ވޯލްޑް ކަޕްގެ ދެވަނަ ބުރަށް ކޮލަމްބިޔާ އާއި ޖަޕާން ދަތުރުކުރިއިރު، މުބާރާތުން ސެނެގާލް ކަޓައިފިއެވެ.

ގްރޫޕް އެޗްެގެ އެއްވަނަ ޓީމުގެ ގޮތުގައި މުބާރާތުގެ ދެވަނަ ބުރަށް ކޮލަމްބިޔާ ދަތުރުކުރީ މިރޭ ސެނެގާލްގެ މައްޗަށް 0-1 އިން ކުރި ހޯދައިގެންނެވެ. ޖަޕާން ދެވަނަ ބުރުގެ ޖާގައެއް ހޯދިއިރު އެޓީމު މިރޭ ޕޯލެންޑާއި ބައްދަލުކޮށް 0-1 އިން ބަލިވެފައެވެ.

ކޮލަމްބިޔާ އަށް ގްރޫޕްގެ އެއްވަނަ ލިބުނީ ކުޅުނު ތިން މެޗުން ލިބުނު ހަ ޕޮއިންޓާއެކުއެވެ. ގްރޫޕްގެ ދެވަނަ ހޯދި ޖަޕާނަށް ހަތަރު ޕޮއިންޓު ލިބުނުއިރު ތިންވަނަ ހޯދި ސެނެގާލް އަށް ވެސް ހަމަ އެ އަދަދަށް ވަނީ ޕޮއިންޓު ލިބިފައެވެ. ނަމަވެސް ޖަޕާނަށް ކުރި ލިބުނީ ސެނެގާލް އަށް ވުރެ މަދުން ރީނދޫ ކާޑު ދައްކާފައިވާތީއެވެ. މިއީ މިފަދަ ގޮތަކަށް ޓީމެއް މުބާރާތުން ކެޓި ފުރަތަމަ ފަހަރެވެ. މި ގްރޫޕްގެ ފުލަށްދިޔަ ޕޯލެންޑަށް ލިބުނީ ތިން ޕޮއިންޓެވެ.

ކޮލަމްބިޔާ އާއި ސެނެގާލް ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އޭއެފްޕީ

ކޮލަމްބިޔާ އާއި ސެނެގާލް ބައްދަލުކުރި ވާދަވެރި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވާއިރު މި ހާފުގައި ގޯލެއް ކާމިޔާބުކުރުމަށް މާ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމުންކުރެ ޓީމަކަށް ލިބިގެން ގޮސްފައެއް ނުވެއެވެ. މި ހާފުގައި ކޮލަމްބިޔާ އަށް ކުރިމަތިވި އެންމެ ބޮޑު ނުތަނަވަސްކަމަކީ އަނިޔާގެ ސަބަބުން މެޗުގެ 31 ވަނަ މިނެޓްގައި ހަމޭސް ރޮޑްރިގޭޒް ބަދަލުކުރަން ޖެހުމެވެ.

ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު މެޗުގެ 66 ވަނަ މިނެޓްގައި ކޮލަމްބިޔާގެ ކެޕްޓަން އަދި ފޯވާޑް ރަޑަމެލް ފަލްކާއޯ އަށް ވަނީ ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފައެވެ. ނަމަވެސް ސެނެގާލްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ފަލްކާއޯ ބޮލުން ފޮނުވާލި އެ ހަމަލާ ވަނީ ގޯލާ އަމާޒުކުރެވޭ ގޮތް ނުވެފައެވެ.

އެ ފުރުސަތުގެ ބޭނުން ނުހިފުނު ނަމަވެސް މެޗުގެ 74 ވަނަ މިނެޓްގައި ޔެރީ މީނާ ވަނީ ކޮަލަމްބިޔާ އަށް ލީޑު ނަގާދީފައެވެ. ޔެރީ މީނާ މި ގޯލު ކާމިޔާބުކުރީ ސެނެގާލްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ. މިއީ މި މުބާރާތުގައި އޭނާ ކާމިޔާބުކުރި ދެވަނަ ގޯލެވެ.

ކޮލަމްބިޔާގެ ގޯލު ޔެރީ މީނާ ކާމިޔާބުކޮށްދެނީ - ފޮޓޯ: އޭއެފްޕީ

ކޮލަމްބިޔާ އިން ލީޑު ނެގިތާ މާގިނަ އިރުތަކެއް ނުވަނީސް ނަތީޖާ އެއްވަރުކޮށްލަން ސެނެގާލް އަށް ރަނގަޅު ދެ ފުރުސަތެއް ވަނީ ލިބިގެން ގޮސްފައެވެ. ނަމަވެސް ސެނެގާލް އިން ފޮނުވާލި އެ ދެ ހަމަލާ ވެސް ކޮލަމްބިޔާގެ ކީޕަރު އޮސްޕީނާ ވަނީ ދިފާއުކޮށްފައެވެ.

ސެނެގާލް މުބާރާތުން ކެޓިއިރު ވޯލްޑް ކަޕްގައި އެފްރިކާ އަށް ނިސްބަތްވާ އިތުރު ޓީމެއް މިހާރު ނެތެވެ. މިއީ އެފްރިކާގެ ޓީމެއް ނެތި ވޯލްޑް ކަޕްގެ ދެވަނަ ބުރު ކުޅޭ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

މިއީ ވޯލްޑް ކަޕްގެ ދެވަނަ ބުރަށް ކޮލަމްބިޔާ ދަތުރުކުރި ތިންވަނަ ފަހަރެވެ. ދެވަނަ ބުރުގައި ކޮލަމްބިޔާ ބައްދަލުކުރާނީ ގްރޫޕް ޖީގެ ދެވަނަ އަށްދާ ޓީމާއެވެ. އަދި ޖަޕާން ބައްދަލުކުރާނީ ގްރޫޕް ޖީގެ އެއްވަނައަށް ދާ ޓީމާއެވެ.