ގުރޫޕް ޖީގައި ކުޅެންޖެހޭ ފަހު މެޗަށް ނުކުންނައިރު، މި ދެ ޓީމު ވެސް މުބާރާތުން ކަޓައިފަ އެވެ. އެކަމަކު މޮޅަކާއެކު މުބާރާތް ނިންމާލުމަކީ މި ދެ ޓީމުން ވެސް ހޯދަން ބޭނުންވާނެ ހިތްހަމަޖެހުމެކެވެ.

ގުރޫޕުގެ ފުލުން ސަލާމަތްވުމަށް، ޕެނަމާ މި މެޗުން މޮޅުވާންޖެހެ އެވެ. މެޗު އެއްވަރުވިޔަސް، ޓިއުނީޝިއާ އަށް ގުރޫޕުގެ ފުލުން ސަލާމަތްވެވޭނެ އެވެ.

މި މުބާރާތުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ވަދެފައިވަނީ ޕެނަމާ ކޮޅަށެވެ. މި މެޗަށް ނުކުންނައިރު ޕެނަމާގެ މައިކަލް މުރީލޯ އާއި އަރްމަންޑޯ ކޫޕާ ވަނީ ސަސްޕެންޑްވެފަ އެވެ.

ޕެނަަމާގެ ކޯޗު ހެނާން ޑާރިއޯ ގޯމޭޒް ބުނީ މި މުބާރާތުގައި ޕެނަމާ އަށް ވަރަށް ރަނގަޅު ފިލާވަޅުތަކެއް ލިބިއްޖެ ކަމަށާއި މި ފިލާވާޅުތަކުން ޕެނެމާ އަށް އިތުރަށް ކުރިއަށް ދެވޭނެ ކަމަށެވެ.

"މި މުބާރާތުގައި ބައިވެރުމަކީ ވެސް އަހަރެމެންނަށް ލިބުނު ޝަރަފެއް،" ގޯމޭޒަ ބުންޏެވެ.

ޓިއުނީޝިއާގެ ގޯލު މިރޭ ބަލަހައްޓާނީ ތިން ވަނަ ކީޕަރު އައިމަން މަތުލޫތީ އެވެ. މި މުބާރާތުގެ ތެރެއިން ޓިއުނީޝިއާގެ އެއްވަނަ ކީޕަރާއި ދެވަނަ ކީޕަރަށް ވަނީ އަނިޔާވެފަ އެވެ.

ޕެނަމާ:

ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ ތިން މެޗުން މީގެ ކުރިން ޓީމެއް ބަލިވީ 2006 ވަނަ އަހަރު.

ޕެނަމާގެ ގޯލަށް ވޯލްޑް ކަޕްގައި އަމާޒުވި 13 ޝޮޓުން، ނުވަ ލަނޑު ވަނީ އެ ޓީމު ކޮޅަށް ވަދެފަ.

ޓިއުނީޝިއާ:

ވޯލްޑް ކަޕްގައި އެންމެ ފަހުން ކުޅުނު 13 މެޗުން ވެސް ޓިއުނީޝިއާ މޮޅެއް ނުވޭ.

މި ފަހަރުގެ ވޯލްޑް ކަޕަކީ ޓިއުނީޝިއާ ކޮޅަށް އެންމެ ގިނަ ލަނޑު ވަތް ވޯލްޑް ކަޕް.

އެނގޭތަ؟

ޓިއުނީޝިއާ އަށް މިހާތަނަށް ވޯލްޑް ކަޕްގައި މޮޅެއް ލިބުނީ އުތުުރު އެމެރިކާގެ ޤައުމަކާ ދެކޮޅަށް މީގެ ކުރިން އެ ޓީމު ކުުޅުނު ހަމައެކަނި މެޗުގަ އެވެ. ވޯލްޑް ކަޕްގައި 1978 ވަނަ އަހަރު މެކްސިކޯ އަތުން ޓިއުނީޝިއާ މޮޅުވީ 3-1 އިންނެވެ.