ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ ފީފާގެ އިންޓަނޭޝަނަލް މެޗު ކަލަންޑަރަށް ބަދަލުގެންނަން ހުށައެޅި ޕްރޮޕޯސަލް އަށް ދިވެހިރާއްޖެއާއި ސްރީލަންކާ އަދި ބަންގްލަދޭޝް އާއި ނޭޕާލް ތާއިދުކޮށްފިއެވެ.

މިއަހަރުގެ މެއި މަހު ބޭއްވި ފީފާގެ 71 ވަނަ ކޮންގްރެސްގައި ފީފާގެ އިންޓަނޭޝަނަލް މެޗު ކަލަންޑަރަށް ބަދަލުތަކެއް ގެންނަން ހުށައެޅި ޕްރޮޕޯސަލަށް މިހާތަނަށް 162 ގައުމެއް ވަނީ ތާއިދުކޮށްފައެވެ.

ދެކުނު އޭޝިއާގެ ހަތަރު ގައުމުގެ ފުޓުބޯޅައިގެ މައި އިދާރާ ގުޅިގެން މިކަމާއި ގުޅޭ ނޫސްބަޔާނެއް ވަނީ ނެރެފައެވެ. ހަތަރު އިދާރާގެ ރައީސުންގެ އެންމެ ބޮޑު އެދުމަކީ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވިގެން ފުޓްބޯޅަ އަށް ގެންނަން ޖެހޭ ބަދަލުތައް ގެެނެސްދިނުން ކަމަށާއިމި ސަރަހއްދުގެ ގައުމުތަކަށް ވީހާވެސް ގިނަ މެޗުތަކެއް ކުޅުމުގެ ފުރުސަތު ދިނުން ކަމަށެވެ.

މި ބަޔާނުގައި ބުނެފައިވަނީ ވޯލްޑްކަޕަށް ކޮލިފައިވާން ލިބޭ ފުރުސަތުތައް މަދު ކަމަށާއި އޭޝިއާގެ މެމްބަރު ގައުމުތަކުގެ ތެރެއިން ވޯލްޑްކަޕުގެ ފުރުސަތު ލިބެނީ ހަތަރު ބައި ކުޅަ އެއްބަޔަށް ވުރެވެސް ކުޑަ ފުރުސަތެއް ކަމަށެވެ. އަދި މިއީ ފުޓުބޯޅައިގެ މުސްތަގްބަލަށް ވިސްނާއިރު ވިސްނަންޖެހޭ ކަމެއްގެ ގޮތުގައިވެސް މި ބަޔާނުގައިވެއެވެ.

އޭޝިއާގެ ގައުމުތަކުގައި އޮތް ފުޓްބޯޅަ ހުނަރުތަކަށް ބަލާއިރު މިއީ ލިބޭ ބޮޑު ނިކަމެތިކަމެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ. އަދި އޭޝިއާގެ ގައުމުތަކަށް ފުޓުބޯޅައިގައި ބަސްބުނުމުގެ ހައްގު ވީހާވެސް ފުޅާކޮށްދިނުމަށް އެދޭކަމަށާއި ދެކުނު އޭޝިއާގެ ހަތަރު ގައުމު ކަމަށްވާ ރާއްޖެއާއި ލަންކާ އަދި ބަންގްލަދޭޝް އާއި ނޭޕާލް އެދެނީ މި ކަލަންޑަރަށް ބަދަލުތަކެއް ގެންނަން ކަމަށެވެ

މިހާރު ހަދާފައިވާ އުސޫލުތަކަކީ ވެސް އޭޝިއާގެ ގައުމުތަކާއި މާ ބޮޑު މަޝްވަރާތަކެއް ކޮށްގެން ހަދާފައިވާ އުސޫލުތަކެއް ނުނެވެ. އެއާއެކު ގިނަ މައްސަލަތަކެއް ކުރިމަތިވިއެވެ. އަދި މި އުސޫލުތަށް ޒަމާނާއި އެއް ފެންވަރަކަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށްވެސް އޭޝިއާގެ ގައުމުތަކުން ގަބޫލުކުރެއެވެ. މިހާރު އޮތީ 1930 ގައި ކުރެވުނު މަޝްވަރާތަކާއި އެއްގޮތަށް ކުރިޔަށްދާ އުސޫލެކެވެ. މި އުސޫލު އެކުލަވާލުމުގައި މާ ގިނަ ބައެއްގެ ހިޔާލު ހޯދާފައިނުވެއެވެ. ބޮޑަށް އޮތީ ޔޫރަޕަށް ފައިދާވާ ގޮތަކަށް އެ ބައްޓަންކޮށްފައެވެ.