ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ރިލީސް ފީ ބޮޑުތަނުން ކުޑަވެއްޖެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އެގޮތުން ސްޕެއިންގެ ނޫހެއް ކަމަށްވާ "އޯކޭ ޑިއާރިއޯ" ގައި ބުނެފައިވާ ގޮތުން އެއް ބިލިއަން ޔޫރޯގައި ހުރި ރޮނާލްޑޯގެ ރިލީސް ފީ މިހާރުވަނީ 120 މިލިއަން ޔޫރޯއަށް ވެއްޓިފައެވެ.

ރޮނާލްޑޯގެ ރިލީސް ފީ ކުޑަވި ނަމަވެސް، އެ ރިލީސް ފީ އެކްޓިވޭޓް ކުރުމުގެ ފުރުސަތެއް ސްޕެއިން އެއްވެސް ކްލަބަކަށް ނޯންނާނެ ކަމަށްވެސް އެ ނޫހުން ރިޕޯޓުކޮށްފައިވެއެވެ.

އެހާ ބޮޑުތަނުން ރޮނާލްޑޯގެ ރިލީސް ފީ ކުޑަވާން މެދުވެރިވި ސަބަބެއް އެ ނޫހުން ހާމަކޮށްފައި ނުވާއިރު އޭނާ ރެއާލް ދޫކޮށްލަން އުޅޭކަމުގެ އަޑުތައް އަނެއްކާވެސް ވަނީ ގަދަވާން ފަށާފައެވެ. އަދި ޔޫރަޕްގެ ބޮޑެތި ކުލަބުތަކުން ރޮނާލްޑޯ ގެންދަން އުޅޭ ކަމުގެ އަޑުތައް ވެސް އަންނަނީ ފެތުރެމުންނެވެ. އެގޮތުން ޕީއެސްޖީ އަކީ ރޮނާލްޑޯ ގެންނަން ޝައުގުވެރިވާ ކްލަބެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރޮނާލްޑޯ ރެއާލް މެޑްރިޑް ދޫކޮށް އެހެން ކުލަބަކަށް ދާން އުޅޭ ކަމުގެ އަޑުތަށް މީގެ ކުރިންވެސް ވަނީ ފެތުރިފައެވެ. ނަމަވެސް އެކަމާއި ބެހޭ ގޮތުން ރޮނާލްޑޯގެ ރަސްމީކޮށް އެއްވެސް އެއްޗެކޭ ބުނެފައެއް ނުވެއެވެ.

އުމުރުން 33 އަހަރުގެ ރޮނާލްޑޯ ވަނީ މި ސީޒަންގައި ރެއާލްއާއެކު ޔޫރަޕްގެ އެންމެ ޝަރަފްވެރި މުބާރާތް ކަމަށްވާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ. އަދި ރޮނާލްޑޯ އަންނަނީ ފުޓް ބޯޅައިގެ އީދުކަމުގައިވާ ފީފާ ވޯލްޑްކަޕްގައި އޭނާގެ ގައުމު ޕޯޗުގަލް އާއި އެކު ރަނގަޅު ކުޅުމެއް ވެސް ދައްކަމުންނެވެ.

ރޮނާލްޑޯގެ ކެޕްޓަން ކަމުގައި ޕޯޗުގަލް ވޯލްޑްކަޕްގެ ދެވަނަ ބުރަށް ގޮސްފައިވާއިރު ގަދަ 16ގައި ޕޯޗުގަލް ބައްދަލުކުރަން ޖެހޭނީ އުރުގުއޭއާއެވެ. އަދި އެ މެޗުން މޮޅުވެއްޖެ ނަމަ ކުއާޓާގައި ޕޯޗުގަލް ބައްދަލުކުރަން ޖެހޭނީ އާޖެންޓީނާ ނުވަތަ ފްރާންސްއާއެވެ.