ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ގެ ޖާރޒީގައި ލިއޮނަލް މެސީ ކުޅުނު ފުރަތަމަ މެޗާއެކު ފްރެންޗް ލީގުގައި ރެއިމްސް އަތުން ޕީޢެސްޖީ 2-0 އިން މޮޅުވެއްްޖެއެވެ.

ރަށުންބޭރުގައި ކުޅުނު މި މެޗުގައި ޕީއެސްޖީގެ ދެ ލަނޑުވެސް ކާމިޔާބުކޮށްފައިވަނީ ކީލިއަން އެމްބާޕޭ އެވެ. މި މެޗުގައި އެމްބާޕޭގެ ފަރާތުން މޮޅު ކުޅުމެއް ވަނީ ފެނިފައެވެ.

މި މެޗުގައި މެސީ ކުޅެން އަރާފައިވަނީ މެޗުގެ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ. މެސީ ކުޅެން އެރީ ނޭމާގެ ބަދަލުގައެވެ. މިއީ 20 ވަރަކަށް އަހަރުވަންދެން ބާސެލޯނާއަށް ކުޅުމަށްފަހު އެ ކުލަބު ނޫން އެހެން ކުލަބެއްގެ ޖާރޒީގައި އޭނާ ކުލަބް ފުޓުބޯޅައިގައި މެޗެއް ކުޅުނު ފުރަތަމަ ފަހަރެވެ.

ޕީއެސްޖީ އާއި ރެއިމްސް ކުޅުނު މެޗުގައި މެސީ

ޕީއެސްޖީން މި މެޗާއި ކުރިމަތިލިއިރު އެ ޓީމަށް މި މެޗުގައި ދެ ލަނޑު ޖެހި ކީލިއަން އެމްބާޕޭ ދަނީ ރެއާލް މެޑްރިޑަށް ބަދަލުވުމުގެ ވާހަކަތަކެއް ދެކެވެމުންނެވެ. ޓްރާންސްފަރ ބާޒާރު ބަންދުވާން ބާކީ 40 އަކަށް ގަޑިއިރު އޮތްއިރު މިހާތަނަށް ރެއާލަށް ބަދަލުވުމާއި ގުޅޭގޮތުން އެއްވެސް އިތުރު މައުލޫމާތެއް ނެތެވެ. ބަދަލުވާނަމަ މިއީ ޕީއެސްޖީ ޖާރޒީގައި އެމްބާޕޭ ކުޅޭނެ ފަހު މެޗަށްވާނެ އެވެ.

މި މެޗުގައި ޕީއެސްޖީން ފުރަތަމަ ލަނޑު ޖަހާފައިވަނީ މެޗުގެ 16 ވަނަ މިނެޓުގައެވެ. އެންހެލް ޑި މާރިއާ ނަގައިިދިން ހުރަސް އެމްބާޕޭ ގޯލަށް ވައްދާލީ ފަސޭހަކަމާއެކު އެވެ. މިއީ މި ސީޒަނުގެ މިހާތަނަށް އެމްބާޕޭ ބޮލުން ޖެހި ދެވަނަ ލަނޑެވެ.

ލަނޑު ޖެހުމަށްފަހު އެމްބާޕޭ އުފާފާޅުކުރަނީ

ފުރަތަމަ ހާފު ނިމުނީ އެއް ގޯލުގެ ލީޑަކާއެކު އެވެ. ދެވަނަ ހާފުގެ ކުރީކޮޅު ރެއިމްސް ފެނުނީ ނުރައްކާކޮށެވެ. ދެވަނަ ހާފު ފަށައިގެން މާގިނައިރުތަކެއް ނުވަނީސް އެ ޓީމުގެ މާޝަލް ނަތީޖާ ހަމަހަމަކުރި އެވެ. ނަމަވެސް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ބެލުމަށް ރެފްރީ ނިންމީ އެއީ އޮފްސައިޑު ލަނޑެއް ކަމަށެވެ.

ލިބުނު ކައުންޓަރ އެޓޭކެއްގައި ޕީއެސްޖީގެ ދެވަނަ ލަނޑު އެމްބާޕޭ ކާމިޔާބުކޮށްފައިވަނީ މެޗުގެ 63 ވަނަ މިނެޓުގައެވެ. މިއީ އަޝްރަފް ހަކީ ދިން ބޯޅައަކުން ފަސޭހަކަމާއެކު އެމްބާޕޭ ކާމިޔާބުކުރި ލަނޑެކެވެ. މި ލަނޑު ޖެހިތާ ދެ މިނެޓެއްހާ ފަހުން މެސީ ވަނީ ކުޅެން އަރުވާފައެވެ. ނަމަވެސް ރަނގަޅަށް ކުޅުމުގެ ތެރެއަށް ވަދެ ނުރައްކާކުރާނެ ވަގުތެއް އޭނައަށް ނުލިބުނެވެ. ނަމަވެސް ލިބުނު ފުރުސަތުތަކުގައި އޭނާ ވަނީ ޓީމު ލައްވާ ކުޅުވަން މަސައްކަތްކޮށްފައެވެ.

ކުރިޔަށް ދެން އޮތި އިންޓަނޭޝަނަލް ބްރޭކެވެ. ވޯލްޑްކަޕް ކޮލިފައިންގެ މެޗުތަކަށް ގިނަ ޓީމުތަކެއްގެ ގައުމީ ޓީމުގެ ކުޅުންތެރިން އެނބުރި ގައުމުތަކަށް ދާނެއެވެ. ބްރޭކަށް ދިޔައިރު ޕީއެސްޖީ އޮތީ ތާވަލުގެ އެއްވަނައިގައެވެ.