ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި މިރޭ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުން ތ.އަތޮޅު ތިމަރަފުށީ ފުޓްބޯޅަ ޓީމް ކޮޅަށް 10 ލަނޑު ޖަހާ އެޓީމް ލަދުގަންނަވާލައިފިއެވެ.

ބޯ ވާރޭގައި ކުޅުނު މިރޭގެ މެޗްގައި ނިއުގެ އަލީ ފާސިރު (ސެންޓޭ) އާއި ހަމްޒާ މުހައްމަދު (ހަމްޕު) ވަނީ ހެޓްރިކް ހަދާފައެވެ.

މެޗުގެ 13 ވަނަ މިނިޓްގައި ނިއުގެ ފުރަތަމަ ލަނޑު ޖަހައި ދިނީ ރިލްވާން ވަހީދު (ރިލޭ) އެވެ. 16 ވަނަ މިނިޓްގައި ނިއުގެ ދެ ވަނަ ލަނޑު ޖެހީ ސެންޓޭ އެވެ. ތިން ވަނަ ލަނޑު ޖެހީ އަކުރަމް އަބްދުލް ގަނީ (އަކޫ) ޖެހި އިރު މެޗުގެ 32 ވަނަ މިނިޓްގައި ހަމްޕު ވަނީ އިތުރު ލަނޑެއް ޖަހާފައެވެ. ސެންޓޭ ފަސް ވަނަ ލަނޑު ކާމިޔާބު ކޮށް ފުރަތަމަ ހާފް ވެސް ނިއު އިން ނިންމާލީ ބޮޑު ލީޑެއްގައި އޮވެއެވެ.

65 ވަނަ މިނެޓްގައި ސެންޓޭ ހެޓްރިކް ހެދީ ލިބުނު ޕެނަލްޓީ އަކުންނެވެ. 75 ވަނަ މިނެޓްގައި ހަމްޕް ވެސް ވަނީ ލަނޑެއް ޖަހާ ހެޓްރިކް ހަދާފައެވެ.

ނިއުގެ ނުވަ ވަނަ ގޯލު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އިބްރާހިމް އަތީގް (އިއްބެ) އެވެ. ނިއުގެ ދިހަ ވަނަ ލަނޑު ކާމިޔާބުކުރީ ހަސަން އަދުހަމް (ސަޑޭ) އެވެ.

މިއީ ފަހަކަށް އައިސް ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗެއްގައި ނިކުތް އެންމެ ތަފާތު ބޮޑު ނަތީޖާ އެވެ.