އިނގިރޭސި ޕްރިމިއާ ލީގުގައި މިފަހަރު ވާދަކުރާ ޓީމުތަކުގެ ތެރެއިން ދަށް ފޯމެއްގައި އޮތް އާސެނަލް ފަސޭހަކަމާއެކު ބަލިކޮށް އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީން ފެންވަރު ދައްކާލައިފި އެވެ.

މެންޗެސްޓަރ ސިޓީގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމު އާސެނަލް ބަލިކޮށްފައިވަނީ 5-0 ގެ ބޮޑު ތަފާތަކުންނެވެ. މުޅި މެޗު ކަހަލަ ގޮތަކަށް ކޮންޓްރޯލްކޮށްގެން ކުޅުނީ ސިޓީންނެވެ.

އާސެނަލްގެ ދަށް ކުޅުމާއި އެކު އެ ޓީމުން މުޅި މެޗުގައިވެސް ގޯލާއި އަމާޒުކޮށް ފޮނުވާލެވުނީ އެއް ހަމަލާއެވެ. މެޗުގައި ސިޓީން ލަނޑުޖަހަން ފެށީ ގާތްގާތުގައި ލިބުނު ފުރުސަތުތަކުންނެވެ. މެޗުގެ ވަރަށް ކުރީކޮޅު ސިޓީގެ ދެ ލަނޑު ފެނިގެންދިޔަ އެވެ.

މެޗުގައި ސިޓީގެ ފުރަތަމަ ލަނޑު ފެނިގެންދިޔައީ މެޗުގެ ހަތްވަނަ މިނެޓުގައެވެ. ގަބްރިއަލް ޖީސަސް ނަގައިދިން ހުރަހަކުން އެ ޓީމަށް ލީޑު ނަގައިދިނީ ގުންޑޮގާން އެވެ. މި ލަނޑު ޖެހިތާ ފަސް މިނެޓު ފަހުން ސިޓީން ދެވަނަ ލަނޑުޖަހާ ލީޑު ފުޅާކުރި އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފެރާން ޓޮރޭޒް އެވެ.

އާސެނަލް އަށް މި މެޗުގައި އެންމެ ބޮޑު ހިތްދަތިކަމަކާއި ކުރިމަތިލާން ޖެހުނީ މެޗުގެ 35 ވަނަ މިނެޓުގައި އެ ޓީމުގެ ތަރި ގްރަނިޓް ޝަކާ އަށް ސީދާ ރަތްކާޑެއް ދައްކާ ދަނޑުން ފޮނުވާލުމުންނެވެ. މިއީ އޭނާ ކަންސެލޯ އަށް ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެން ދެއްކި ކާޑެކެވެ. މެޗުގެ ބާކީބައި އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުމުން އާސެނަލަށް އިތުރު އުނދަގޫތަކާއި ކުރިމަތިލިއެވެ.

މި މެޗުގައި އާސެނަލަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ މެޗުގެ 35 ވަނަ މިނެޓުގައި އެ ޓީމުގެ ގްރޭނިޓް ޝަކާއަށް ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ. އޭނާއަށް ރެފުރީ ރަތް ކާޑެއް ދެއްކީ ސިޓީގެ ޖޮއާއޯ ކަންސޭލޯއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ. އެއާއެކު މެޗުގެ ބާކީ އޮތްބައިގައި އެ ޓީމު ކުޅުނީ އެއް ކުޅުންތެރިއަކު މަދުންނެވެ. އެ އުނދަގޫ އެ ޓީމަށް ވަރަށް ބޮޑަށް ކުރިމަތިވިއެވެ.

ނަތީޖާއެއްގެ ގޮތުން މި ހާފު ނިމެން ދެ މިނެޓަށްވެފައި ވަނިކޮށް ޖެކް ގްރީލިޝް ތަނަވަސްކޮށްދިން ފުރުސަތަކުން ގެބްރިއަލް ޖީސަސް ވަނީ އެ ޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ މި ނަތީޖާގައި އޮވެގެންނެވެ. ދެވަނަ ހާފުވެސް ވަރުގަދަކޮށް ފެށީ ސިޓީންނެވެ. މި ހާފުގައި އެ ޓީމުން ތަނަވަސްކުރި ފުރުސަތުތައް ފާހަގަކޮށްލެވެއެވެ.

މި މެޗުގައި ސިޓީން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު ފެނިގެންގޮސްފައިވަނީ ދެވަނަ ހާފު ފަށައިގެން އަށްވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ރޮޑްރީއެވެ. މީގެއިތުރުން މެޗު ނިމެން ގާތްވެފައިވަނިކޮށް ރިޔާދު މާރޭޒް ނަގައިދިން ހުރަހަކުން ޓޮރޭސް ވަނީ ސިޓީގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.

އާސެނަލް މި ސީޒަނުގައި މިހާތަނަށް ކުޅުނު ތިން މެޗުންވެސް ވަނީ ލަދުވެތި ގޮތަކަށް ބަލިވެފައެވެ. ބައިކޮޅަށް ނުވަ ލަނޑު ވަދެފައިވާއިރު ޓީމު ފެންނަނީ ވިއްސި ވިހާލިވެފައިވާ ތަނެވެ.

އާސެނަލް ދެން މެޗެއް ކުޅޭނީ އަންނަ މަހުގެ 11 ގައެވެ. އަމިއްލަ ދަނޑުގައި ބައްދަލުކުރާނީ ލީގަށް އަލަށް ޕްރޮމޯޓުވި ނޯވިޗް ސިޓީއާއެވެ.