0-1 އިން އިންގްލޭންޑް ބަލިކޮށް ގްރޫޕް ޖީގެ އެއްވަނަ މަގާމު ބެލްޖިއަމް އިން ހޯދައިފިއެވެ.

ބެލްޖިއަމް އަށް ގްރޫޕްގެ އެއްވަނަ ލިބުނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ ލިބުނު ނުވަ ޕޮއިންޓާއެކުއެވެ. ގްރޫޕްގެ ދެވަނަ ހޯދި އިންގްލޭންޑަށް ހަ ޕޮއިންޓު ލިބުނުއިރު ތިންވަނަ ލިބުނު ޓިއުނީޝިޔާ އަށް ލިބުނީ ތިން ޕޮއިންޓެވެ. ގްރޫޕްގެ ފުލަށްދިޔަ ޕެނަމާ އަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

މިރޭގެ މެޗަށް ނިކުތްއިރު ވެސް މި ދެ ޓީމަށް ދެވަނަ ބުރުގެ ޖާގަ ކަށަވަރުވެފައި އޮތުމުން މި މެޗުގައި ދެ ޓީމުގެ ފުރަތަމަ އެގާރަ އަށް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައެވެ. އެގޮތުން ދެ ޓީމުން ވެސް މިރޭގެ މެޗުގައި ފުރުސަތު ދީފައިވަނީ އާއްމުކޮށް ފުރަތަމަ އެގާރައިން ފުރުސަތު ނުލިބޭ ކުޅުންތެރިންނަށެވެ.

އިންގްލޭންޑާއި ބެލްޖިއަމް ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އޭއެފްޕީ

މިރޭގެ މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވާއިރު މި ހާފުގައި ގޯލެއް ކާމިޔާބުކުރަން ދެ ޓީމުންކުރެ ޓީމަކަށް މާގިނަ ފުރުސަތުތަކެއް ވެސް ތަނަވަސްކުރެވިފައެއް ނުވެއެވެ. ނަމަވެސް ދެވަނަ ހާފްގެ ކުރީކޮޅު އަދްނާން ޔަނޫޒާއި ވަނީ ރީތި ގޯލެއް ކާމިޔާބުކޮށްދީ ބެލްޖިއަމް އަށް މެޗުގެ ލީޑު ނަގާދީފައެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ އިންގްލޭންޑްގެ ޕެނަލްޓީއޭރިއާގެ ކަނެއްގައި ހުރެ ވާތް ފައިން ފޮނުވާލި ހަމަލާއަކުންނެވެ. މިއީ އިންގްލޭންޑް ކޮޅަށް މި މުބާރާތުގައި ވަތް ތިންވަނަ ގޯލެވެ.

މި ގޯލަށްފަހު ނަތީޖާ އެއްވަރުކުރަން އިންގްލޭންޑް ޓީމަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ މާކަސް ރަޝްފޯޑް އަށެވެ. ނަމަވެސް ބެލްޖިއަމްގެ ޕެނަލްޓީއޭރިއާ ތެރެއަށް މުޅިން ހުހަށް ވަނުމަށްފަހު ރަޝްފޯޑް ފޮނުވާލި އެ ހަމަލާ ބެލްޖިއަމްގެ ކީޕަރު ތިބޯ ކޯޓުއާ ވަނީ ދިފާއުކޮށްފައެވެ.

މީގެއިތުރުން ބެލްޖިއަމްގެ ޕެނަލްޓީއޭރިއާގެ ކައިރިން ލިބުނު ދެ ހިލޭޖެހުމަކުން ވެސް އިންގްލޭންޑުން ވަނީ ބެލްޖިއަމްގެ ގޯލަށް ނުރައްކާ ކޮށްފައެވެ.

ޔަނޫޒާއި ބެލްޖިއަމްގެ ގޯލު ކާމިޔާބުކޮށްދެނީ - ފޮޓޯ: އޭއެފްޕީ

މެޗަކުން ބަލިނުވެ ބެލްޖިއަމް އިން ގްރޫޕް ސްޓޭޖު ނިންމާލިއިރު މިއީ މިގޮތަށް އެޓީމުން ގްރޫޕް ސްޓޭޖު ނިންމާލި ދެވަނަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. މި ޝަރަފު މީގެކުރިން އޮތީ އާޖެންޓީނާ އާއި ނެދަލޭންޑްސްގެ އަތުގައެވެ.

ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ބެލްޖިއަމް ދެވަނަ ބުރަށް ދަތުރުކުރިއިރު ދެވަނަ ބުރުގައި އެޓީމު ބައްދަލުކުރާނީ ޖަޕާންއާއެވެ. އަދި އިންގްލޭންޑް ބައްދަލުކުރާނީ ކޮލަމްބިޔާއާއެވެ.