ކުޅިވަރުގެ ދާއިރާއަށް ބޭނުންވާ ވަސީލަތްތަކާއި ބައިނަލްއަގުވާމީ ފެންވަރުގެ ގައުމީ ދަނޑުތައް ތަރައްގީ ކުރަން އިންޑިއާ އެގްޒިމް ބޭންކުން 40 މިލިއަން ޑޮލަރު (618 މިލިއަން ރުފިޔާ)ގެ ލައިން އޮފް ކްރެޑިޓް އެއްބަސްވުމެއްގައި ދިވެހި ސަރުކާރުން މިއަދު ސޮއިކޮށްފިއެވެ.

ރާއްޖޭގެ ކުޅިވަރުގެ ވަސީލަތްތައް ކުރިއެރުވުމުގެ ގޮތުން އިންޑިއާއިން ރާއްޖެއަށް 40 މިލިއަން ޑޮލަރުގެ ލޯނު އެހީއެއް ދިނުމަށް ނިންމާފައިވާ ކަން އިއުލާން ކުރައްވާފައި ވަނީ މިދިޔަ ފެބްރުއަރީގައި އިންޑިއާގެ ހާރިޖީ ވަޒީރު ޑރ. ސުބުރަމަންޔަން ޖައިޝަންކަރު ރާއްޖެ އަށް ކުރެވި ދަތުރުފުޅުގައެވެ.

މި ލޯންގެ އެހީގައި ތަރައްގީ ކުރާނީ ދިވެހިން ބޭނުންވާ ފުޓްބޯޅަ، އެތްލެޓިކްސް، ވޮލީބޯޅަ، ބާސްކެޓް ބޯޅަ، ޓޭބަލް ޓެނިސް، އަދި އެހެނިހެން އިންޑޯ ގޭމްސް ކުޅެވޭ ސްޓޭޑިއަމް އާއި ދަނޑުތައް އަދި އެކުވެނި ބިނާ ކުރުމަށެވެ. މި އެހީގެ ބޭނުމަކީ އިންޑިއަން އޯޝަންސް ގޭމްސްތައް ރާއްޖޭގައި ބޭއްވުމަށް މަގުފަހި ކުރުމަށެވެ.

މާލޭގެ އެކުވެނި ސަރަހައްދުގައި އަލަށް ހެދި ސިންތެޓިކް ޓްރެކް.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ، މި ފައިސާ ބޭނުންކޮށްގެން ގަލޮޅު ދަނޑު އިތުރަށް ތަރައްގީކުރުމަށާއި ގައުމީ ފެންވަރުގެ ކުޅިވަރު ސެންޓަރުތަކެއް އަޅާނެ ކަމަށެވެ. އަދި އަތޮޅުތެރޭގައި ދުވާނުންގެ މަރުކަޒުތަކާއި ހަތަރު ރަށެއްގައި ސިންތެޓިކް ޓްރެކް އެޅުމުގެ މަސައްކަތް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ލޯނުގެ އެހީގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުތައް:

  • ގަލޮޅު ދަނޑު ތަރައްގީ ކުރުން
  • ނެޝަނަލް ވޮލީ ބޯޅަ ކޯޓެއް އެޅުން
  • ނެޝަނަލް ބާސްކެޓްބޯޅަ ސެންޓާ މަލްޓިޕްލެކްސް އިމާރާތްކުރުން
  • ނެޝަނަލް ޓޭބަލްޓެނިސް ސެންޓަރެއް އެޅުން
  • ހދ. ކުމުންޑޫ އަދި ތ. ކަނޑޫދޫ ޔޫތް ސެންޓަރެއް އެޅުން
  • ހދ. ކުޅުދުއްފުށީގައި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއް އެޅުން
  • ކުޅުދުއްފުށި، ގދ. ތިނަދޫ، ޏ. ފުވައްމުލައް އަދި އައްޑޫ، ހިތަދޫގައި ސިންތެޓިކް ޓްރެކެއް އެޅުން

އިންޑިއާ އިން ރާއްޖެ އަށް ދިނުމަށް ނިންމާފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން އެހީތެރިވުމަށް ހަމަޖެހިފައިވާ އެއް މަޝްރޫއު ހުޅުމާލޭގައި ހަދާ ކްރިކެޓު ދަނޑެވެ. މި މަޝްރޫއު މިހާރު އޮތީ ޓެންޑަރިން މަރުހަލާގައެވެ.

ރާއްޖޭގެ ރަށެއްގައި ހެދި އައުޓްޑޯ ޖިމެއް.

ރާއްޖޭގައި ކްރިކެޓް ތަރައްގީ ކުރުމުގެ ހުވަފެން ހަގީގަތަކަށް ހެދުމަށް ބޯޑް އޮފް ކޮންޓްރޯލް ފޯ ކްރިކެޓް އިން އިންޑިއާއާ ގުޅިގެން ދިވެހި ކޯޗުން އަދި އަމްޕަޔަރުން ވަނީ ތަމްރީނުކުރެވިފައެވެ. މި ޕްރޮގްރާމްގެ ދަށުން ދިވެހި އަންހެން އަދި ފިރިހެން ކްރިކެޓް ޓީމުން، ޗެންނައީގައި ހުންނަ ޕްރިމިއަރ ސެންޓަރ ފޯ ސްޕޯޓްސް ސައިންސްގައި 1 މަސް ދުވަހުގެ ޓްރެއިނިންގް ކޭމްޕެއްގައި ބައިވެރިވި ވާނެއެވެ.

ރާއްޖޭގެ ރަށެއްގައި ހެދި އައުޓްޑޯ ޖިމެއް.

އިންޑިއާގެ ފޮރިން ސެކްރެޓަރީ ރާއްޖެއަށް މިދިޔަ އަހަރުގެ ނޮވެމްބަރު ގައި ކުރެއްވި ދަތުރުފުޅުގައި ވަނީ ކުޅިވަރުގެ ދާއިރާއިން ކުރިއަށް ގެންދާ މަޝްރޫޢުތަކުގެ ޒިންމާދާރު މުއައްސަސާތަށް ފާހަގަ ކުރެވޭ ފްރޭމްވަރކް އެއް ހެދުމަށް މެމޮރެންޑަމް އޮފް އަންޑަސްޓޭންޑަންއެއްގައި ސޮއިކުރައްވައިފައެވެ.

ކުޅިވަރު ކުރިއެރުވުމަކީ އިންޑިއާއިން ރާއްޖޭގެ ތަރައްގީ އަށް ވެދޭ އެހީގެ ވަރަށް ބޮޑު އެއް ބައެކެވެ. އެގޮތުން 200 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ދަށުން 61 ރަށުގައި އައުޓް ޑޯ ޖިމްތައް ދަނީ ތަރައްގީ ކުރަމުންނެވެ. އަދި މާލޭ ސިޓީގެ މަޤުބޫލު އެކުވެނި ޓްރެކް ވެސް ވަނީ މި އެހީގެ ދަށުން ތަރައްގީކޮށް ޖެނުއަރީ މަހުގައި ހުޅުވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ައަބްޅޯ

    ލޯނަކީއެނހީއެއްކަމަށް އެމްޑީޕީ ކުދިންނަށްހީވާތީ ހަމައަޖާބުވެއްޖެ 40މިލިއަންޑޮލަރުގެ ދަރަނީގެ އެއްބަސްވުމެއްގައި ސޮއިކުކަމަށްދޭހަވާފަދަ ޢިބާރާތަކުން ހަބަރުލިދެފައިވާނަމަ ގެނެސްދީފަިވާޚަބަރުގެ ސައްޙަކން ފުރިހަމަވީސް.

  2. ޒީރޯ ޓޮލަރަންސް

    ހެޔޮނުވާނެ، ރައްޔިތުންގެ ބޮޅުގަ މިފަދަ ބޮޑެތި ދަރަނިތައް އަޅުވާ، ކުންޏަށް ފައިސާތައް އުކާލަން. ދާޚަރަދުގެ އެތައްގުނައެއް ބޮޑުކޮށް އިންޑިއާ ކުންފުނިތަކުން ބިޑްކުރާނީ. މިއީ އިންޑިއާގެ ކުންފުނިތައް މުއްސަނދި ކުރުމަށް ޖަހާމަޅި. އިންޑިއާގެ އިގުތިސާދު ކުރިއެރުމަށް ހިންގާ ޕްރޮޕެގެންޑާ. ދައުލަތައް ލިބޭ އާމްދަނީން ކުޅިވަރު ކުރިއެރުވުމަށް ހިންގާ ޕްރޮޖެކްޓް ތަކަށް ޚަރަދު ކުރެވޭނެ. އާމްދަނީ އިތުރުކުރެވޭނެ ބޮޑެތި ޕްރޮޖެކްތައް ދެނެގަނެފަ، ނަތީޖާ ނެރޭ ބޮޑެތި މަޝްރޫޢުތަކަށް ބޭރުގެ އެހީ ހޯދަންވީ. އިންޑީއާއިން ތިޔަނަގާ ލޯންތަކުން ނުކުންނާނެ ނަތީޖާ އަކީ ކޮބާ؟ ގައުމުގެ ސިއްޙީ ދާއިރާ އޮތީ ބޮއްސުންލާފަ. ޑޮކްޓަރަށް ދަށްކަން 3 މަސް، 4 މަސް، 6 މަސް ނުވަތަ މިއަށްވުރެ ގިނަދުވަހު މަޑުކުރަން އެބަޖެހޭ. އާދައިގެ ޓެސްޓެއް ނުހެދޭ ރަށްރަށް އަދިވެސް ގިނައީ. ބޮޑެތި ބަލިތަކަށް ރަށްޔިތުން ދަނީ ސަލާން ޖަހަމުން.

  3. މަސްޓްބީ

    ކުޅިވަރު ތަރައްގީ އަށް އިންޑިއާ އިން 40 މިލިއަން ޑޮލަރުގެ ލޯނު ދިނުން އެއީ މަމެން ހިތާމަ ކުރާ ކަމެކޭ ރާއްޖޭގައި އެންމެ ގިނަ ރައްޔިތުން އެއް ކަމަކަށް އެދި ފޯރމް ސަރުކާރަށް ލާ އެމެން އެދިފައިވަނީ އެއީ އެމެން އެންމެނަށް މާލެ ސަރަހައްދުން ގޯތި ދޭން ނުވަތަ ފްލެޓްސް ތައް ދޭން އެކަމަށް އެޑްރެސް ނުކޮށް ސަރުކާރުން ރައްޔިތުން ނުވެސް އެދޭ ކަމެއް ކަމުގައިވާ ކުޅިވަރަށް އެވެސް ކްރިކެޓް ކުޅޭ ދަނޑެއް އަޅަން 40 މިިލިއަން ޑޮލަރުގެ ލޯނެއް ރައްޔިތުން މަތިކޮށްފައި ނެގުން އެއީ ރައްޔިތުން ކަންފަތް މައްޗަށް ރައީސް އިބޫ އަތް ދޮވެލުން ނޫން ދެން ކޮން ކަމެއްތޭ މަސްޓް ބީ ޖެލަސީ އެެން އެންގަރ ދޯ މަސްޓް ބީ ޖެލަސީ އެން އެންގަރ ދޯ..