ފްރެންޗް ލީގުގެ ތާރީހުގައި އެންމެ ގިނަ ބަޔަކު ބެލި ފުޓުބޯޅަ މެޗަކަށް ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އާއި ރެއިމްސް ބައްދަލުކުރި މެޗު ވެއްޖެއެވެ.

މިއީ އެ ޓީމާއި އަލަށް ގުޅުނު ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ ލިއޮނަލް މެސީ ކުޅެން އެރި ފުރަތަމަ މެޗެވެ. އޭނާ ކުޅެން އަރާފައިވަނީ މެޗުގެ ދެވަނަ ހާފުގައެވެ.

މެސީ ޕީއެސްޖީއާއި ގުޅުނީ ދެ އަހަރުދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އޭނާ ޕީއެސްޖީއާއި ގުޅުމަށްފަހު އެ ޓީމު މިހާތަނަށް ތިން މެޗު ކުޅެފައިވެއެވެ. މިއިން އެއްވެސް މެޗަކުން މެސީ ނުފެނެއެވެ. އޭނާގެ ފުރަތަމަ މެޗަކަށް ވީ މިދިޔަ އާދީއްތަ ދުވަހު ރެއިމްސް އާއި ދެކޮޅަށް އެ ދަނޑުގައި ކުޅުނު މެޗެވެ.

މި މެޗުގެ ދެވަނަ ހާފުގައި މެސީ ކުޅެން އެރީ ނޭމާގެ ބަދަލުގައެވެ. މެސީ ކުޅެން އެރުމާއި އެކު އެވަގުތު ދަނޑުގައި ތިބި ޕީއެސްޖީއާއި ރެއިމްސްގެ ސަޕޯޓަރުން ވަނީ އަޑުހަރުކޮށް މެސީގެ ނަމުން ގޮވާފައެވެ. އަދި މެސީއަށް ބޯޅަ ލިބޭ ކޮންމެ ދަނޑިވަޅެއްގައި ވެސް ދެ ޓީމުގެ ސަޕޯޓަރުން ކެކި އަރައިގަތް ތަން ފެނިގެންދިޔަ އެވެ.

ރިޕޯޓުތައް ބުނާގޮތުން މި މެޗު ބެލި ފްރާންސްގެ ރައްޔިތުންގެ ނިސްބަތް އުޅެނީ 10.5 މިލިއަނުގައެވެ. މިއީ އެ ގައުމުގެ ތާރީހުގައި ވެސް ފްރެންޗް ލީގުގެ މެޗެއް އެންމެ ގިނަ މީހުން ބެލި ފުރަތަމަ ފަހަރެވެ. މީގެއިތުރުން ސްޕެއިންގައި ވެސް ވަނީ ފްރެންޗް ލީގުގެ ރެކޯޑެއް ހަދާފައެވެ.

ބާސެލޯނާއަށް ކުޅެމުން އަންނަ ޖެރާޑް ޕީކޭގެ ޓީވީ ކުންފުނި ކޮސްމޯސް އިން ފްރެންޗް ލީގުގެ ރައިޓްސް ނެގީ މެސީ ފްރާންސަށް ބަދަލުވިކަން އިއުލާނުކުރުމާއި އެކުއެވެ. މި މެޗު ބެލި ސްޕެއިން މީހުންގެ އަދަދު އުޅެނީ ހަ މިލިއަނަށްވުރެ މަތީގައެވެ. މިއީ ސްޕެއިންގެ ތާރީހުގައި ފްރެންޗް ލީގުގެ މެޗެއް އެންމެ ގިނަ ބަޔަކު ބެލި ފުރަތަމަ ފަހަރެވެ.

މީގެއިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ފްރެންޗް ލީގުގެ ޓީވީ ރައިޓްސް ހޯދާފައިވާ ފަރާތްތަކަށްވެސް މިއީ ބޮޑު މެޗެކެވެ. މި މެޗުން އެތައް ގުނައެއް ފައިދާ އެ ކުންފުނިތަކަށް ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.