ފްރެންޗް ލީގުގައި މިރޭ ރެއިމްސް އާއި ދެކޮޅަށް ކުޅޭ ޕްރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ކުޅޭ މެޗުގެ ސްކޮޑުގައި ލިއޮނަލް މެސީ އާއި ނޭމާ އަދި އެމްބާޕޭ ހިމަނައިފިއެވެ .

މިއީ ޕީއެސްޖީއާއި ގުޅުމަށްފަހު މެޗު ސްކޮޑުގައި މެސީ ހިމެނުނު ފުރަތަމަ ފަހަރެވެ. މެސީ ޕީއެސްޖީއާއި ގުޅުމަށްފަހު އެ ޓީމު މިހާތަނަށް ކުޅުނު ދެ މެޗުގެ ސްކޮޑުގައި މެސީ ނުހިމަނައެވެ.

މެސީއާއި ނޭމާ މެޗަކުން ފެނިފައިވަނީ އެންމެ ފަހުގެ ކޮޕާ އެމެރިކާގެ ފައިނަލް މެޗުންނެވެ. ޕީއެސްޖީ އެންމެ ފަހުން ކުޅުނު ދެ މެޗުގައިވެސް މެސީ އާއި ނޭމާ ހިމަނާފައިނުވެއެވެ. އެ ދެ މެޗުންވެސް ފަސޭހަކަމާއި އެކު ޕީއެސްޖީ ވަނީ މޮޅުވެފައެވެ.

މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ޕީއެސްޖީގެ ކޯޗު ޕޮޗެޓީނޯ ބުނީ މި މެޗުން މެސީ ފެނުމުގެ ފުރުސަތު އެބައޮތް ކަމަށާއި އެއީ އެންމެ ފަހު ވަގުތު ޓީމުން ނިންމާނެ ނިންމުމެއް ކަމަށެވެ. އަދި މުޅި ޓީމުވެސް އޮތީ ފިޓުކޮށްކަމަށް ކޯޗު ބުންޏެވެ.

ނިމިގެންދިޔަ ޓްރާންސްފަރ ބާޒާރުގައި ޕީއެސްޖީން ވަނީ ނަން މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ހިލޭ އެއްބަސްވުމުގެ ދަށުން ގެނެސްފައެވެ. އެއީ ރެއާލް މެޑްރިޑްގެ ކުރީގެ ކެޕްޓަން ސާޖިއޯ ރާމޯސް އާއި ނެދަލޭންޑްސްގެ ކެޕްޓަން ޖިއޮޖީނިއޯ ވައިނަލްޑަމް އާއި އިޓަލީގެ އެއްްވަނަ އަދި ޔޫރޯގެ މޮޅު ކުޅުންތެރިޔާ ޖިއަންލުއިޖީ ޑޮނަރުއްމާ ފަދަ ކުޅުންތެރިންނެވެ.

ޕީއެސްޖީއާއެކު ވި އެއްބަސްވުމުގެ ދަށުން މެސީއަށް އަހަރަކު 35 މިލިއަން ޕައުންޑް ލިބިގެންދާނެ އެވެ. އަދި އެޑް އޮންސްގެ ގޮތުގައި އިތުރު އަދަދުތަކެއް މެސީއަށް ލިބިގެންދާނެ އެވެ. ބާސެލޯނާގައި ގާތްގަނޑަކަށް 20 އަހަރު ހޭދަކުރުމަށްފަހު މެސީ ޕީއެސްޖީއާއި ގުޅުނީ ހިލޭ ޓްރާންސްފަރ އެއްގެ ދަށުންނެވެ.

ޕީއެސްޖިއާއި ރެއިމްސް ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެގަޑިން މިރޭ 23:45 ގައެވެ.