކިއެވް

ގްރޫޕް އެފް | ވިޔަރެއާލް, މެންޗެސްޓާ ޔުނައިޓެޑް, އެޓަލާންޓާ, ޔަންގް ބޯއިޒް

ގްރޫޕް ޖީ | ލިލް, ސެވިއްޔާ, ސާލްޒްބާގް, ވޮލްފްސްބާގް

ގްރޫޕް އެޗް | ޗެލްސީ, ޔުވެންޓަސް, ޒެނިތު, މަލްމޯ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕްސްޓޭޖުގެ މެޗުތައް ފެށުމަށް ހަަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރުގައެވެ. މުބާރާތުގެ ފައިނަލް މެޗު ތާވަލުކޮށްފައިވަނީ މެއި 28 ގައެވެ.